ހަބަރު

މަސީހު ވަކި ކުރުމުގެ ކުރިން، އިސްތިއުފާދީ: އިދިކޮޅު ޕީޖީ

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެ މަގާމުން ވަކި ކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދެއްވާ ވަޑައިގަތުމަށް އިދިކޮޅު އިއްތިހާދުގެ މެންބަރުން ގޮވާލައްވައިފި އެވެ.

އިދިކޮޅު މެންބަރުން މިހެން ބުނެފައި ވަނީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަން ކޮމިޝަން (އިސީ) އިން ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާ ގުޅިގެން މިއަދު ބޭއްވީ ޕްރެސްގަ އެވެ. އީސީ އިން އެގޮތަށް ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ އީސީގެ ނިންމުމާއެކު ރައީސް އަބްދުﷲ ޔާމީން މަޖިލީހުގައި އަޅުވާފައިވާ ތަޅު ނެއްޓިއްޖެ ކަމަށާއި އެހެންކަމުން ހުރިހާ މެންބަރުންނަށް ވެސް މަޖިލީހަށް ވަދެ މިހާރު މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރައިސް ޔާމީންގެ ނުފޫޒާއެކު ގަވާއިދާ ހިލާފަށް މަސީހު މަޖިލިސް ހިންގަމުން އަންނަ ކަމަށާއި އެކަން ނިމުމަކަށް ދެން އަންނާނެ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އެހެންކަމުން މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމުގެ ކުރިން ރީތި ގޮތުގައި އަމިއްލައަށް އިސްތިއުފާ ދީފައިވަޑައިގަތުމަށް އެދޭ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހުރަސް އަޅަމުން މަސީހު ދާތާ މިހާރު ދެ އަހަރާއި ބައި ވެގެން އެ ދިޔައީ، އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި މަސީހަށް ނުހުރެވޭނެ ކަން މަސީހަށް އެނގޭނެ، ރައީސް ޔާމީންގެ ނުފޫޒާއި ބާރުގައި މަޖިލީހަށް ފުލުހުންނާއި ސިފައިން ވައްދައިގެން މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވަމުން ގެންދަވަނީ މަޖިލީހުގެ ގަވައިދާއި ގާނޫން އަސާސީއާ ހިލާފަށް،" ރޮޒެއިނާ ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ މަޖިލީހަށް ވައްދާފައި ވަނީ 2017 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ ކާމިޔާބު ވިޔަ ނުދިނުމަށް ޕީޕީއެމް ކޯލިޝަން އިން ވަނީ މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސް 43 މެންބަރުން އަގުލަބިއްޔަތުން ނޫނީ މަޖިލީހުގެ ރައިސް ވަކި ނުކުރެވޭ ގޮތަށް ގަވައިދަށް ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އެ އަހަރު ވަނީ އެ އަދަދަށް މެންބަރުން ހަމަކޮށް މަސީހު ވަކި ކުރަން މަސައްކަތްކޮށްފަ އެވެ. 12 މެންބަރުންގެ ގޮނޑި ގެއްލުވާލާފައި ވަނީ އެހާ ހިސަބުންނެވެ.

މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލުވާލާ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް ވެސް ނާކާމިޔާބުކޮށްލުމުގެ ފަހުން އިދިކޮޅު މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރުމަށް ފަހު ފަހުން މަޖިލީހުގެ ޖަލްސާތައް ވަނީ ބޮއިކޮޓްކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ މަޖިލީހަށް އަލުން ދާން ފަށާނެ ކަމަށް ބުނެފަ އެވެ