ދުނިޔެ

ފެތުނު ޗައިނާ ބޯޓުން މީހުން ސަލާމަތްކުރެވުމުގެ އުއްމީދު ފަނޑުވެއްޖެ

Jun 4, 2015

ޗައިނާގެ ދެކުނު ސަރަހައްދެއްގެ ކޯރެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި ފެތުނު ބޯޓުން ދަތުރުުކުރި މީހުން ސަލާމަތްކުރެވިދާނެ ކަމުގެ އުއްމީދު ކުޑަވެއްޖެ އެވެ.

އެހެން ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓަރު ޔޭންގް ޗައުޓަންގް ވަނީ ކިރިޔާ ވެސް އުއްމީދެއް އޮއްވާ އެ މަސައްކަތް ހުއްޓައިނުލަން ވައުދުވެވަޑައިގެންފަ އެވެ. އަދި ބޯޓު ފެތުނު ސަރަހައްދަށް އިއްޔެ ޒިޔާރަތްކުރެއްވި ޗައިނާގެ ބޮޑުވަޒީރު ލީ ކީގިއަން ވެސް ވަނީ އެ މަސައްކަތުގައި ސާބިތުވެ ތިބުމަށް ޑައިވަރުންނަށް އަންގަވާފަ އެވެ.

އުތުރުގެ އަވަށެއް ކަމަށްވާ ނަންޖިން އިން ފުރައިގެން ހުޅަނގު ދެކުނު ސަރަހައްދުގައި އޮންނަ ޗޮންގިން އަވަށަށް މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު ދަތުރުކުރަނިކޮށް، ޔަންގް ޒީ ކޯރަށް ފެތުނު ބޯޓުން ޖުމްލަ 456 މީހުން ދަތުރުކުރި އެވެ. ޗޮންގިންގް އީސްޓާން ޝިޕިން ކޯޕަރޭޝަންގެ ނަމުން ނަން ދީފައިވާ އަމިއްލަ ކުންފުންޏަކުން ދުއްވާ "އީސްޓާން ސްޓާ" ބޯޓުގައި ތިބީ 405 ޗައިނާގެ ފަސިންޖަރުންނާއި އެ މީހުންނާ ހަވާލުވެގެން ދިޔަ ޓްރެވަލް އެޖެންސީގެ ފަސް މުވައްޒިފެއްގެ އިތުރުން 46 ފަޅުވެރިންނެވެ.

މި ބޯޓު ފެތުނު ކޯރުގައި ނުރައްކާތެރި ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެ ގޮތުން، ޓެސްޓުތަކެއް ހަދަން ދަތުރުކުރި ޓަގު ބޯޓެއް މިދިޔަ ޖެނުއަރީ މަހު ކަނޑުވެ، ފެތުނު ހާދިސާގައި 22 މީހަކު މަރުވެފައިވެ އެވެ.