މިއުޒިކް

ސިމްބޮލިކްގެ "ވާނަން އުމުރަށް": ގަދަކަމުން ލޯތްބެއް ނުލިބޭނެ

ސިމްބޮލިކްގެ ލަވަ "ވާނަން އުމުރަށް".

ތަފާތު ސްޓައިލްތަކުގެ ލަވަތައް ގެނެސްދިނުމުގައި ރާއްޖޭގެ މަޝްހޫރު ރެކޯޑު ލޭބަލް "ސިންބޮލިކް ރެކޯޑްސް" އިން ވަނީ ރެކޯޑު ހަދާފަ އެވެ. އަނެއްކާވެސް ސިމްބޮލިކްއިން މި ވަނީ އާ ލަވައަކުން، އެ ތަފާތު ދައްކައިދީފަ އެވެ. މިފަހަރު ދޫކޮށްލީ "ވާނަން އުމުރަށް" އެވެ.

ލޯތްބަކީ ގަދަބާރުން ކަންކަން ގޮށްގެން ހާސިލުވާނެ އެއްޗެއް ނޫންކަމަށް ބުނެދޭ މި ލަވައަށް އަންނަނީ ބޮޑު ތަރުހީބެއްވެސް ލިބެމުންނެވެ. މި ލަވަ އެންމެ ބޮޑަށް ތަފާތުވީ ލަވާގައި ބޭނުންކޮށްފައިވާ ވިޒުއަލް އިފެކްޓްސްގެ މޮޅުކަމުންނެވެ. ލަވައިގެ މެދަކާއި ހަމައިން ކާރެއް އެއްލައިލާ މަންޒަރު ނަގާފައި ވަނީ މި ބުނާ ގޮތަށެވެ.

މި މޮޅު މަންޒަރުގެ ފަހަތުގައިވާ މޭސްތިރިއަކީ މުހައްމަދު ނަބީލް (ޓޯއީ) އެވެ. ލަވައިގެ ވިޒުއަލް އިފެކްޓްސްއާއި ފޮޓޯގްރާފީ، އެޑިޓިން އަދި އެނިމޭޝަންތަކުގެ މަސައްކަތްކުރީ އޭނާ އެވެ. ލަވަ ކިޔާފައި ވަނީވެސް ޓޯއީ އަދި ހުސެން ޒިޔާދު (ޒިޔާ) އެވެ. ލަވައިގެ ކޮންސެޕްޓު ތައްޔާރުކޮށް ޑައިރެކްޓުކުރީވެސް މި ދެ ފަންނާނުންނެވެ.

ލ އަތޮޅުގެ ހިތްގައިމު މާހައުލުގައި ނަގާފައިވާ މި ލަވާގައި އެކްޓުކޮށްފައިވެސް ވަނީ އެ އަތޮޅުގެ ކުދިންނެވެ. ލީޑު އެކްޓަރުންގެ ގޮތުގައި ފެނިގެންދަނީ ފާތުމަތު ރާޝިދާ (ރާކޮ)، އަހްމަދު ޖަޒްލާން (ޓެޑީ)، އަލީ ހާފިޒް (އައްޔަ) އަދި އިބްރާހިމް އަޝްރަފު (އިބޫ) އެވެ.

ސިމްބޮލިކްގެ ކްރިއޭޓީވް ޑައިރެކްޓަރު، އިސްމާއިލް ނާއިލް (ބްލަޑް) ބުނީ، މި ލަވާގައި ގެނެސްދީފައި ވަނީ ލޯބީގެ ނަމުގައި މުޖުތަމައުގައި ހިންގަމުންދާ އަނިޔާވެރިކަމާއި ކިޑްނެޕްކުރުމާއި މާރާމާރިއާއި އަދި މީހުން މެރުންފަދަ ކަންކަމެވެ. މިއީ މިހާރު ދިވެހި މުޖުތަމައުގައި އާންމުވަމުންދާ ކަމެއްކަން ފާހަގަކުރި އެވެ.

"އެއްވެސް ހާލަތެއްގައި މި ލަވާގެ މަގުސަދަކީ ލޯބީގެ ނަމުގައި މިފަދަ ބޮޑެތި ކުށްތައް ކުރުމަށް ހިތްވަރުދިނުމެއް ނޫން، އަދި މި ލަވައަކީ ވަކި މީހެއް ނުވަތަ ވަކި ރަށަކަށް ނިސްބަތްނުވާ ގޮތަށް ހިޔާލީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ލަވައެއް،" ނާއިލް ބުންޏެވެ.