ރައީސް ޔާމީން މިނިވަންވުމުން، މިއަދަކީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އަބްދުލް ގައްޔޫމަށް ދައުލަތުން އުފުލި މަނީލޯޑަރިންގެ ކުށް ސާބިތުނުވާ ކަމަށް ސްޕީމްކޯޓުން މިއަދު ހުކުމް ކުރުމުން އެކަމާ އުފާފާޅު ކުރައްވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން މިނިވަން ވުމުން މާތް ﷲ އަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މިއަދަކީ އެމަނިކުފާނުގެ ހަޔާތުގައި އެންގެ އުފާވެރި ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހައްގަށް އަބަދުވެސް ނަސްރު ލިބޭނެކަން މިއަދު ސާބިތުވެގެން ގޮސްފި ކަމަށެވެ. އަދި ރައީސް ޔާމީނަކީ ގައުމު ކުރިއެރުށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި މިއަދު އެމަނިކުފާނުގެ މައުސޫމްކަން ސާބިތު ވެއްޖެ ކަމަށް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް ގައްސާން މައުމޫން ވިދާޅުވި އެންމެ ފުރަތަމަ ބަސްފުޅަކީ ވެސް : އަލްހަމްދު ލިއްލާހި" އެވެ. އަިދ ވިދާޅުވީ މިއަދު ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން އެނގިގެން ގޮސްފި ކަމަށެވެ. އަދި ގައުމަށް ޔާމީން ބޭވަފާތެރިނުވާކަން ސާބިތުވެގެން ގޮސްފި ކަމަށެވެ. އަދި މިއަދަކީ ވަރަށް އުފާވެރި ދުވަހެއްގެ ގޮތުގައި ގައްސާން ސިފަކުރެއްވި އެވެ.
ޔާމީން މިނިވަންވެވަޑައިގެންނެވުމުން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި 2018 ވަނަ އަހަރު ޔާމީނުގެ ރަނިންވޭޓަކަށް ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޔާމީނުގެ އާއިލާއަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ޔާމިނު މިނވަންވެވަޑައިގެންނެވީ ތެދުރުވެރިވީމައި ކަމަށެވެ. 2018 ވަނަ އަހަރު ޔާމީންގެ ރަނިން މޭޓަށް ނިކުތުމުން މީހުންގެ ފާޑުކިޔުން އަމާޒުވިކަން ފާހަގަކުރައްވަމުން ވިދާޅުވީ ގައުމު ކުރިއަރުވަން މަސައްކަތް ރައީސް ޔާމީން މަސައްކަތް ކުރައްވާ ކަމަށެވެ.