ހަބަރު

ވޯޓު އޮޅުވައެއް ނުލާނެ، ތާއީދު ބޮޑު: ޝަހީމް

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ވޯޓު އޮޅުވާލައިގެން ނޫންކަން ފުވައްމުލައް ސިޓީއިން ފެނިގެން ހިނގައްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލައް ސިޓީގެ ކެމްޕެއިން ދަތުރު ނިންމާލެއްވުމުގެ ގޮތުން މިއަދު ހަވީރު އެ ސިޓީގެ އެތައް ސަތޭކަ ޕީޕީއެމްގެ ސަޕޯޓަރުންނާއެކު ބޭއްވި ސައިކަލް ބުރަށްފަހު ޝަހީމް ވިދާޅުވީ، ފުވައްމުލަކު ސާފު އަގުލަބިއްޔަތު ރައީސް ޔާމީނަށް ލިބޭނެކަން ޔަގީންވެއްޖެ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ ވޯޓު އޮޅުވާލައިގެންނޭ، އަޅުގަނޑު ދަންނަވާނީ މިއޮތީއޭ މަންޒަރު، އިންތިހާބުގެ ނަތީޖާ ވަރަށް ސާފޭ، ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނެއޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ފުވައްމުލައް ސިޓީއިން ފެނުނު މަންޒަރު އައްޑޫ ސިޓީިއން ވެސް ހދ. ކުޅުދުއްފުށިން ވެސް ގދ. ތިނަދޫއިން ވެސް ފެންނާނެ ކަމަށެވެ. މާދަމާ ޝަހީމް ތިނަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އެތައް ސަތޭކަ ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުން ޝަހީމް ވިދާޅުވީ، ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ލަޝްކަރަކީ ޕީޕީއެމްގެ ލަޝްކަރު ކަމަށާއި ޕީޕީއެމް ބަދަހިކަން މަތީ އޮވެއްޖެނަމަ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"މިއަދު މި ފެނިގެން ދިޔައީ ވަތަނީ ގައުމު، ވަތަނީ ލަޝްކަރު،" ޝަހީމް ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ދިވެހިން ވޯޓު ލާނީ އިސްތިއުމާރު ފިކުރު އެއްކޮށް މި ގައުމުން ފޮހެލަން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.