އާދަމް ޝަރީފު އުމަރު

ހަރުކަށި ފިކުރާ ދެކޮޅަށް އެންމެ ހަރުދަނާ މަސައްކަތް ކުރެއްވީ ޔާމީން: ޝަރީފް

ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރެއްވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަަރު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މިހެން ވިދާޅުވީ ހަރުކަށި ފިކުރު ނައްތާލާ ކޮރަޕްޝަނުން ގައުމު ސަލާމަތް ކުރަން ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އަބްދުﷲ ޔާމީނަށް އެކުގައި ކުރެވޭނީ ކޮން މަސައްކަތެއްތޯ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ މެންބަރު ރޮޒައިނާ އާދަމް ސުވާލު ކުރެއްވުމުންނެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހާއެކު ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ނުކުރެވިގެން ރައީސް ޔާމީނާއެކު ކުރެވޭނެ މަސައްކަތަކީ ކޮބައިތޯ ސުވާލު އުފެދޭ ކަަމަށެވެ. ކުރީ ސަރުކާރުގެ ދުވަސްވަރު ހަރުކަށި ފިކުރަށް ޖާގަ ދިނުމަށް އެތައް ކަމެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަދި ދެ ރައީސުން ގުޅިގެން ކޮރަޕްޝަން ނައްތާލެއްވުމުގެ ވާހަކަ ދައްކަވާއިރު ރައީސް ޔާމީނަކީ މިހާރު ވެސް އެފަދަ ކުށެއްގައި ހުކުމް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ، ނަޝީދުގެ ހުށައެޅުއްވުމަށް ފާޑުވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެއްކޮށް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ނުކުރެވިގެން ގޮސް ރައީސް ޔާމީނާއެކު މަސައްކަތް ކުރަަން ބަލާއިރު ބެކްރައުންޑް މި އޮތީ މިހެން. މިހެން ބެކްރައުޑް އޮތްއިރު ކޮން މަސައްކަތެއްތޯ ކުރެވޭނީ. ދެން ވައްކަމުގެ މައްސަލަ، ވައްކަން ސާބިތު ވެގެން މިހާރު ވެސް އެ ހުކުމް ތަންފީޒު ކުރަމުންދާ ރައީސަކާއެކު ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަން ނިކުމެވަޑައިގެން މަސައްކަތް ކުރައްވަންވީ؟ ދެން އެ ވާހަކަ އަޅުގަނޑުމެންވީ ގަބޫލު ކުރަން،" ރޮޒައިނާ ސުވާލު ކުރެއްވިއެވެ.

ރޮޒައިނާގެ ވާހަކަތައް ގެނެސްދީ އަވަސްއިން ލިޔެފައިވާ ހަބަރަކާއެކު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމް އާއި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރެއްވީ ރައީސް ޔާމީން ކަމަށެވެ. އެގޮތުން ޓެރަރިސް މަނާ ކުރުމުގެ ގާނޫނަކީ އެމަނިކުފާނުގެ ސަރުކާރުގައި ގެންނެވި ގާނޫނެއްކަން ފާހަގަ ކުރެއްވި އެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އުފެއްދުން ފާހަގަ ކުރެއްވި އެވެ.

"ދެންވެސް ކަމެއް ކުރެވޭނީ ރައީސް ޔާމީނަށް. ރައީސް ނަޝީދު އާއި ރައީސް ސޯލިހް އެއްގަލަކަށް އަރުއްވައިގެން ވެސް އެކްސްޓްރިމިޒަމް [ހައްދު ފަހަނައެޅުން] އާއި ދެކޮޅަށް ކޮންމެވެސް ކަމެއް ކުރެއްވޭތޯ ބައްލަވާ،" ރޮޒައިނާގެ ވާހަކަތަކަށް ރައްދު ދެއްވާ ޝަރީފް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ އިސް ބައެއް މަގާމުތަކަށް ހަރުކަށި ފިކުރު މީހުން އައްޔަން ކުރައްވާފައިވާ ކަމަށްވެސް މެންބަރު ޝަރީފް ވަނީ ތުހުމަތު ކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް ރައީސް ސޯލިހްގެ ކެބިނެޓްގައި ހަރުކަށި ފިކުރުގެ މީހުން އެބަ ތިބި ކަމާއި ހޯމް މިނިސްޓްރީގައި ވެސް އެފަދަ ބަޔަކު ތިބި ކަމަށް ވިދާޅުވި އެވެ. އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވި ނަމަވެސް ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި މަގާމުތަކުގައި ތިބި ބައެއްގެ ނަމެއް ވިދާޅުވެފައެއް ނުވެ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުން ދަނީ ސަރުކާރުގެ ސިޔާސަތު ތަކުގެ ސަބަަބުން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން ލީޑް ކުރާ މިހާރުގެ ސަރުކާރުން ކަމަށްވެސް ވިދާޅުވި އެވެ.

ޓެރަރިޒަމް ފަތުރާ މީހުން ސަރުކާރުގައި ތިބި ކަމަށް ވިދާޅުވެ ފުރަތަމަ ސަރުކާރުގެ އެތެރެ ސާފުކުރުމަށް ވެސް އާދަމް ޝަރީފް ވަނީ ގޮވާލައްވާފަ އެވެ. މިސަރުކާރުގެ ބައެއް މަގާމުތަކުގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބި ކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވާތީ އޭނާގެ ތުހުމަތުތަކަށް އިތުރު ބާރެއް ލިބޭ ކަމުގައިވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

"ހަރުކަށި ފިކުރަށް ފާޅުގައި ތާއީދު ކުރާ މީހުން ކެބިނެޓްގައި ބަހައްޓައިގެން އެ ތިބީ. ގައުމުގެ ކަންކަން ހައްލު ނުކުރަން ވެގެން ހަރުކަށި ފިކުރުގެ ވާހަކަ ދައްކަނީ ބަހަނާ އަކަށް" އާދަމް ޝަރީފް ވިދާޅުވި އެވެ.