ފިނިޕޭޖް

ފާޑުކިޔައިގެން ފިލްމީ ދާއިރާ ބަދަލުވެއްޖެތަ؟

ދިވެހި ސިނަމާ އަށް ޝައުގުވެރިވާ އެންމެން ވެސް މިއަދު ދައްކާ ވާހަކައެއް އެބައޮތެވެ. -- އުފައްދާ ފިލްމުތަކުގެ ފެންވަރު ރަނގަޅުވެއްޖެ އެވެ. ޕްލޮޓްތައް ވަރުގަދަވެ ސްކްރީންޕްލޭތަކުގައި ކުރިއެރުންތަކެއް ހޯދައިފި އެވެ. ހުނަރުވެރި ޒުވާން ޑައިރެކްޓަރުން އިތުރުވެ ތަފާތު ފިލްމުތަކާއި ޓެކްނިކަލީ ގޮތުން ފެންވަރު ރަނގަޅު ފިލްމުތައް އުފެއްދުން ވެސް އިތުރުވެއްޖެ އެވެ. ދެ ތިން މީހަކު މިއޮތްހާ ދުވަހު ފިލްމުތަކުގައި ލީޑްރޯލު ކުޅުނު ޒަމާނަށް ވެސް އިރުއޮއްސި ޒުވާން ޖީލެއްގެ ހުނަރުވެރި އެކްޓަރުންތަކެއް ވެސް އެންމެފަހުން އުފެދިއްޖެ ވާހަކަ އެވެ.

މި ހުރިހާ ހާސަރެއް ނުދަމައި ކުރުކޮށް ބުނަނީ ނަމަ، ދިވެހި ސިނަމާގެ ހާލާތު ބަދަލުވެ، ފިލްމު އުފެއްދުމުގެ ފެންވަރު މި އޮތީ ހުރިހާ ދިމާލަކުން ވެސް މައްޗަށް ޖެހިލައިފަ އެވެ. ވަކިން ހާއްސަކޮށް ފިލްމުތަކަށް އަމާޒުވާ ފާޑުކިޔުން ހަޖަމުކޮށް އެއިން ފެންވަރު ރަނގަޅު ފިލްމުތަކެއް އުފެއްދުމުގެ ފޯރިއަކާއި ވާދަވެރިކަމެއް މިއަދު ފިލްމީ ދާއިރާގައި އެބައޮތެވެ.

ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ މިހާރުގެ އަމާޒަކީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްތަކުގައި މެޑަލް ޖެހުމެވެ.

އެކަމަކު "މި ފިލްމެއް" މީގެ ހައެއްކަ އަހަރު ފަހަތަށް "ރިވައިންޑް" ކޮށްލައިފި ނަމަ ދިވެހި ސިނަމާގެ ފެންވަރާއި ހަޖަމުކުރުމުގެ ނިޒާމު އޮތީ މި ފެންވަރަކަށް ނުއުފުލި އެވެ. ވަކިން ހާއްސަކޮށް ފާޑުކިޔުން ބަލައިގަނެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމުގެ ރޫހެއް އެއްވެސް ވަރަކަށް ނެތެވެ.

އޭގެ ބަދަލުގައި، ފާޑުކިޔުން އަމާޒުވި ފަރާތްތަކުން މަސައްކަތްކުރީ ފާޑުކިޔާ މީހުންގެ އަގު ވައްޓާލުމަށެވެ. އެ ވިސްނުމުގައި ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ފާޑުކިޔުންތެރިންގެ އަގު ވައްޓާލުމުގެ ބޭނުމުގައި "ޑޮކިއުމެންޓްރީ" ވެސް ނެރުނެވެ. އަދި ފާޑުކިޔާ މީހުންނަށް ފޯނުން ގުޅައިގެން ބިރު ދެއްކުމާއި ހެއްދެވި ނެހެއްދެވިއަށް ގޮވައި ފުރައްސާރަކުރުމުގެ ސަގާފަތެއް ވެސް އޮތެވެ.

އިންޓަވިއުތަކަށް ގުޅާލީމަ، ރޯ އަވަގުރާނަ ގޮވާލާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާ ވެސް ދިމާވެފައި އެބަހުއްޓެވެ.

ނަމަވެސް ފާޑުކިޔުމަކީ ކުރިއެރުމެކޭ ބުނާ ހަގީގަތް މިއަދު މި އޮތީ ފިލްމީ ދާއިރާ އިން ވެސް ނިކަން ރަނގަޅަށް ފެންނާށެވެ. މި ހަގީގަތް އެއް ބަޔަކު ގަބޫލުކުރި ކަމުގައިވިޔަސް ފިލްމީ ދާއިރާ އަށް ކުރިއެރުމެއް އައި ކަމަށް ގަބޫލުނުކުރާ އެތައް ބަޔަކު ވެސް އެބަތިއްބެވެ.

ވަކިން ހާއްސަކޮށް ފިލްމީ ދާއިރާގެ އެންމެ ތަޖުރިބާކާރު ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންގެ މެދުގައި މި ހިޔާލު އޮތީ ވަރަށް ބޮޑަށް ދެކަފިވެފަ އެވެ.

ދިވެހި ސިނަމާ ބަދަލެއް ނުވޭ، ބަދަލުވީ ގެންގުޅުނު ސާމާނު!

ފިލްމީ ދާއިރާ އަށް ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އައީ ކޮން ބަދަލުތަކެއްތޯ ނުވަތަ ފާޑުކިޔުންތަކާ އެކު މި ދާއިރާ އަށް އެއްވެސް ކަހަލަ ކުރިއެރުމެއް އަތުވެއްޖެ ކަމަށް ގަބޫލުކުރަންތޯ ސުވާލުކުރުމުން ގާތްގަނޑަކަށް ހުރިހާ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ވެސް ދިން ޖަވާބަކީ މިއީ އެވެ.

"ދިވެހި ސިނަމާއެއް ބަދަލެއް ނުވޭ. ދިވެހިން އުފައްދާ ފިލްމެއް ބަދަލެއް ނުވޭ. ބަދަލުވީ ގެންގުޅުނު ސާމާނުތައް."

މިހެންނެވެ. އެހެންވީމަ މަޝްހޫރު ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މިހެން ބުނަނީ ކީއްވެގެންތޯ ވެސް ބަލައިލަމާ ހިނގާށެވެ.

"ހެޔޮ ބަދަލުތަކެއް މި ދާއިރާ އަށް އަތުވެއްޖެއެކޭ ނުބުނެވޭނެ ހަގީގަތުގައި. އިކްއިޕްމަންޓްސް އަށް ބަލަނީ ނަމަ ސާމާނު އިތުރުވެ ފެންވަރު ރަނގަޅުވެއްޖެ އެންމެންގެ އަތުގައި ވެސް. އެކަމަކު މި އެއްޗެހިތައް ބޭނުންކޮށްގެން މަސައްކަތްކުރާނެ މީހުން މި ދާއިރާގައި އިތުރެއް ނުވޭ. ފިލްމު ބަލަން ބޭނުންވާ މީހުން ތިއްބަސް އެމީހުން ބޭނުންވާ އެއްޗެހިތަކެއް ގެނެސްދެވޭތަނެއް އަދިވެސް ނުފެނޭ ހަގީގަތުގައި،" ވަޅުޖެހިފައި އޮތް ފިލްމީ ދާއިރާ ކޮޅަށް ޖެހުމުގެ އުއްމީދުގައި ތަފާތު ފިލްމަކާ އެކު އެނބުރި އައިސްފައިވާ މަގްބޫލު ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނީ މިހެންނެވެ.

އޭނާ ދެން ބުނީ މޮޅު ފިލްމެއް އުފެއްދޭނީ ކޮންމެހެން އެންމެ ޒަމާނީ ކެމެރާއަކުން ވެސް ނޫން ކަމަށާއި އެންމެ މޮޅަށް ފާޑުކިޔާނެ ބަޔަކު ވެސް ތިބެގެން ނޫން ކަމަށެވެ.

"ފިލްމީ ދާއިރާ ކުރިއަރަނީ އިކްއިޕްމަންޓްސް ހޯދައިގެނެއް ނޫން. ފެންވަރު ރަގަޅު ސްކްރިޕްޓްރައިޓަރުން ވެސް ހޯދައިގެން. އެންމެ ފަހުގެ ކެމެރާސެޓްތައް ވެސް އެބަ ގެންގުޅޭ. އެކަމަކު މި އަންނަނީ މުޅިއަކުން ހެޔޮ ބަދަލުތަކެކޭ ނުބުނެވޭނެ،" ނަހުލާ ބުންޏެވެ.

"އެއީ ކުރީގެ ފޯރި ނެތީ މިހާރު. ރަނގަޅު ފިލްމުތަކެއް ނުނިކުންނަނީ މިހާރު."

މަޝްހޫރު ޑައިރެކްޓަރު އަބްދުލްފައްތާހުގެ ވިސްނުމުގައި، ދިވެހި ސިނަމާގެ ރަހަ އާއި އިސްޓައިލް ބަދަލުވެއްޖެ އެވެ. ނުވަތަ އެ ދިމާލުން ކޮންމެވެސް ކަހަލަ ބަދަލުތަކެއް އެބަ ފެނެ އެވެ. ނަމަވެސް ފިލްމީ ދާއިރާ އަށް އިންގިލާބެއް އަންނަ ވަރުގެ ބަދަލުތަކެއްގެ ކޮޅުމަތި އަދި ނުފެނެ އެވެ.

"ގަބޫލެއް ނުކުރަން ފިލްމު އުފައްދާ ގޮތް ބަދަލުވަމުންދާ ކަމަކަށް. ޓެކްނިކަލީ އަންނަ ބަދަލުތަކެއް ފާހަގަކޮށްލެވެނީ. ރަހަތައް ނުވަތަ ސްޓައިލް ބަދަލުވަނީ. ފިލްމީ ދާއިރާ އަށް އިންގިލާބެއް އަންނަ ވަރުގެ ބޮޑު ބަދަލުތަކެއް އަންނަ ކަމަކަށް ގަބޫލެއް ނުކުރަން،" އާ ފިލްމެއްގެ މަސައްކަތަށް ތައްޔާރުވަމުން އަންނަ ފައްތާހު ބުންޏެވެ.

އެއަށް ފަހު އޭނާގެ ހިޔާލާއި ޝަކުވާ ގެންދިޔައީ މުޅިން އެހެން ދިމާލަކަށެވެ. ފައްތާހު ބުނަނީ އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހެނީ ފެންވަރު ރަނގަޅު ސިނަމާތަކެއް ތަރައްގީކުރުމަށް ކަމަށެވެ. ޒަމާނީ ސިނަމާއެއް ނެތި ޒަމާނީ ފިލްމުތަކެއް ނުގެނެސްދެވޭނެ ކަމަށެވެ.

"މިހާރު މީގައި ވާގޮތަކީ، ހަމައެކަނި ފިލްމު އުފައްދައިގެނެއް ވެސް މިކަމެއް ނުވާނެ. ފިލްމު ދައްކާނެ ތަނެއް ނެތީމަ ކީއްކުރަން ހަދާ ފިލްމުތަކެއް. އޮލިމްޕަސް އެ އޮންނަނީ ނިދާފައި އަދި އެތަނުގެ ސައުންޑް ހުރީ 80ގައި،" ފަހުން ރިނޮވޭޓްކޮށް ކުލަ ބަދަލުކޮށް ފިނިކޮށްފައިވާ އޮލިމްޕަހަށް ފާޑުކިޔަމުން ފައްތާހު ބުންޏެވެ.

"ފިލްމު އުފައްދާ ރަހަތައް ޒަމާނާ އެއްގޮތަށް އެބަ ބަދަލުވޭ. އެކަމަކު އެ ބަދަލް ބެލުންތެރިންނަށް އިހްސާސްކުރެވޭނީ ސިނަމާ އަޕްގްރޭޑްވެގެން. މާލޭ މީހުންނަށް އެކަންޏެއް ނޫން ފިނިކުރި ސިނަމާއެއް ހުންނަން ޖެހޭނީ. ރަށްތަކުގައި ވެސް ސިނަމާ އެޅެން އެބަޖެހޭ."

ފައްތާހު ބުނަނީ އާ ހުނަރުވެރިން މި ދާއިރާއާ ގުޅެމުން އަންނައިރު ފެންވަރު ރަނގަޅު ސިނަމާތަކެއް ހުޅުވިއްޖެ ނަމަ އެއީ އުފައްދާ ފިލްމުތަކުގެ ކޮލިޓީ ވެސް ދެ ގުނަ އަށް އުފުލިގެންދާނެ ކަމެކެވެ.

ފިލްމު އުފެއްދުން ފަސޭހަވުމަކީ ނުބައި ފާލެއް

ދިވެހި ސިނަމާގައި މިހާތަނަށް އެންމެ ގިނަ ފިލްމު ޑައިރެކްޓްކޮށްފައިވާ ތަޖުރިބާކާރު އަމްޖަދު އިބްރާހިމް (އަމްޖޭ) ދޭ އިންޒާރަކީ މިއީ އެވެ. އޭނާ ބުނަނީ ހިފައި ގެންގުޅުނު ސާމާނުތައް ޒަމާނީ ފެންވަރަށް ތަރައްގީވިޔަސް ރަން ޒަމާނުގެ ފިލްމު އުފެއްދުމުގެ މަސައްކަތާ ގާތަށް ވެސް ޒުވާން ކުދިންނަކަށް އަދި ނުދެވޭ ކަމަށެވެ.

އޭނާ ފާހަގަކުރި އަނެއް ގޯސް ބަދަލަކީ، ދާއިރާގެ ކޮންމެ މީހަކަށް ފިލްމު ސްޓޫޑިއޯއެއް އުފައްދައިގެން އުޅޭ އުޅުމާއި ދެ މީހަކާއި ފަޅިއަކަށް ވެސް ފިލްމެއް ޝޫޓްކޮށް އެޑިޓްކޮށް ނެރެވޭހާ ފަސޭހަ އަގުހެޔޮ ޒަމާނަކަށް މިކަން ބަދަލުވެގެން ދިއުމެވެ.

