ބޮލީވުޑް

"ސެލްފީ" އެއް ނަގައިގެން ސަލްމާންއާ އެކު އެކްޓްކުރުމުގެ ފުރުސަތު

Jun 4, 2015

ސުޕަސްޓާ ސަލްމާން ޚާންއަކީ އަބަދުވެސް އޭނާގެ ފިލްމުތައް ޕްރޮމޯޓްކުރުމަށް ތަފާތު އުކުޅުތަކެއް ގެންގުޅޭ ތަރި އެކެވެ. އެކަން ކޮންމެފަހަރަކު ސަލްމާންގެ އާ ފިލްމެއް ރިލީޒްވުމާއި ގާތްވުމުން ފެނެ އެވެ.

އެގޮތުން މިހާރު ރިލީޒްވުމުގެ މަގުމަތީގައިވާ ފިލްމު "ބަޖްރަންގީ ބައިޖާން" ޕްރޮމޯޓްކުރުމުގެ ގޮތުން ވަނީ ސަލްމާންގެ ފޭނުންނަށް "ސެލްފީ ކޮންޓެސްޓެއް" ހުޅުވާލާފަ އެވެ.ފޮނުވާ ފޮޓޯތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް މިފިލްމުގެ މިހާރު ރިލީޒްކޮށްފައިވާ ލަވަ "ސެލްފީ ލެލެރެ"ގެ ރިމިކްސް ލަވައިގައި ސަލްމާން އާއިއެކު ފައި ހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މިފިލްމުގެ ފުރަތަމަ ލަވަގައި ސަލްމާން ވަރަށް ގިނަ ސެލްފީ ނަގާތަން ފެނެ އެވެ. އަދި މިހާރު މިލަވައިގެ ރިމިކްސް އެއް ތައްޔާރުކުރަމުން އަންނާތީވެ ސަލްމާން ބޭނުންވަނީ އެލަވައިގައި އޭނާގެ ސަޕޯޓަރުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް އޭނާއާއި އެކު ފެނިލުމުގެ ފުރުސަތު ދިނުމަށެވެ.

ސަލްމާން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އޭނާގެ ފޭނުންގެ ކިބައިން "ސެލްފީ ކޮންޓެސްޓް"ގައި ބައިވެރިވުމަށް އެދިފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކަށް މިފިލްމުގެ ފަރާތަކުން ބުނެފައިވަނީ، ފޭނުން ފޮނުވާ ސެލްފީތަށް ބަލައި މީހުން ހޮވާނީ ސަލްމާން ކަމަށެވެ. އަދި މިހާރު ރިލީޒްކޮށްފައިވާ ލަވަ ބެލުމަށްފަހު، ވީހާވެސް ބޮޑަށް އެލަވައިގައި ފެންނަގޮތަށް ސެލްފީ ނެގުމަށްވެސް ސަލްމާން އެދޭކަމަށް ބުންޏެވެ.

“ހޮވާލެވޭ ފަރާތްތަކަށް ރިމިކްސް ލަވައިގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ" ފިލްމުގެ ފަރާތުން ވާހަކަދެއްކި މީހާ ބުނެފައިވެ އެވެ.

މިދިޔަ ހަފްތާގައި ފުރަތަމަ ޓިޒާ ރިލީޒްކުރެވުމާއިއެކު ގިނަ ފަރާތްތަކަކުން ދަނީ މިފިލްމަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމުގެ ޔަގީންކަން މިހާރުވެސް އެބައޮތް ކަމަށް ބުނެފަ އެވެ. އޭގެތެރޭގައި ބޮލީވުޑްގެ ތަރިންގެ އިތުރުން ޑައިރެކްޓަރުންވެސް ހިމެނެ އެވެ.

ކަބީރު ޚާން ޑައިރެކްޓްކޮށްފައިވާ މިފިލްމުގެ މިހާރު ރިލީޒްކޮށްފައިވާ ޓީޒާއިން ފެނިގެންދަނީ އިންޑިއާގެ ބޯޑަރު ތެރެއަށް ގެއްލޭ ވާހަކަ ނުދެއްކޭ ކުޑަ ޕާކިސްތާނު އަންހެން ކުއްޖެއް އަނބުރާ ގައުމަށް ގެނެސްދިނުމަށް ސަލްމާން ކުރާ މަސައްކަތެވެ.

ސަަލްމާން ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގައި ކަރީނާ ކަޕޫރު ސަލްމާންގެ ލޯބިވެރިޔާގެ ރޯލުކުޅެފައިވާއިރު، އެކްޓަރު ނަވާޒުއްދީން ސިއްދީގީ ކުޅެފައިވަނީ ޕާކިސްތާން ނޫސްވެރިއެއްގެ ރޯލެވެ. 

ފިތުރު އީދު ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ޓީޒާ ރިލީޒްކުރުމުގެ އެއްދުވަސް ކުރިންވަނީ ޓްވިޓާއިން ހޮވާލެވުނު 50 ފަރާތަކަށް ދައްކާލަފަ އެވެ.