އެއްވެސް މީހަކު ދެކެ ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް ދޮގުވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވީ ރައީސް ޔާމީނަކީ އައިސިސް ދިދަނަގައިން މުޒާހަރާ ކުރިއިރު އެކަން ދައްކުވަން ހުރި މީހެއް ކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒއިނާ ވިދާޅުވުމާ ގުޅިގެންނެވެ.
ޝަހީމް މިއަދު ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ކެބިނެޓްގައި އިސްލާމިކް މިނިސްޓަރެއްގެ ގޮތުގައި މަސައްކަތްކުރި އަދި އިސްލާމިކް ޔުނިވަސިޓީ ހިންގެވިއިރު ހަރުކަށި ވިސްނުންތަކުން ޒުވާން ޖީލު ސަލާމަތްކުރެއްވުމަށް ވަރަށް ގިނަ ގުނަ ހަރުދަނާ މަސައްކަތްތަކެއް ރައީސް ޔާމިން ކުރެއްވި ކަމަށެވެ.
އިސްލާމްދީނުގެ ރީތި ތަސައްވުރާއި ތަހުޒީބު ވިސްނުމުގެ މައްޗަށް އިޖުތިމާއީ ވެށި ބިނާކުރަން ރައީސް ޔާމީން މަސައްކަތްކުރެއްވި ކަންވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން އެއްވެސް މީހަކު ދެކެ ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް ދޮގުވާހަކަތައް ދައްކައި ނަފްރަތު އުފެއްދުމަކީ ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވަނީ މެމްބަރު ރޮޒައިނާ އާދަމްގެ ވާހަކަފުޅު ކުށްވެރިވެސް ކުރައްވާފަ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ ރައީސް ޔާމީނަކީ އައިސިސް ދިދަނަގައިން މުޒާހަރާ ކުރިއިރު އެކަމަށް ފުރުސަތު ދީގެން ހުރި މީހެއް ކަމަށް ވިދާޅުވެފަ އެވެ. ރޮޒައިނާ އެހެން ވިދާޅުވީ ރައީސް ޔާމީނާ ގުޅިގެން ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދު ޝައުގުވެރިކަން ފާޅުކުރެއްވުމާއި ގުޅިގެންނެވެ.