ދުނިޔެ

އުތުރު ކޮރެއާ އިން އަދިވެސް މިސައިލް އުފައްދާ ކަމުގެ ތުހުމަތު

Jul 31, 2018

ވޮޝިންގްޓަން (ޖުލައި 31) - އެމެރިކާ އާއި އޮންނަ ގުޅުން ރަނގަޅު ވަމުން އަންނަ ދަނޑިވަޅެއްގައި، އުތުރު ކޮރެއާ އިން އާ މިސައިލް ނިޒާމެއް އުފައްދަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ތުހުމަތުކޮށްފި އެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެމެރިކާގެ އޮފިޝަލުން ވޮޝިންޓަން ޕޯސްޓަށް ބުނި ގޮތުގައި އުތުރު ކޮރެއާ އިން މީގެ ކުރިން ބެލިސްޓިކް މިސައިލް އުފެއްދި ސައިޓެއްގައި އަނެއްކާވެސް ދަނީ "ހަރަކާތްތަކެއް" ހިންގަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އާއެކު ސިންގަޕޫރުގައި ބޭއްވުނު ތާރީހީ ބައްދަލުވުމަށްފަހު، އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށްޓަކައި ހަތިޔާރު ޓެސްޓު ކުރާ ސައިޓުތައް ރޫޅާލުމަށް އެއްބަސްވެވުނު ނަމަވެސް، އެ އެއްބަސްވުމުގައި ވަކި ސައިޓުތަކެއްގެ ނަން ހިމާނަފައެއްނުވެ އެވެ.

އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން އިތުރަށް ބުނި ގޮތުގައި، އުތުރު ކޮރެއާ އިން ދަނީ ވެރިރަށް ޕިޔޮންގްޔޭންގް ކައިރީގައިވާ ސަނުމްޑޮން ފެސިލިޓީގައި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އުފައްދަމުން ކަމަށެވެ. އެ ފެކްޓަރީން ކުރިން ވަނީ އެމެރިކާ އަށް ހަމަލާ ދެވޭ ވަރުގެ ދިގު ރާސްތާ މިސައިލެއް ކަމަށްވާ ވަސޮންގް-15 އުފައްދައިފަ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ވެސް ބުނީ އެ ފެކްޓަރީ ހިމެނޭ ސަރަހައްދުގައި ވެހިކަލްތައް ދުއްވާ މަންޒަރު ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވާ ކަމަށެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމާއި ހިލާފަށް އުތުރު ކޮރެއާ އަދިވެސް ދަނީ ނިއުކުލިއާ މަސައްކަތްތައް ކުރަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ.