ދުނިޔެ

އުތުރު ކޮރެއާގެ ނިއުކުލިއާ މަސައްކަތެއް ނުހުއްޓޭ: އދ.

Aug 4, 2018

ނިއުޔޯކު (އޯގަސްޓް 4) - އުތުރު ކޮރެއާގެ ނިއުކުލިއާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާކަމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، އދ. އިން އަޅާފައިވާ ފިޔަވަޅުތަކާއި ދެކޮޅަށް އުތުރު ކޮރެއާ އިން ގެންދަނީ ބޮޑެތި އަދަދުތަކުން ތެލުގެ މުއާމަލާތްތައް ހިންގަމުންކަމަށާއި، ގަވާއިދާ ހިލާފަށް ހަތިޔާރު ވިއްކުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށެވެ.

އދ. ސެކިއުރިޓީ ކައުންސިލުން އެދިގެން، ބައިނަލްއަގުވާމީ މިނިވަން ޓީމަކުން އެކުލަވާލި ރިޕޯޓާއި ގުޅޭގޮތުން އުތުރު ކޮރެއާ އިން އަދި މިހާތަނަށް އެއްޗެއް ބުނަފައެއްނުވެ އެވެ.

މި ރިޕޯޓުގައި އަނެއްކާވެސް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނީ، އެމެރިކާ އާއި އޮންނަ ގުޅުން ރަނގަޅު ވަމުން އަންނަ ދަނޑިވަޅެއްގައި، އުތުރު ކޮރެއާ އިން އާ މިސައިލް ނިޒާމެއް އުފައްދަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ތުހުމަތުކޮށްފައި ވަނި ކޮށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އާއެކު ސިންގަޕޫރުގައި ބޭއްވުނު ތާރީހީ ބައްދަލުވުމަށްފަހު، އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށްޓަކައި ހަތިޔާރު ޓެސްޓު ކުރާ ސައިޓުތައް ރޫޅާލުމަށް އެއްބަސްވެވުނު ނަމަވެސް، އެ އެއްބަސްވުމުގައި ވަކި ސައިޓުތަކެއްގެ ނަން ހިމާނަފައެއްނުވެ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.

ނަމަވެސް، އެ އެއްބަސްވުމާއި ހިލާފަށް އުތުރު ކޮރެއާ އަދިވެސް ދަނީ ނިއުކުލިއާ މަސައްކަތްތައް ކުރަމުންދާ ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ.