މި އޯގަސްޓް މަހުގެ ތެރޭގައި ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރި އިތުރަށް ގަދަވެގެންދާނެ އެވެ. މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކެމްޕޭން ހަރަކާތައް ހިންގަމުން އެބަދެ އެވެ. ސިޔާސީ ހަރަކާތުގެ ތެރޭގައި އަބަދުވެސް އެންމެ ބޮޑު ތާއްޓެއް އަރަނީ ދިވެހި ފިލްމު އިންޑަސްޓްރީ އަށެވެ.
އެންމެ ފަހުން ރިޔާސީ އިންތިހާބެއް ބޭއްވި، 2013 ވަނަ އަހަރު ދިވެހި ފިލްމު އިންޑަސްޓްރީ އޮތީ މަރުވެފައޭ ވެސް ބުނެވިދާނެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުމާއެކު ގާތްގަނޑަކަށް ދެ އަހަރެއް ވަންދެން ދިވެހި ސިނަމާގެ ވިންދު އޮތީ ހުއްޓިފަ އެވެ. އެ ދެ އަހަރު ދިވެހި ސިނަމާގެ ސްކްރީނުގެ އަލިކަން އޮތީ ނިވިފަ އެވެ. ތަރިއެއްގެ ވިދުމެއް ނެތި ފަޅުވެފަ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި، 1995 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ފިލްމު އެވޯޑު ދޭން ފެށި އެވެ. އެ ވެރިކަމުގައި ފަސް ފަހަރަކު ގައުމީ އެވޯޑު ބޭއްވި އެވެ. ނަމަވެސް 2008 ގައި ފަސް ވަނަ ގައުމީ ފިލްމު އެވޯޑު ބޭއްވުމަށްފަހު، އެ އަހަރު ރައީސް ނަޝީދުގެ ވެރިކަމަށް ވަޑައިގަތުމާއެކު ޖެހިގެންއައި 2009 ވަނަ އަހަރުން ފެށިގެން ގައުމީ ފިލްމު އެވޯޑު ދިނުން ހުއްޓާލި އެވެ. އެއާއެކު ފިލްމީ ފަންނާނުނަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިޔަ އެވެ.
ނަމަވެސް ފިލްމީ ފަންނާނުންގެ ބުރަ މަސައްކަތް އަގު ވަޒަންކުރުމުގެ ގޮތުން ދިވެހި ފިލްމު އެސޯސިއޭޝަނުން އިސް ނަގައިގެން ރައީސް ނަޝީދުގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން އެވޯޑު ދީފައިވެ އެވެ.
ފިލްމީ ފަންނާނުންގެ އުއްމީދު އަނެއްކާވެސް އާވީ 2015 ވަނަ އަހަރު މިހާރުގެ ސަރުކާރުން އަލުން ގައުމީ ފިލްމު އެވޯޑުދޭން ފެށުމާއެކު އެވެ. ގައުމީ ފިލްމު އެވޯޑު ދިނުމުގެ ޒިންމާ ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އާއި ހަވާލުކުރި އެވެ. އޭގެ ފަހުން މިހާރު ތިން ފަހަރެއްގެ މަތިން ގައުމީ ފިލްމު އެވޯޑު ދީފި އެވެ. އަދި އަންނަ ޑިސެމްބަރު މަހުގައި މިދިޔަ އަހަރު އެޅުވި ފިލްމުތަކަށް ގައުމީ އެވޯޑުދޭނެ އެވެ.
ގައުމީ ފިލްމު އެވޯޑާއެކު ފިލްމީ ފަންނާނުން ފޮނި އުއްމީދުތަކެއް ކުރިނަމަވެސް، އެކަންވެސް އޮތީ ސިޔާސީ ކުލަވަރު ގަދަވެ ފޫހިވާ ހިސާބަށް ގޮސްފަ އެވެ. ފިލްމީ ހަފްލާއަކަށްވުރެ ސިޔާސީ ޕްރޮޕެގެންޑާ ފަތުރާ ދަރުބާރަކަށްވެފަ އެވެ.
