ޣައްސާން މައުމޫން

"ތަރައްގީގެ ދުވެއްޔަށް ކުރާ ނޭދެވޭ އަސަރު ފެނޭ"

ސިވިލްސާވިސް މުވައްޒިފުންގެ އަގު ވަޒަން ނުކޮށް ފުރައްސާރަ ކުރުމުން ތަރައްގީގެ ދުވެއްޔަށް ކުރާ ނޭދެވޭ އަސަރު މިހާރުވެސް ފެންނަމުންދާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޣައްސާން މިހެން ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެހެނިހެން އާންމު ރައްޔިތުން ފަދައިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެން ނުވާ ބައެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ސިވިލްސާވިސް މުވައްޒިފުންގެ ހައްގުތަކެއް ނެތްކަން ދޭހަވާ މޭރުމުން ސަލީމް ދެއްކެވި ވާހަކަތަކަށް ވަރަށް ގިނަ ބަޔަކު ރުޅިވެރިކަމާއި ނުރުހުމުގައި ރައްދު ދީފައިވެއެވެ. ޣައްސާން ވިދާޅުވީ ސިވިލް ސާވިސް މުވައްޒިފުންނަކީ ދައުލަތުގެ ހަގީގީ ހިންގުންތެރިކަން ކަމަށެވެ. ގައުމީ ހިދުމަތްތެރީންގެ އަގު ވަޒަން ނުކޮށް ފުރައްސާ ކުރުމުން ތަރައްގީގެ ދުވެއްޔަށް ކުރާ ނޭދެވޭ އަސަރު ފެންނަ ކަމަށްވެސް ވިދާޅުވިއެވެ.

ޣައްސާން ވަނީ ސިވިލްސާވިސްގެ އިހްލާސްތެރި ހިދުމަތް ސިޔާސީ ގޮތުން ކިލަނބު ނުކުރުމަށްވެސް އެދިވަޑައިގެންފައެވެ.

"އެމްޑީޕީން އަބަދުވެސް ވެރިކަމަށް އަންނަނީ ދިވެހިރައްޔިތުންގެ އުންމީދުތަކާއި ކުޅެގެން ނުފުއްދޭ ވަރުގެ ބޮޑެތި ވައުދުތައް ވެގެން. ވެރިކަމަށް އައިސް ވައުދުތައް ނުފުއްދާ ފެންނަނީ އެހެން ދިމާއަކަށް ގައުމު ގެންދިއުމުގެ މަސައްކަތްތަކެއް ކުރާ ތަން. ދިވެހި ރައްޔިތުންނަކީ އެއްވެސް ބައެއް ނޫން ކަމަށް އެމީހުން [އެމްޑީޕީ] ހިތުން ގަބޫލުކޮށްގެން އުޅޭތަން. ދިވެހި ގައުމުގެ ހާލަތާމެދު ކޮންމެ ދިވެއްސަކު ވަރަށް ފުންކޮށް މިއަދު ވިސްނަން ވެއްޖެ،" ޣައްސާން ވިދާޅުވިއެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހުތަކުގެ ބިލަށް މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެހެނިހެން އާންމު ރައްޔިތުން ފަދައިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެން ނުވާ ކަމަށެވެ. އެމީހުންނަކީ ވަކި ހުދޫދެއެއްގައި ވަކި އުސޫލުތަކަކާއި ވަކި އަހްލާގުތަކަކަށް ތަބާވާން ޖެހޭ ބައެއް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ވަޒީފާގައި އެއްބަސްވުމުގައި ސިވިލް ސާވަންޓުން ސޮއި ކުރަނީ އާންމު ރައްޔިތުންނަށް ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނި ކުރިޔަސް އެކަމަށް އެއްބަސް ވެގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ފޭސްބުކްގައި ބޭނުންހާ އެއްޗެއް ނުލިޔެވޭނެ. ބޭނުންހާ އެއްޗެއް ނުދެއްކޭނެ. އޭނާއަކީ ފޭސްލެސް މީހެއްްގެ ގޮތުގައި ތަޖުރިބާކާރުން ބުނަނީ. އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭނެ މީހެއް،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ދެން ނެންގެވި މައްސަލައަކީ އިންތިހާބުތަކުގައި ސިވިލް ސާވަންޓުން ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ވާހަކަދެއްކުމެވެ. ސަލީމްގެ ނަޒަރުގައި އެފަދަ ވާހަކަތައް ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި ލިޔެވިގެން ވެސް ނުވާނެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންނާ ގުޅޭގޮތުން ސަލީމް ދެއްކެވި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ވަނީ ސަލީމަށް ފާޑު ކިޔާފަ އެވެ. އަދި އެއީ އެމްޑީޕީ ކަހަލަ ހައްގުތަކަށް މަސައްކަތް ކުރާ ކަމަށް ދައުވާކުރާ ޕާޓީއެއްގެ މެންބަރަކު ދައްކަވައިގެން ވާނެ ފަދަ ވާހަކަތަކެއް ނޫން ކަމަށްވެސް ފާޑުކީ އާންމުން ބުނެފައިވެ އެވެ.