ހަބަރު

މަޖިލީހުގެ މި ދައުރު ކުރުކޮށް، ތިން ވަނަ ދައުރު ދިގު ދަންމަން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތު ކުރުކޮށް ތިން ވަނަ ދައުރު ދިގުވާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވައިދަށް އާންމު ކޮމިޓީ އިން ގެނައި އިސްލާހު ފާސް ކުރުމަށް މިއަދު ވޯޓަށް ހުޅުވާލުމުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 26 މެންބަރުންގެ އިއްތިފާގުން އެ އިސްލާހު ފާސްވި އެވެ.

މަޖިލީހުގެ ގަވައިދުގައި މިހާރު އޮންނަ ގޮތުން ދެވަނަ ދައުރު ހިނގާނީ ޖޫން 1 އަކުން ފެށިގެން އޮގަސްޓު މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު އޮކްޓޯބަރު 1 އަކުން ނޮވެމްބަރު މަހުގެ ނިޔަލަށް ހިނގާނެ އެވެ. ނަމަވެސް އެ އިސްލާހު ފާސްވުމާއެކު ދެވަނަ ދައުރުގައި މި މަހު 16 ގައި ނިމޭނެ އެވެ. އަދި މި މަހު 27 ގައި ތިން ވަނަ ދައުރު ފަށާނެ އެވެ.

އާންމު ކޮމިޓީ އިން ވަނީ މަޖިލީހުގެ ގަވައިދުގެ 89 ވަނަ މާއްދާއަށް ވެސް އިސްލާހެއް ހުށަހަޅަން ފާސްކޮށްފަ އެވެ. އެގޮތުން ބިލެއް މަޖިލީހުން ފާސް ކުރުމުގެ ކުރިން އިތުރު އިސްލާހެއް ގެންނަ ބޭނުންވެއްޖެ ނަމަ ނުވަތަ މާއްދާއެއް އުނި ކުރަން ހުށަހަޅަން ބޭނުން ނަމަ އެ ބިލު ކޮމިޓީއަށް ފޮނުވަން ނޫނީ އިސްލާހެއް މަޖިލީހަށް ގެންނަން ފާސް ކުރެވިދާނެ ގޮތަށް އެ
ގަވާއިދު ވަނީ ބަދަލުކޮށްފަ އެވެ.