"އިކްއިޕްމަންޓްސް، ސާމާނަށް ބަދަލު އައީ. އަޅުގަނޑުމެން ކުރިން ފިލްމު އުފައްދައި އުޅުނު ގޮތާ ގާތަކަށް ވެސް އަދި ނުދެވޭ މިހާރުގެ ކުދިންނަކަށް. ކުރީގެ މަސައްކަތާއި މަސައްކަތްކުރިގޮތާއި އެ ޑިސިޕްލިންއެއް މިހާރަކު ނެތް،" ފޯނުން ވާހަކަ ދައްކަމުން އަމްޖޭ ބުންޏެވެ.

"އައި ބަދަލަކީ ކޮންމެ ދެ މީހަކަށް ނުވަތަ އެކަކަށް ވެސް ފިލްމު ސްޓޫޑިއޯއެއް ހަދައިގެން މި މަސައްކަތްކުރެވޭ ގޮތްވުން. ފިލްމު ސްޓޫޑިއޯއެއް ހެދުން އެއީ އޭރު މިގޮތަށް ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން. އެހެންވީމަ މި ބަދަލަކީ ހަގީގަތުގައި ނެގެޓިވް ބަދަލެއް. އެއީ ދެ މީހަކު ނުވަތަ އެކަކު ފިޔަވައި އެންމެން ގުޅިގެން ހަދާ ފިލްމެއް ތަފާތުވާނެތާ."

މީގެ އިތުރުން އަމްޖޭ ދެން ބުނަނީ ސިނަމާގައި ގޮނޑިތައް ގިނަވުމަކީ ވެސް މައްސަލައެއް ކަމަށާއި ފާޑުކިޔައިގެން ލިބުނު ފައިދާ އަށް ވުރެން ވީ ގެއްލުން މާ ބޮޑު ކަމަށެވެ.

"ސިނަމާގައި މާ ގޮނޑި ވެސް ގިނައީ. ހައުސްފުލް ވީމަ ފިލްމެއް ކާމިޔާބުވެ، މޮޅުވާ ކަމަށް ގަބޫލުކުރެވިފައި މި އޮންނަނީ،" އަމްޖޭ ބުންޏެވެ.

"ފާޑުކިޔައިގެން ފައިދާ އަށް ވުރެ ވީ ގެއްލުން. ފާޑުނުކިޔާއިރު ފިލްމުގެ ވިޔަފާރި ވަރަށް ރަނގަޅު. ފިލްމު ބެލި މީހުން ވެސް ގިނަ. ވާގޮތަކީ ބިނާކުރަނިވި ގޮތަކަށް ނޫން ފާޑުކިޔުން މި ތަނުގައި މި އޮންނަނީކީއެއް ވެސް. އެގޮތަށް ފާޑުކިޔައިގެން ފިލްމުތަކުގެ ވިޔަފާރި ހަލާކުކޮށްލަނީ."

އަމްޖޭމެން އަދި ދާއިރާގެ ބައެއް މީހުންގެ ހިޔާލުތައް މިފަދަ ގޮތަކަށް ހުއްޓަސް ފާޑުކިޔުމަކީ ހެޔޮ ބަދަލެއް އައި ކަމެއް ކަމަށް ގަބޫލުކުރާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ވެސް ފިލްމީ ދާއިރާގައި އެބައުޅެ އެވެ. އަދި މިހާރަށް ވުރެން ބޮޑަށް، ވަރުގަދަ އަށް ފާޑުކިޔުމަށް ހިތްވަރުދޭ މީހުން ވެސް އެބަތިއްބެވެ.

"އެއީ އަޅުގަނޑުމެން ބޭނުންވޭ ފާޑުކިޔައިގެން ނަމަވެސް މި ދާއިރާ ކުރިއަރަން. މިހާރު ވެސް އެ ބަދަލު އެބަ ފެނޭ. އެންމެނަށް އެނގޭ ގޮތަށް ފިލްމުތަކަށް ފާޑުކީމަ، ފިލްމެއް އަލުން އުފައްދާއިރު މިއަދު އެންމެން ވެސް އެބަ މަސައްކަތްކުރޭ ފާޑުކިޔާ މީހުންގެ އަނގަ ބަންދުވާ ގޮތަށް ނުވަތަ ފާޑުކިޔުން އަމާޒުނުވާނެ ފެންވަރެއްގައި ފިލްމު ހަދަން،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މަޝްހޫރު ޑައިރެކްޓަރަކު ބުންޏެވެ.