މިދިޔަ ފަސް އަހަރަށް ބަލާނަމަ ގަބޫލުކުރަންޖެހޭ ހަގީގަތަކީ ފިލްމީ މަސައްކަތްތައް ކުރިއަށްވުރެ އިތުރުވެއްޖެ ކަމެވެ. މިދިޔަ އަހަރަކީ މި ބުނާ ވާހަކައަށް ބާރުދޭނެ މިސާލެވެ. މިފަހުން ދިވެހި ސިނަމާ އެންމެ ބާރުބޮޑުވީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ޖުމްލަ އަށް ފިލްމެއް ސްކްރީނަށް ގެނަ އެވެ. ފެންވަރު ރަނގަޅު ތަފާތު މަސައްކަތްތަކެއް ފެނިގެންދިޔަ އެވެ.
މި އަހަރު ފެށުނުއިރު ސްކްރީނަށް 20 ފިލްމެއް ގެންނާނެ ކަމަށް ވާހަކަދެކެވުނެވެ. ނަމަވެސް އަހަރު ދެބައިވިރު، އަދި އެޅުވުނީ އެންމެ ހަތަރު ފިލްމެވެ. އަނެއްކާވެސް ސިޔާސީ ތާއްޓެއްގަ އެވެ. އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން އަނެއްކާވެސް އިންޑަސްޓްރީއަށް ލޮޅުން އެރީ އެވެ. ނަމަވެސް ބައެއް ދިވެހި ޕްރޮޑިއުސަރުން ވަރަށް ހިތްވަރުކޮށް ފިލްމުތައް ދައްކާފައިވެ އެވެ. ސިޔާސީ ހަލަބޮލިކަމާއެކު ވިޔަފާރީއަށް ބޮޑެތި ގޮންޖެހުންތަކެއްވެސް ކުރިމަތިވިކަމަށް ޕްރޮޑިއުސަރުން ބުނެފައިވެސް އެވެ.
އިންތިހާބުގެ ފޯރި ގަދަވެގެންދާއިރު، ކުރިއަށް މި އޮތީ ދިވެހި ސިނަމާއަށް ބޮޑު އިމްތިހާނެކެވެ. އިންތިހާބުގެ ކުޅިސަމާގަނޑު އެންމެ ބޮޑުވެގެންދާ ދުވަސްވަރު ދިވެހި ދެ ފިލްމެއް ރިލީޒްކުރަން މިހާރު އޮތީ ތާވަލުކޮށްފަ އެވެ. އެއީ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު "ނިވައިރޯޅި" އާއި ޑާކް ރެއިން އެންޓަޓެއިންމަންޓުގެ ކްރައިމް ތްރިލާ ފިލްމު "ގޮއްރާޅު" އެވެ. "ނިވައިރޯޅި" އަޅުވާނީ އޮކްޓޯބަރު 15 ގަ އެވެ. އަދި "ގޮއްރާޅު" ދައްކަން ނިންމާފައި ވަނީ ނޮވެމްބަރު ފަހެއްގަ އެވެ.
މި ދެ ފިލްމަކީ މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ދެ ފިލްމެވެ. އަހަރުގެ އެންމެ ވަރުގަދަ، އެންމެ ބޮޑު ދެ ފިލްމުވެސްމެ އެވެ. މި ދެ ފިލްމު މި އަހަރު ރިލީޒްކުރަން ނިންމީވެސް ސިޔާސީ ހަލަބޮލިކަމާއި ހެދި މީގެކުރިން ފަސްކުރަމުން އައުމަށްފަހުގަ އެވެ. ދެ ފިލްމުގެ ޕްރޮޑިއުސަރުންވެސް ބޭނުންވަނީ ރިސްކެއް ނަގައިގެންވިޔަސް ބެލުންތެރިންގެ އިންތިޒާރަށް ނިމުމެއް ގެނައުމަށެވެ.
މި ރިސްކު ނަގައިގެން ދިވެހި ސިނަމާއަށް ކުރިމަތިވެފައި މި އޮތް ބޮޑު އިމްތިހާނުން ފާސްވެވިދާނެބާ؟ ސިޔާސީ ހަލަބޮލިކަމާއެކު ދިވެހި ފިލްމު އިންޑަސްޓްރީއަށް އަންނަ ތާއްޓަށް ނިމުމެއް އައިސްދާނެބާ؟ މިފަހަރު މި ނިންމުންވެސް އޮތީ ރައްޔިތުންގެ އަތްމަތީގަ އެވެ.