ހަބަރު

މާމެންދޫ ކަރަންޓް މައްސަލަ ހައްލުނުވާތީ، ރައްޔިތުން ނިކުމެ ކަރަންޓް ކަނޑާލައިފި

Jul 28, 2018
4

ލ. މާމެންދޫއިން ކަރަންޓް ކެނޑޭ މައްސަލައަށް ހައްލެއް ނުލިބޭތީ ރައްޔިތުން ނިކުމެ މުޅި ރަށުން ކަރަންޓް ކަނޑާލައިފި އެވެ.

މާމެންދޫ ކައުންސިލް މެންބަރު ޔޫސުފް އިރުފާން ވިދާޅުވީ، ޖަނަރޭޓަރަށް މައްސަލަ ދިމާވެ، ރަށުން ކަރަންޓް ކެނޑޭތާ ދެދުވަސްވެފައިވާ ކަމަށެވެ. ރަށަށް ކަރަންޓް ދެމުންދިޔައީ ރަށުގެ ދެފަޅިއަށް ބަހައިގެން ކޮންމެ ފަޅިއަކަށް އެއްގަޑި އިރަށް ކަމަށް އިރުފާން ވިދާޅުވި އެވެ.

އިރުފާން ވިދާޅުވީ، ކަރަންޓް ހަމަހަމަ ކަމާއެކު ރަށުގެ ސަރަހައްދުތަކަށް ކަރަންޓް ދެމުންނުދާތީއާއެކު ބައެއް ތަކެއްޗަށް ގެއްލުން ލިބެމުންދާތީވެ، އެރަށު ރައްޔިތުން ރޭ މުޅި ރަށުން ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ. އަދި މިހާރު ފެނަކައިގެ ބޭފުޅުންނާއި ވާހަކަ ދައްކައިގެން ދެގަޑިން ދެގަޑިން ބަހައިގެން ރަށުގެ ދެފަޅިއަށް މިހާރު ކަރަންޓް ދެމުންދާ ކަމަށްވެސް އިރުފާން ވިދާޅުވި އެވެ.

"ރަށުގައި ހުންނަނީ ދެ ޖަނަރޭޓަރު، އޭގެ ތެރެއިން 400 ވޯޓްގެ ޖަނަރޭޓަރަށް މައްސަލަ ދިމާވެ، ކަރަންޓް ކެނޑެން ފެށީ، މިރޭ އިތުރު ޖަނަރޭޓަރެއް ގެންނަން ފެނަކައިން މަސައްކަތް ކުރަމުން ދަނީ، މިރޭ ލިބޭނެ،" އިރުފާން ވިދާޅުވި އެވެ.

ފެނަކައިން ބުނީ، ކަރަންޓް ކެނޑެން ދިމާވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި މިރޭ އާ ޖަނަރޭޓަރެއް ގެންނާނެ ކަމަށެވެ. މިރޭ 250 ވޯޓްގެ ޖަނަރޭޓަރެއް ގެނެސް މާދަމާ މައްސަލަ އެއްކޮށް ހައްލު ކުރެވި ރަށަށް ކަރަންޓް ދެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.