ދުނިޔެ

ލިފްޓްގައި ތާށިވުމުން ފާހާނާކޮށް، ފެން ބޮވޭނެ ގޮތް ހަދަން ޖަޕާނުން ވިސްނަނީ

Jun 4, 2015

ބިންހެލުމެއްގައި ލިފްޓް ތެރޭގައި ތާށިވެއްޖެ ނަމަ ފާހާނާކޮށް، ފެން ބޮވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޖަޕާނުން ވިސްނަން ފަށައިފި އެވެ.

ޖަޕާނުގެ ކިޔޯޑޯ ނޫސް އެޖެންސީން މިއަދު ބުނި ގޮތުގައި ސަރުކާރުން އެ ގޮތަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު ވެރިރަށް ޓޯކިއޯ އަށް އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަށް ފަހު އެވެ. އެ ހުށަހެޅުމާ ގުޅޭ ގޮތުން އިންފްރަސްޓްރަކްޗާ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ލިފްޓް އުފައްދާ ކުންފުނިތަކުގެ އޮފިޝަލުން މި ހަފުތާގައި މަޝްވަރާކުރައްވާފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ސަރުކާރުން ހިޔާލުކޮށްފައި ވަނީ ފަތްޖަހާލެވޭ ބޯކަރުދާސް ފާހާނާއެއް ކޮންމެ ލިފްޓެއްގައި ހަރުކުރުމަށެވެ. އެ ޕޯޓެބްލް ފާހާނާގައި ވޯޓާޕްރޫފް ގޯންޏެއް ކަހަލަ އެއްޗެއް ހަރުކުރަން ވިސްނާފައިވާ ކަމަށްވެ އެވެ.

ދުނިޔެ އަށް ކޮންމެ އަހަރަކު އަންނަ ބާރުގަދަ ބިންހެލުންތަކުގެ ފަސް ބައިކުޅަ އެއްބައި ބިންހެލުން އަންނަނީ ޖަޕާން ސަރަހައްދަށެވެ. އެހެންވެ، ޖަޕާންގެ 60 ޕަސެންޓަށް ވުރެ ގިނަ ލިފްޓް ހަދާފައި ހުންނަނީ ކުރީ ބައިގައި ލޮޅުންތައް ދެނެގަނެ، އެންމެ އަވަހަށް ޖެހޭ ފަންގިފިލާ އަކަށް ހުއްޓައި އޮޓަމެޓިކުން ދޮރު ހުޅުވޭ ގޮތަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބިންހެލުމެއް އައިސްފައި ވަނީ ޓޯކިއޯޯއާ 874 ކިލޯމީޓަރު ދުރުން، ކަނޑުއަޑީގެ 600 ކިލޯމީޓަރު އަޑިއަށެވެ. ޖަޕާނު ގަޑިން އިރުއޮއްސި 6:30 ހާއިރު އައި ބިންހެލުމުގެ ލޮޅުންތައް މުޅި ޖަޕާނަށް ފެތުރުނުއިރު، ޓޯކިއޯގެ އިމާރާތްތަކަށް ވެސް ލޮޅުން އެރި އެވެެ. އެކަމަކު އެއްވެސް ސީރިއަސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ސުނާމީގެ އިންޒާރެއް ވެސް ދީފައެއް ނުވެ އެވެ.

އެ ބިންހެލުމުގައި ހުއްޓުނު ގާތްގަނޑަކަށް 20،000 ލިފްޓުގެ ތެރެއިން 14 ލިފްޓެއް ދެ ފަންގިފިލާ ދޭތެރޭގައި އެތައް އިރެއް ވަންދެން ތާށިވި ކަމަށްވެ އެވެ.

މާޗު 11، 2011 ގައި އައި 9.0 މެގްނިޓިއުޑުގެ ބިންހެލުމާ ގުޅިގެން ޖަޕާނުގެ ތިން ސަރަހައްދަކަށް ސުނާމީ އަރައި 15،883 މީހަކު މަރުވި އެވެ. ވީގޮތެއް ނޭނގި ގެއްލިފައިވާ 2،500 އަށް ވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ވަރަކަށް ފަހަކާ ޖެހެންދެން ވެސް ޖަޕާން ސަރުކާރުން ކޮށްފައިވެ އެވެ.