ދުނިޔެ

ހަނަފަސްކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އިންޑިއާގައި ބޮޑުވެއްޖެ

Jun 4, 2015

ވިއްސާރަވުމުގެ ފުރުސަތު ކުޑަވުމާ އެކު، އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހަނަފަސްކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ އަށް ބަރޯސާވާ އިންޑިއާގެ އެތައް މިލިއަން ދަނޑުވެރިންނަށާއި ދަނޑުވެރިކަމަށް ބަރޯސާވެފައިވާ އިންޑިއާގެ އިގްތިސާދަށް އޮތް ބޮޑު ބިރެކެވެ. އަދި އެ ކަމުގެ ސަބަބުން، އިގްތިސާދު ރަނގަޅުކުރެއްވުމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހަނަފަސްކަމާ ކުރިމަތިލާން ޖެހުމުގެ ބިރު ބޮޑުވެފައި ވާއިރު، އިންޑިއާގެ އެކި ހިސާބުތަކަށް ގަދަ ހޫނުގެ އަސަރުކުރަމުން ދާތާ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. ހޫނު ގަދަވުމުގެ ސަބަބުން 2،300 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައި ވާއިރު، ބައެއް ހިސާބުތަކުގައި ހޫނުމިން ގާތްގަނޑަކަަށް 50 ޑިގްރީ ސެލްސިއަސް އަށް އަރާފައިވެ އެވެ. އެ ގޮތުން، ދެކުނުގެ ސިޓީއެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ހޫނުމިން 47 ޑިގްރީ ސެލްސިއަސް އަށް އެރި އެވެ.

ވެރިރަށް ނިއު ދިއްލީގެ ހޫނުމިން ވެސް މީގެ ކުރީ އަހަރުތަކުގައި މި ދުވަސްވަރު ނުދާހާ މައްްޗަށް ގޮސްފައިވެ އެވެ. އެ ގޮތުން، ދިއްލީގެ ހޫނުމިން މިދިޔަ ހަފުތާގައި ހުރީ ގާތްގަނޑަކަށް 45 ޑިގްރީ ސެލްސިއަސްގަ އެވެ. މީގެ ކުރިން ދިއްލީގެ ހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ، މޭ 1944 ގައި 47 ޑިގްރީ ސެލްސިއަސް އަށެވެ.

ހޫނު ގަދަވުމުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ފަގީރު ހިސާބުތަކުގަ އެވެ. އެ ސަރަހައްދުތަކުގެ މަގުތަކާއި މާރުކޭޓުތައް އަދިވެސް ހުހަށް އޮތްއިރު، ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް 100،000 ރުފީސްގެ ބަދަލެއް ދިނުމަށް ނިންމާފަ އެވެ. އެހެން ނަމަވެސް، އެ ބަދަލު ދެމުން ދަނީ ތިން މެމްބަރުންގެ ހާއްސަ ކޮމިޓީއަކުން މަރުގެ ސަބަބު ޔަގީންކުރުމަށް ފަހު އެވެ.

އިންޑިއާ އަށް ހުޅަނގު މޫސުމުގެ ވިއްސާރައާ ކުރިމަތިވާނީ މި މަސް ނިމޭއިރު ކަމަށް ކުރިން ބެލެވިފައިވެ އޮތެވެ. އެކަމަކު، އެކަން މިހާރު އޮތީ ބޮޑު ޝައްކެއްގެ ތެރޭގަ އެވެ.