ފުވައްމުލައް ސިޓީ އާއި ގދ. ތިނަދޫއަށް ކުރެއްވި ދަތުރުން ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއިދު ފެނިވަޑައިގެންފައިވާ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކާއި ތިނަދޫއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ޝަހީމް ވިދާޅުވީ، ފުވައްމަލަކާއި ތިނަދޫގެ ރައްޔިތުން ބެހެއްޓި ގާތް ކަމަށް ޝުކުރުވެރިވާ ކަމަށެވެ. އެ ދެ ރަށުން ފެނިގެން ދިޔައީ ރައީސް ޔާމީންގެ ތަރައްގީތައް ބަލައިގަންނަ އެމަނިކުފާނަށް ތާއިދު ކުރައްވާ ރައްޔިތުން ކަމަށެވެ.
"ފާހަގަ ކުރެވުނީ ތާއިދު ވަރަށް ބޮޑުކަން، ވަރަށް ތަނަވަސް އަގްލަބިއްޔަތަކުން ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވަނީ ކެންޑިޑޭޓް ނަންބަރު އެކެއް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީތީ މަރުހަބާ ވިދާޅުވެފަ އެވެ. ޝަހީމް ވިދާޅުވީ، އެއީ ލިބުނު އުފަލެއް ކަމަށެވެ.
"ކެންޑިޑޭޓް ނަންބަރު އެކަކަށްވުމަކީ ވަރަށް އުފާ ކުރާ ކަމެއް، ހަމަ ޔަގީން ކުރަނީ އެއީ އެއްވަނަ ކެންޑިޑޭޓް ކަމަށް، އަދި ތަނަވަސް އަގުލަބިއްޔަތުން އިންތިހާބު ކާމިޔާބު ކުރައްވާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރައީސް ޔާމީނަށް ތާއިދު އިތުރުކުރުމަށް ކުރި ދަތުރުގައި ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވާފައިވާނެ ކަމަށެވެ. ހާއްސަކޮށް ޒުވާނުންނަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. މިހާރު ވެސް ރައީސް ޔާމީން ޒުވާނުންނަށް ކޮށް ދެއްވާފައިވާ ކަންކަމަށް އެ ޒުވާނުން އަގު ވަޒަންކުރާކަން ޝަހީމް ފާހަގަކުރެއްވި އެވެ.
ރަށްތަކަށް އަންނަ ތަރައްގީގެ ވާހަކަ ރައްޔިތުންގެ ފަރާތުން އަޑު އިވުނު ކަމަށާއި އެ ރައްޔިތުން ވެސް އެކަންކަމުގެ އަގު ވަޒަން ކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް، އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ އެ ރައްޔިތުން ރައީސް ޔާމީނަށް ވިދާޅުވާނީ އާނއެކޭ،" ޝަހީމް ވިދާޅުވި އެވެ.