ހަބަރު

އެންމެން ނުކުމެ އިބޫއަށް ވޯޓު ދިނުމަށް ރައީސް މައުމޫން އެދިވަޑައިގަންނަވާ: ވަކީލް

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އެދިވަޑައިގަންނަވަނީ 23 ސެޕްޓެމްބަރުގައި އެންމެން ނިކުމެ، އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަދި ރަނިންމޭޓް ފައިސަލް ނަސީމަށް ވޯޓްދީ މި ސަރުކާރު ބަދަލު ކުރުމަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް ވިދާޅުވީ، ރައީސް މައުމޫން މިއަދު ޖަލުތަކުގެ ތޭރިތަކުގައި އޮންނެވި ނަމަވެސް އެމަނިކުފާނަށް ލިބިގެންދާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އިބޫ އާއި ފައިސަލް ހޮވުމަށްޓަކައި ރައްޔިތުން މިއަދު އަތުކުރި އޮޅާލައިގެން ނިކުމެ ތިއްބެވުން ކަމަށެވެ.

"އެމަނިކުފާނު އެދިވަޑައިގަންނަވަނީ ތިޔަ އެންމެހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ގުޅިފައިވާ އިއްތަހާދަށް ތާއީދުކުރައްވާ ހުރިހާ ބޭފުޅުން 23 ސެޕްޓެމްބަރުގައި އަބޫ އަދި ފައިސަލް އަސް ވޯޓްދެއްވައި މި އަނިޔާވެރި ސަރުކާރު ބަދަލު ކުރުމަށްޓަކައި އެންމެން އެކައްޗެއް ކިޔައި އެކުގައި މަސައްކަތް ކުރުމަށް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރައީސް ޔާމީން ދިއްގަރު ދާއިރާއަށް އެހާބޮޑު ނަފްރަތް ކަމެއް އޮންނަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި ފާއިތުވި ފަސް އަހަރަކީ ދިއްގަރު ދާއިރާ ތަމްސީލް ނުކުރެވި ނިމިގެންދާ ފަސް އަހަރު ކަމަށެވެ. އަދި ވިދާޅުވީ، ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި ކެނޑިފައިވަނީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ބޭއިންސާފުގެ ސަބަބުން ކަމަށެވެ.

"އެންމެ ފުރަތަމަ ކުރީގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ކަމަށް އަހުމަދު ފާރިސް މައުމޫން އައުމުގެ ކުރިން އެދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު ނާޒިމްގެ ވާހަކަ، އަހުމަދު ނާޒިމްއަކީ މިދާއިރާއަށް އެތަކެއް ހިދުމަތްތަކެއް ކުރައްވާފައިވާ ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅެއް، ނާޒިމް ގޮނޑި ގެއްލިގެން ދިއުމަށްފަހުގައި ހޮވިވަޑައިގެންނެވީ ފާރިސް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މ. އަތޮޅަކީ ރައީސް މައުމޫނަށް ނުހަނު ލޯބި އޮތް އަތޮޅެއް ކަމަށާއި ފާރިސް ދިއްގަރު ދާއިރާއަށް ހޮވިވަޑައިގެންނެވީ ރައީސް މައުމޫނަށް މިއަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޮތްބާއި އޯގާތެރިކަމުގެ ސަބަބުން ކަމަށެވެ. ރައީސް އަބުދުﷲ ޔާމީންގެ ސަޕޯޓްގެ ސަބަބުން ނޫން ކަމަށާއި އެމަނިކުފާނުގެ ކެމްޕޭނުގެ ސަބަބުން ނޫން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"ރައީސް ޔާމީން ރައީސް ކަމުގެ މަގާމަށް އައުމުގެ ކުރިން އެންމެ ފަހުން އިންތިހާބުވި ދާއިރާއަކީ މުލަކު ދާއިރާ، އެދާއިރާއަށް އިންތިހާބުވެވަޑައިގެންނެވީ އެމަނިކުފާނުގެ ހުރި ކުޅަދާނަކަމާ ގާބިލްކަމާ އެމަނިކުފާނު އެކޮނޮމިސްޓަކަށްވުމުގެ ސަބަބަކުން ނޫން، އެމަނިކުފާނަށްޓަކައި އޮންނަ ތާއީދެއްގެ ސަބަބަކުން ނޫން، އެހެން ނަމަވެސް އެމަނިކުފާނު މުލަކު ދާއިރާއަށް ހޮވިވަޑައިގެންނެވީ ރައީސް މައުމޫނަށް ކުރާ އިތުބާރެއްގެ ސަބަބުން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު މި ދާއިރާއަށް ރައީސް ޔާމީން އެއްވެސް ކަމެއް ނުކޮށްދެއްވާ ކަމަށާއި ރައީސް ޔާމީން މިއަތޮޅަށް ކަންތައް ކުރައްވަމުން ގެންދަވާގޮތް ރައްޔިތުންނަށް މާބޮޑަށް އިނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ، މި ދާއިރާއަށްޓަކައި ރައީސް ޔާމީން ކޮށްދޭނެ އެއްވެސް ކަމެއްނެތް ކަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ނިކުމެ މިވެރިކަން ބަދަލި ކުރުމަށް ވޯޓްލާންވީ ކަމަށެވެ.