ބޭރު ކުޅިވަރު

މިލްނާ ލިވަޕޫލަށް ބަދަލުވުމުގެ މަގު މަތީގައި

މެންޗެސްޓާ ސިޓީ އާއި އިންގްލެންޑްގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ޖޭމްސް މިލްނާއާއެކު ލިވަޕޫލުން މި ހަފުތާގެ ތެރޭގައި މަޝްވަރާތައް ފަށާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ދެހާސް ދިހަ ވަނަ އަހަރު ސިޓީ އަށް ބަދަލުވި މިލްނާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓުރެކްޓް ވަނީ ހަމަވެފަ އެވެ.

ލިވަޕޫލުން މިލްނާ ގެންދަން އިސްކަން ދޭ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. މިލްނާއާއެކު ލިވަޕޫލުން އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އަންނަ މަހުގެ އެއްވަނަ ދުވަހު މިލްނާ ،29، އަށް ލިވަޕޫލަށް ރަސްމީކޮށް ބަދަލުވެވޭނެ އެވެ.

ލީޑްސް ޔުނައިޓެޑް އިން ކެރިއަރު ފެށުމަށް ފަހު، މިލްނާ ވަނީ ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވެ އެ ކްލަބުގައި ހަތަރު އަހަރު ހޭދަކޮށްފަ އެވެ. ނިއުކާސަލް ދޫކޮށް އެސްޓަން ވިލާ އަށް ވެސް މިލްނާ ކުޅުނެވެ.

ސިޓީގައި ހޭދަކުރި ފަސް އަހަރުގެ ތެރޭގައި މިލްނާ ވަނީ ޕްރިމިއާ ލީގު ދެ ފަހަރު އަދި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. -- ބީބީސީ