ދުނިޔެ

އިރާނުގެ ދިފާއުގައި އެމެރިކާއާ ދެކޮޅަށް އީޔޫ ތެދުވެއްޖެ

އެމެރިކާއިން އިރާނާއި ދެކޮޅަށް އެޅުމަށް ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް މިއަދުން ފެށިގެން އަމަލު ކުރަން ފަށާއިރު، އިރާނާއެކު ވެފައިވާ ނިއުކުލިއާ އެއްބަސްވުން ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކުން ބުނެފި އެވެ.

އީޔޫގެ މައި އިދާރާ، ފްރާންސް، އިނގިރޭސިވިލާތް އަދި ޖަރުމަނު ގުޅިގެން ނެރުނު ބަޔާނުގައިވާ ގޮތުން، އިރާނުގެ ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމުގެ ގޮތުން 2015 ވަނަ އަަހަރު ހަ ގައުމާއެކު ވެފައިވާ އެއްބަސްވުން ދަމަހައްޓާ، މާލީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އިރާނުގެ މަސްލަހަތު ހިމާޔާތް ކުރާނެ ކަމަށެވެ.

އަދި އެ އެއްބަސްވުމުގައި ބައިވެރިވުމަށް އެމެރިކާ އިން ނިންމި ނިންމުން އަނބުރާ ގެންގޮސް، އިރާނާއި ދެކޮޅަށް އަލުން ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާތީ، އެކަމާ ހިތާމަކުރާކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

2015 ވަނަ އަހަރު ވިއޭނާގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ނިއުކުލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ވުރެ ނިއުކުލިއާ ހަކަތައިގެ މަސައްކަތްތައް މަދުކުރުމަށް އިރާނުން ވަނީ އެއްބަސްވެފަ އެވެ.

އޭގެ ބަދަލުގައި، ދުނިޔޭގެ ބާޒާރަށް އިރާނުން ތެލާއި ގޭސް ނުވިއްކޭގޮތަށް އދ. އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމުގެ އިތުރުން، އެކި ގައުމުތަކުގައި ހުރި އިރާނުގެ 100 ބިލިއަން ޑޮލަރުގެ ހަރުމުދާތައް ދޫކޮށްލުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގައި، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، ރަޝިއާ، ޗައިނާ އަދި އީޔޫގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ސޮއިކޮށްފަ އެވެ.

އޭގެ އިތުރުން، އެމެރިކާ އިން އިރާނާއި ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވެސް ނެގުމަށް އޭރުގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދެއްގެ ދަށުން، އޮބާމާ ސަރުކާރުގެ އެ ނިންމުން އަނބުރާ ގެންނަވާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

މިގޮތުން، މިއަދުން ފެށިގެން އަމަލު ކުރަންފަށާ ފިޔަވަޅުތަކުގެ ތެރޭގައި، އިރާނުން އެމެރިކާ ޑޮލަރު ގަތުން ހުއްޓުވުމާއި، ވެހިކަލް އުފެއްދުމާއި، ރަނާއި، އެލުމިނީއަމާއި، ދަގަނޑު ފަދަ ތަކެތީގެ ވިޔަފާރި ހުއްޓުވުން ހިމެނެ އެވެ.

އެއަށްފަހު، އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން، އިރާނު ބޭރުކުރާ ތެލާއި، ގޭހުގެ އިތުރުން އެގައުމާއި އެކު އެއްވެސް ފައިސާގެ މުއާމަލާތްތަކެއް ހުއްޓާލުމުގެ ފިޔަވަޅުތައް އެޅިގެންދާނެ އެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ބޭނުމަކީ، 2015 ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ މާ ފުޅާކޮށް، ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތައް ހުއްޓުވުމުގެ އިތުރުން، ޓެރަރިޒަމް އަށް ހިތްވަރުދޭ ގޮތަށް އިރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މަޖުބޫރު ކުރުވުން ކަމުގައި ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.

ނަމަވެސް، އީޔޫ އިން ބުނެފައިވަނީ، 2015 ގެ އެއްބަސްވުމާއި އެއްގޮތަށް އިރާނުން އަމަލުކުރަމުންދާ އިރު، އެމެރިކާގެ ނިންމުމަކީ ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި ސަލާމަތަށް ނުރައްކާވާ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެމެރިކާގެ އެ ނިންމުމާއި ގުޅިގެން، މުޅި ސަރަހައްދުން ތެޔޮ ބޭރުކުރުމަށް ހުރަސްއަޅާނެކަމުގެ އިޝާރާތެއް އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ކުރައްވާފަ އެވެ.