ޣައްސާން މައުމޫން

ޣައްސާންގެ ޓްވީޓް އިތުރަށް ސާފުކޮށްދެއްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ނިންމުމަށް މިމަހުގެ 30 ވަނަ ދުވަހު އަޑުއެހުމެއް ތާވަލްކުރުމާއެކު ޕީޕީއެމްގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ކުރެއްވި ޓްވީޓެއްގެ މަފްހޫމް އޮޅުވާލާފައިވާތީ ޣައްސާން ވިދާޅުވި ވާހަކަ އިތުރަށް ސާފުކޮށް ދެއްވައިފި އެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 30 ގައި ނުފޫޒު ފޯރުވާއި އަނިޔާވެރި ކަމުގެ މިސްރާބު ބަދަލުވެ މާތްﷲގެ އިރާދަފުޅުން ރައީސް ޔާމީން މިނިވަންވާނެ ކަމަށެވެ. އަދި ޓީވީގެ ޒަރިއްޔާއިން ރައީސް ޔާމީންގެ ޝަރީއަތް ބެލި ރައްޔިތުންނަށް އެމަނިކުފާނު ކުށެެއް ނުކުރައްވާކަން އޮތީ ސާބިތުވެފައި ކަމަށެވެ.

ޣައްސާންގެ އެ ޓްވީޓާ ގުޅިގެން އަންނަ އަންގާރަ ދުވަހު ރައީސް ޔާމީން މިނިވަންވާނެ ކަމަށް ޣައްސާން ވިދާޅުވެފައިވާ ކަމަށް ބައެެއް ނޫސްތަކުގައި ވަނީ ރިޕޯޓްގައެެވެ.

ޣައްސާންގެ ވާހަކަތައް ސާފުކޮށްދެއްވާ ފަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބައެއް ނޫސްތަކުން އެގޮތަށް ރިޕޯޓްކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ. ޣައްސާން ވިދާޅުވީ ޔާމީންގެ ޝަރީއަތް ބެއްލެވި ކަމަށާ ހައިކޯޓުން ވެސް ހައްގަށް ހުކުމުކުރި ނަމަ ރައީސް ޔާމީން މިނިވަން ވާނެ ކަމަށެވެ.

“ސުޕްރީމް ކޯޓް ނުފޫޒަށް ގުޑާ ވަރަށްވުރެ މާ ފުންނާބު އުސްކަމަށް ގަބޫލުކޮށް 30/ 11 ގައި ހައްގު ހުކުމް ކުރައްވާނެ ކަން ޔަގީން ކުރަން. އޭރުން ރައީސް ޔާމީން މިނިވަންވާނެ. އިންޝާﷲ،” ޣައްސާންގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުމް މިމަހުގެ 30 ވަނަ ދުވަހުގެ 8:45 އަށް ތާވަލްކޮށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކޮށްފައި ވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ.

ޔާމީންގެ މައްޗަށް އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފްގެ ޗެކަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ތަހުގީގަށް ފާހަގަކުރެވިގެންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް މިމަހުގެ 18 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުން ބާއްވާފައި ވަނީ މައްސަލައިގެ ލިޔުންތައް ދިރާސާކުރަމުންދިޔައިރު ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާ މައްސަލައެއްގަ އެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ އެއީ އޮޅުމަކުން ދިމާވެފައިވާ ކަމެއް ކަމަށެވެ.