ދިވެހި ސިނަމާ

"ގޮށްރާޅު"ޓްރެއިލާ: ބޮޑު ސަޕްރައިޒަކާއެކު ޖުމައްޔިލް ތަފާތުކޮށް

"ގޮށްރާޅު" ގެ ފުރަތަމަ ޓްރެއިލާ.

އެންމެ ހައިރާންވީ މި ފިލްމުގެ ޓްރެއިލާއިން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ފެނިގެން ދިއުމުންނެވެ. ދިވެހި ސިނަމާގައި މިހާރު އެންމެ ނުފޫޒުގަދަ ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމަޓުން ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކްރައިމް ތްރިލާ ފިލްމު "ގޮށްރާޅު" ޓްރެއިލާ ބަލާލުމުން އެންމެ ފުރަތަމަވެސް ބުނެވުނީ މިހެނެވެ.

ކޮޕީ އިއްސެއަކީ ގައުމީ ފިލްމު އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ އެވޯޑުގެ އިތުރުން ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކުރި ކުޅަދާނަ އެކްޓަރެކެވެ. މި ފިލްމުގައި ކޮޕީ އިއްސެ ކުޅޭނެ ރޯލެއް އަދި ޔަގީނެއް ނުވެ އެވެ. ޑާކް ރެއިނުން އެ ވާހަކަ އޮތީ އަނެއްކާވެސް "ސަޕްރައިޒް" އެއްގެ ގޮތުގައި ސިއްރުކޮށްފަ އެވެ. މި ފިލްމުގައި އިއްސެ އުޅޭކަންވެސް ހާމަ މިކުރީ "ސަޕްރައިޒް" އެއްގެ ގޮތުގަ އެވެ.

ގާތްގަނޑަކަށް އެއްމިނެޓާއި 15 ސިކުންތައް ދެމިގެންދާ މި ފިލްމުގެ ޓްރެއިލާއިން އިއްސެ ފެނިގެންދަނީ ކުޑަ ހިނދުކޮޅަކަށެވެ. އިއްސެ ކުޅެނީ ކޮން ކަހަލަ ރޯލެއްކަމެއް ޓްރެއިލާއިން ޔަގީންނުވި ނަމަވެސް ބޮޑަށް ބެލެވެނީ މި ފިލްމުގައިވެސް އޭނާގެ ބާރުގަދަ ރޯލެއް ފެންނާނެ ކަމަށެވެ. ފިލްމުގެ ޑައިރެކްޓަރު އަހްމަދު ޝިނާން ބުނި ގޮތުގައި އިއްސެ ފެނިގެންދާނީ ވަރަށް މުހިންމު ރޯލަކުންނެވެ.

ބާރުގަދަ، ރުޅިގަދަ އަދި އަނިޔާވެރި ރޯލުތަކަކީ އިއްސެގެ ސްޓައިލްގެ ރޯލުތަކެވެ. އުންމީދަކީ މި ފިލްމުގައިވެސް އެކަހަލަ މޮޅު ރޯލަކުން އިއްސެ ފެނިގެންދިއުމެވެ. ޓްރެއިލާން ފެނިގެންދިޔައީ ވެސް ވަރަށް އަނިޔާވެރި މަންޒަރުތަކެކެވެ. ފިލްމުގެ ލީޑު ކާސްޓުގައި ހިމެނޭ ތަރިން ކަމުގައިވާ ޖުމައްޔިލް ނިމާލް އާއި ހަސަން އިރުފާން، ޒަކިއްޓެގެ އިންޓްރޯ މަންޒަރުތަކެއް ވެސް ޓްރެއިލާގައި ގެނެސްދީފައިވެ އެވެ.

ޓްރެއިލާ ފެށޭތަނުން، ޖުމައްޔިލް ގޮނޑިއެއްގައި ބަންދާފައި ޒަކިއްޓެ އޭނާއަށް އަނިޔާކުރުމަށް ބޮލުގައި ސިނގިރޭޓެއް ޖައްސާ ތަންވީ ދެން އެންމެ އަޅައިގަތް މަންޒަރެވެ. އެއާއެކު ދެން ފާހަގަވީ ޖުމައްޔިލްގެ ބޮލެވެ. މި އޮތްހާ ދުވަހު އޭނާ ބޯ ފޮރުވައިގެން، ބޮލުގައި ބީނީއެއް އަޅައިގެން އުޅުނީ މި ފިލްމު ކުޅުމަށް އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ވާތީ އެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން އަދި އިތުރު ދެ ޓްރެއިލާއެއްވެސް ދޫކޮށްލާނެ އެވެ. އިއްސެ އާއި ޖުމައްޔިލްގެ ބޮލާއި އަދި އިތުރު އަނިޔާވެރި މަންޒަރުތައް ފެންނާނެ ކަމަށް ބަލަމާ ހެއްޔެވެ.

މި ފިލްމުގައި ކާސްޓުންގައި ހިމެނޭ އިތުރު ތަރިންނަކީ ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް އެވެ.

މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކުރީ، ކާމިޔާބު ދިވެހި ފިލްމުތައް ކަމުގައިވާ "ލޫދިފާ" އަދި "ހެޕީ ބާތްޑޭ" ގެ ސްކްރީންޕްލޭ ތައްޔާރުކުރި މޫމިން ފުއާދެވެ. އަންނަ ނޮވެމްބަރު މަހު ފަހެއްގައި ރިލީޒްކުރާ މި ފިލްމަކީ އަހަރުގެ އެންމެ އުންމީދީ ފިލްމަށް ވާނެ އެވެ.