ދުނިޔެ

އެމެރިކާގެ އެއާޕޯޓަކުން މަތިންދާ ބޯޓު ވަގަށް ނެގީ މުވައްޒަފެއް

Aug 12, 2018
1

ވޮޝިންގްޓަން (އޯގަސްޓް 11) - އެމެރިކާގެ ސިއޭޓަލް އެއާޕޯޓުން ހުސްކޮށް އޮތް މަތިންދާ ބޯޓެއް ވަގަށް ނެގީ، ސެކިއުރިޓީ ކްލިއަރަންސް އޮތް މުވައްޒަފެއް ކަމުގައި ކަމާބެހޭ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އެއާޕޯޓުގައި އޮއްވާ އެ 76 ފަސަންޖަރުންނަށް ދަތުރުކުރެވޭ މަތިންދާ ބޯޓު ވަގަށް ނެގީ ހޮރައިޒަން އެއާގެ ގްރައުންޑް ހެންޑްލިންގައި އުޅޭ 29 އަހަރުގެ އެންޑްރޫ ރަސަލް ނަމަކަށް ކިޔާ މުވައްޒަފެއް ކަމުގައި އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ގާތްގަނޑަކަށް 90 މިނެއްޓު ވަންދެން ބޯޓު ދުއްވުމަށްފަހު، އޭނާ ވަނީ އަމިއްލައަށް ބޯޓު ވައްޓާލާފަ އެވެ. ބޯޓު ނައްޓާލުމާއެކު، އެމެރިކާގެ ވައިގެ ސިފައިންގެ އަސްކަރީ ދެ މަތިންދާބޯޓު ވަނީ ވަގަށް ނެގި ބޯޓު ފަހަތުން ގޮސްފަ އެވެ. ނަމަވެސް، އެ ބޯޓަށް އެއްވެސް ހަމަލާއެއް ދީފައިނުވާ ކަމަށާއި، ބޯޓު ވައްޓާލީ ރަސަލް އަމިއްލައަށް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ބޯޓު ވައްޓާލުމުން ރަސަލް މަރުވެފައިވާކަމަށާއި، ނަމަވެސް އިތުރު މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެ އެވެ. އެފަދަ ކަމެއް ކުރެވުނީތީ ކުޑަކޮށް ހައިރާންވެފައި ހުރި ރަސަލް އެއާ ޓްރެފިކް ކޮންޓްރޯލް އާއި ދެއްކި ވާހަކަތަކުގައި، އޭނާ ބޯޓު ވަގަށްނެގީ މީހަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނޫންކަމަށާއި، އެ އަމަލަށްޓަކައި އޭނާގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

އެއާލައިނާއި ސިއޭޓަލް އެއާޕޯޓް އޮފިޝަލުން ގުޅިގެން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އޭވިއޭޝަން އޮޕަރޭޝަންގެ ޑިރެކްޓަރު މައިކް އެލް ވިދާޅުވީ އެ ހާދިސާ މެދުވެރިވީ ސެކިއުރިޓީ މައްސަލައެއް އޮވެގެން ނޫންކަމަށާއި، ރަސަލް އަކީ މަތިންދާ ބޯޓުތައް ކައިރީގައި އުޅުމުގެ ހުއްދަ ލިބިފައިވާ މުވައްޒަފެއް ކަމަށެވެ.

އެލެސްކާ އެއާލައިންސްގެ ސީއީއޯ ބްރެޑް ޓިލްޑަން ވިދާޅުވީ އާންމު އުސޫލުގެ ދަށުން މަތިންދާ ބޯޓުތަކުގައި ތަޅު ނުހުންނާކަމަށާއި ތަޅުދަނޑި ވެސް ޖަހަން ނުޖެހޭނެ ކަމަށެވެ. މަތިންދާބޯޓުތައް ރައްކާތެރި ކުރެވިފައި ހުންނަނީ ދެން ހުންނަ ސަލަމާތީ ފިޔަވަޅުތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލުން އިތުރަށް ވިދާޅުވީ، ރަސަލް އަކީ ޕައިލެޓް ލައިސަންސް އޮންނަ މީހެއް ނޫން ކަމަށާއި، ދުއްވަން އެހާ އުނދަގޫ އުޅަނދެއް ދުއްވުމުގެ ހުނަރު ދަސްކުރި ގޮތެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.