ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން، ޝަރީއަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ސުޕްރީމް ކޯޓުން ހަދައި އާންމުކޮށްފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބަޔާންކޮށްފައިވާ ގޮތުގައި، ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ސުޕްރީމް ކޯޓުންނެވެ. ގާނޫނުގައިވާ ގޮތުން ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ހަދައި ނިންމަން ޖެހޭނެ އެވެ. ނަމަވެސް ގާނޫނުގައިވާ މުއްދަތު ހަމަވެ އެތައް މަހެއްވީއިރު ވެސް ސުޕްރީމް ކޯޓުން ގަވާއިދުތައް އެކުލަވާލާފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން ގާނޫނީ ބޭފުޅުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން ގާނޫނީ ވަކީލުން އެ ޝަކުވާ ހުށަހަޅުއްވާފައިވެ އެވެ. ސުޕްރީމް ކޯޓުން އިއްޔެ ގަވައިދު އެކުލަވާލުމާއެކު މި ކަންބޮޑުވުންތަކަށް ނިމުން އައީ އެވެ.
ސުޕްރީމް ކޯޓުން އެކުލަވާލަން ޖެހޭ ގަވައިދުތައް ނުހެދި އެތައް މަހެއްވުމަށްފަހު ގަވައިދުތައް އެކުލަވާލާފައިމިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އާ ދެ ފަނޑިޔާރުން އައްޔަންކުރައްވައި، އުއްތަމަ ފަނޑިޔާރު ކަމަށް ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައިކަން ފާހަގަކޮށްލެވެ އެވެ.
ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މި ގަވާއިދުގައި، ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީއަތް ހިންގުމުގައި ކޯޓުތަކުން އަމަލުކުރަންޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައްޔާއި، ކަފާލާތުގެ ދަށުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން އަމަލުކުރާނެ އެއްގޮތް އުސޫލުތަކާއި، ހޭބިއަސް ކޯޕަސް އަމުރު ނެރެމާގުޅޭ އުސޫލުތައް ހިމެނެއެވެ. އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތަކާ ގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ފަދަ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ.
ސުޕްރީމް ކޯޓުން ބުނި ގޮތުގައި، ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދަށް އަމަލުކުރަން ފެށިނަމަވެސް، ޖުވެނައިލް ކޯޓަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ގާނޫނުގައި ކުޑަކުދިންކަމުގައި ބުނާ ކުދިން ކުރާ ކުށްކުށުގެ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިގެންވާ ކޯޓުކަމުގައިވާތީ، ގާނޫނުން، އެ ކޯޓުގެ ޠަބީއަތުން އެ ކޯޓަށް ހާއްސަކުރެވިފައިވާ، ޝަރީއަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ގާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވަނީ އިސްތިސްނާ ލިބިދީފައެވެ. އަދި ހަމައެހެންމެ، ޑްރަގް ކޯޓަކީ، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކި ހާއްސަ އިޖުރާއަތުތަކެއް ހާއްސަވެގެންވާ ކޯޓެއްކަމުގައިވާތީ، ގާނޫނުން، އެ ކޯޓުގެ ޠަބީއަތުން އެކޯޓަށް ހާއްސަކުރެވިފައިވާ، ޝަރީއަތްކުރުމާ ގުޅޭ އެންމެހައި އިޖުރާއަތުތައް އެ ގާނޫނުގައިވާ ނިސްބަތަށް ހިންގުމަށް މި ގަވާއިދުން އެ ކޯޓަށް ވެސް ވަނީ އިސްތިސްނާ ލިބިދީފައެވެ.
ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 212 ވަނަ މާއްދާގެ (ށ) ގައި، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އަމަލުކުރަމުންދިޔަ ޖިނާއީ އިޖުރާއާތުގެ އާންމު އުސޫލުތައް އުވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން އުވިގެންދާ އުސޫލުތަކުގެ ތެރޭގައި ތިރީގައިވާ އުސޫލުތައް ހިމެނޭނެ ކަމަށް ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
- ޝަރީއަތްކުރުމާބެހޭ ގަވާއިދު 6.0 އާއި 6.1 ގައި ހިމެނޭ ޖިނާއީ އިޖުރާއާތުގެ އާންމު އުސޫލުތައް
- މީހުން ދިރިއުޅޭ ތަންތަން ބަލާފާސްކުރުމަށް ތަހްގީގުކުރާ ފަރާތުން ވަނުމުގެ ހުއްދަދިނުމުގައި ކޯޓުން އަމަލުކުރާނެގޮތުގެ ގަވާއިދު
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު
- ޖިނާއީ މައްސަލަތަކުގައި ޝަރީއަތް ހިންގުމާބެހޭ ގަވާއިދު
- ޖިނާއީ ކުށުގެ މައްސަލަތައް އަވަސްނިޔާއިން ނިންމުމާބެހޭ ގަވާއިދު
- ކަފާލާތުގައި ދޫކުރުމުގެ ގަވާއިދު
ރާއްޖޭގެ އަދުލުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނައި، ޖިނާއީ އިޖުރާއަތުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލި ގަވައިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
ގާނޫނުގެ ދަށުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ވެސް ތިން މަސް ދުވަހުގެ ތެރޭގައި ގަވައިދު ހަދަން ގާނޫނުގައި ލާޒިމްކުރި އެވެ. އެ މުއްދަތުގެ ތެރޭގައި އެ ކޯޓުން ގަވައިދު ހެދި އެވެ. ގާނޫނަށް އަމަލުކުރަން ފެށި ދުވަހު އެ އޮފީހުން ގަވައިދު އެކުލަވާލައި އާންމުކުރި އެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން އެ ގަވައިދަށް އިސްލާހެއް ގެނެސް ފައިނަލް ގަވައިދު އާންމުކުރި އެވެ.