ހަބަރު

ކޯޓު އަމުރު ދޫކުރާނެ ފަނޑިޔާރުންގެ ތާވަލު ފޮނުވަން އަންގައިފި

Aug 8, 2018

ޖިނާއީ މައްސަލަތަކާ ގުޅުގެން ކޯޓު އަމުރު ދޫކުރާނެ ފަނޑިޔާރުންނާއި އެ ފަނޑިޔާރުން އަމުރުތައް ނެރޭނެ ދުވަހުގެ ތާވަލުތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

މިއަދު އަމަލުކުރަން ފެށި ޝަރީއަތް ކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުން ކޯޓު އަމުރު ދޫކުރާނެ ފަނޑިޔާރުން ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ. އެ ގަވައިދަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ގަވައިދެކެވެ.

އުއްމަތަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ އާންމު ސިޓީގައި ބުނެފައިވަނީ ކޯޓު އަމުރު ދޫކުރާނީ އެ ކޯޓެއްގެ އިހްތިސާސް ހިމެނޭ ކަންކަމުގައި ކުރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓުގެ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ކަމަށެވެ.

އެގޮތުގެ މަތިން ކޯޓު އަމުރު ދޫކުރަން ހަމަޖެހިފައިވާ ފަނޑިޔާރުންނަށް ހާއްސަކޮށްފައިވާ ދުވަސްތަކުގެ ތާވަލު ކަމާބެހޭ ފަރާތްތަކަށް ފޮނުވަން އެ ސިޓީގައި ވަނީ އަންގާފަ އެވެ.