ވޮޝިންގްޓަން (ޖުލައި 31) - އިރާނުގެ ތެޔޮ ބޭރު ކުރުމަށް އެމެރިކާ އިން ހުރަސް އެޅުމާއި ގުޅިގެން ދެގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތަކާއި ތަފާތު އިންޒާރުތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި، އެއްވެސް ޝަރުތެއް ނެތި އީރާނުގެ ވެރިންނާ ބައްދަލު ކުރަން ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"އަހަރެން އިރާނާއި ބައްދަލުކުރަން މިހުރީ ތައްޔާރަށް. އަހަރެންނަކަށް ނޭނގެ އެމީހުން ބޭނުންވާކަމެއް ނުވަތަ ނޫންކަމެއް. އެއްބަސްވުން އަހަރެން ނިމުމަކަށް ގެނައީ. އެ އެއްބަސްވުމަކީ ތާންކުންތާކު ނުޖެހޭ އެއްބަސްވުމެއް. އަހަރެން ގަބޫލު ކުރާ ގޮތުގައި އިސާހިތަކު އެމީހުންވެސް ބައްދަލުވާން ބޭނުންވާނެ. އެހެންވީމަ އަހަރެންވެސް އެމީހުންނާއި ބައްދަލުކުރަން މިހުރީ ތައްޔާރަށް،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ސިޔާސީ އަދި އިގްތިސޯދީ ގޮތުން އިރާނު އިތުރަށް އެކަހެރި ކޮށްލުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. މިގޮތުން އަންނަ ނޮވެމްބަރު މަނުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އިރާނާއި ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ހުރިހާ ފަރާތްތަކުން އެ ގުޅުން އެއްކޮށް ކަނޑާނުލައިފިނަމަ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފަ އެވެ.
އެމެރިކާގެ އެ ނިންމުމާއި ގުޅިގެން، މުޅި ސަރަހައްދުން ތެޔޮ ބޭރުކުރުމަށް ހުރަސްއަޅާނެކަމުގެ އިޝާރާތެއް އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ކުރައްވާފަ އެވެ.
އިރާނުގެ ނިއުކްލިއާ ޕްރޮގްރާމު ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަންފެށީ، 2015 ވަނަ އަަހަރު ހަ ގައުމާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު އެވެ.
އިރާނުގެ މައްސަލައަކީ އެމެރިކާގެ ގައުމީ ސަލާމަތާއި ގުޅުންހުރި އެންމެ ބޮޑު އެއް މައްސަލަކަމުގައި އެމެރިކާ ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.
ދުނިޔޭގެ ހަތަރުވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ އިރާނާއިއެކު ވިޔަފާރީގެ ގުޅުން ހުއްޓާލުމަށް އެމެރިކާ އިން ދީފައިވާ މުހުލަތަށް ލުޔެއް ލިބޭތޯ ޔޫރަޕުގެ ބައެއް ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެކަމުގައި ދޫނުދޭނެކަމުގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.