ހަބަރު

ޝަހީމްގެ ރައްދެއް ޝޭހް އިލްޔާސްއަށް!

Aug 13, 2018
33

ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް އިސްލާމްދީން އޮންނާނެ ކަމަށް ޝެއިހް އިލްޔާސް ހުސައިން ވިދާޅުވި ބަހަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ރައްދު ދެއްވައިފި އެވެ.

ފުވައްމުލަކު ހޯދަނޑު އަވަށަށް ވަޑައިގެން އެ އަވަށުގެ އިސްރަށްވެހިންނާއި ބައެއް ޒުވާނުންނާ މިއަދު ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް އިސްލާމްދީން އޮންނާނެ ކަމަށް އިދިކޮޅު އިލްމުވެރިއަކު ވިދާޅުވި ކަމަށެވެ. ނަމަވެސް ކޮންމެ މީހަކު ވެރިކަމަށް އައިސްގެން އިސްލާމްދީން ނޯންނާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އިއްޔެވެސް ކޮންމެސް އިލްމުވެރިއަކު ވިދާޅުވި، އިދިކޮޅު ފަރާތްތަކުގައި އުޅުއްވާ އިލްމުވެރިއަކު، ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އިސްލާމްދީން އޮންނާނެ ކަމަށް، ނޯންނާނެ، އެހެން ނަމަ އަލި ރަސްގެފާނު ޖިހާދު ކުރަން ނުޖެހުނީސް، އެހެން ނަމަ މުހައްމަދު ތަކުރުފާނު ޖިހާދު ކުރަން ނުޖެހުނީސް، އެހެން ނޫންނަމަ ނޮވެމްބަރު ތނެއްގެ ހަނގުރާމާގައި ރައީސް މައުމޫން ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރަން ނުޖެހުނީސް، ރާއްޖޭގެ އިސްލާމްދީން ދެމިއޮތީ، ރަސްރަސްކަލުންނާއި ރައީސުންގެ ޖިހާދުން،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، އެހެން ކަމުން އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ ވެރިޔަކު ހުންނަން ޖެހޭ ކަމަށެވެ. އަދި ރައީސް ޔާމީންފަދަ ހިތްވަރު ގަދަ ރައީސެއްނެތް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ

އިލްޔާސް އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، 900 އަހަރުއްސުރެ ރާއްޖޭގައި އިސްލާމްދީން ދެމިއޮތީ ވަކިމީހަކު ވެރިކަމުގައި ހުރެގެން ނޫން ކަމަށެވެ. ވަކި މީހަކު ވެރިކަމަށް ނުހޮވިއްޖެނަމަ ރާއްޖޭގައި އިސްލާމްދީން ނޯންނާނެ ކަމަށް ބުނުމަކީ ހަގީގަތާއި ސުންނަތާވެސް ހިލާފް ވާހަކައެއް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ، ދިވެހި ރައްޔިތުން އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދޭނެ ކަމަށް މާޒީން ވަނީ ސާބިތުކޮށްދީފައި ކަމަށެވެ.