ދުނިޔެ

ބޮޑު ތިން ސިނގިރެޓް ކުންފުންޏެއް ރެކޯޑު އަދަދަކުން ޖޫރިމަނާކޮށްފި

Jun 2, 2015

ދުންފަތުގެ ބާވަތްތައް އުފައްދާ ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ތިން ކުންފުންޏެއް 12 ބިލިއަން ޑޮލަރުން މިއަދު ޖޫރިމަނާކޮށްފި އެވެ.

ކެނެޑާގެ ތާރީހުގައި ވެސް ކުރި އެންމެ ބޮޑު ޖޫރިމަނާއާ ކުރިމަތިލާން ޖެހުނީ އިމްޕީރިއަލް ޓޮބޭކޯ ކުންފުންޏާއި ރޮތުމަންްސް ބެންސަން އެންޑް ހެޖަސް ކުންފުނި އަދި ޖޭޓީއައި މެކްޑޮނާލްޑް ކުންފުންޏެވެ.

އެ ތިން ކުންްފުނި ޖޫރިމަނާކޮށްފައި ވަނީ، ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކާ ބެހޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެ، ކެނެޑާގެ ކިއުބެކް ސިޓީގެ ގާތްގަނޑަކަަށް މިލިއަނެއްހާ މީހުން އެކުވެގެން ކުރި ދައުވާއެއްގަ އެވެ. އެ ދައުވާ ކިއުބެކް ސުޕީރިއާ ކޯޓަށް ހުށަހަޅާފައި ވަނީ 1998 ގައި ކަމަށް ވިޔަސް، ޝަރީއަތް ފަށާފައި ވަނީ ވަރަށް ފަހުންނެވެ.

ޝަރީއަތުގެ މަޖިލީހުގައި އެ ތިން ކުންފުނިން ވެސް ބުނެފައި ވަނީ ކެނެޑާގެ ރައްޔިތުންނަކީ ދުންފަތުގެ ސަބަބުން ސިއްހަތަށް ލިބޭ ގެއްލުންތަކާ ބެހޭ މައުލޫމާތު "ވަރަށް މަތީ ދަރަޖަ އަކަށް" ލިބިފައިވާ ބައެއް ކަމަށެވެ. އެކަމަކު، ކޯޓުން ނިންމީ އެއީ އުޒުރެއްގެ ގޮތުގައި ބަލައިނުގަތުމެވެ.

ކިއުބެކް ސުޕީރިއާ ކޯޓުގެ މި ނިންމުން އިސްތިއުނާފް ކުރާނެ ކަމަށް އެ ތިން ކުންފުނިން ވެސް ވަނީ ބުނެފަ އެވެ.