ދުނިޔެ

ޓްރަމްޕްގެ ސަރުކާރާއި މަޝްވަރާ ނުކުރާނެކަމަށް އިރާނުން ތަކުރާރުކޮށްފި

Aug 14, 2018

ޓެހެރާން (އޯގަސްޓް 13) - އެމެރިކާގައި މިހާރު އޮތް ސަރުކާރާއެކު އިރާނުން އެއްވެސް މަޝްވަރާއެއް ނުކުރާނެކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

"އެމެރިކާ އާއެކު މަޝްވަރާ ކުރާނަމަ، އެއީ ކިތަންމެ ނާދިރު ކަމެއްވިޔަސް، މިހާރު އޮތް އެމެރިކާ ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނަން،" ޚާމަނާއީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޓްރަމްޕްގެ ސަރުކާރުން ވަނީ ސިޔާސީ އަދި އިގްތިސޯދީ ގޮތުން އިރާނު އިތުރަށް އެކަހެރި ކޮށްލުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.

މިގޮތުން، 2015 ވަނަ އަހަރު ވިއޭނާގައި އެމެރިކާ ހިމެނޭ ގޮތަށް އިރާނާއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ނިއުކުލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ވުރެ ނިއުކުލިއާ ހަކަތައިގެ މަސައްކަތްތައް މަދުކުރުމަށް އިރާނުން ވަނީ އެއްބަސްވެފަ އެވެ.

އޭގެ ބަދަލުގައި، ދުނިޔޭގެ ބާޒާރަށް އިރާނުން ތެލާއި ގޭސް ނުވިއްކޭގޮތަށް އދ. އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިއުމުގެ އިތުރުން، އެކި ގައުމުތަކުގައި ހުރި އިރާނުގެ 100 ބިލިއަން ޑޮލަރުގެ ހަރުމުދާތައް ދޫކޮށްލުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގައި، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، ރަޝިއާ، ޗައިނާ އަދި އީޔޫގެ އިތުރުން އެމެރިކާ އިން ވެސް ވަނީ ސޮއިކޮށްފަ އެވެ.

އޭގެ އިތުރުން، އެމެރިކާ އިން އިރާނާއި ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވެސް ނެގުމަށް އޭރުގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ނަމަވެސް، ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދެއްގެ ދަށުން، އޮބާމާ ސަރުކާރުގެ އެ ނިންމުން އަނބުރާ ގެންނަވާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.

މިގޮތުން، މިއަދުން ފެށިގެން އަމަލު ކުރަންފަށާ ފިޔަވަޅުތަކުގެ ތެރޭގައި، އިރާނުން އެމެރިކާ ޑޮލަރު ގަތުން ހުއްޓުވުމާއި، ވެހިކަލް އުފެއްދުމާއި، ރަނާއި، އެލުމިނީއަމާއި، ދަގަނޑު ފަދަ ތަކެތީގެ ވިޔަފާރި ހުއްޓުވުން ހިމެނެ އެވެ.

އެއަށްފަހު، އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން، އިރާނު ބޭރުކުރާ ތެލާއި، ގޭހުގެ އިތުރުން އެގައުމާއި އެކު އެއްވެސް ފައިސާގެ މުއާމަލާތްތަކެއް ހުއްޓާލުމުގެ ފިޔަވަޅުތައް އެޅިގެންދާނެ އެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ބޭނުމަކީ، 2015 ވަނަ އަހަރުގެ އެއްބަސްވުމަށްވުރެ މާ ފުޅާކޮށް، ނިއުކުލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތައް ހުއްޓުވުމުގެ އިތުރުން، ޓެރަރިޒަމް އަށް ހިތްވަރުދޭ ގޮތަށް އިރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް މަޖުބޫރު ކުރުވުން ކަމުގައި ޓްރަމްޕް ގެންދަވަނީ ވިދާޅުވަމުންނެވެ.

މިހާރު އުފެދިފައިވާ ނުތަނަވަސް ކަމާއި ގުޅިގެން، އެމެރިކާ އާއި އިރާނު ގެންދަނީ ބަހުގެ ހަމަލާތަކާއި އެކިއެކި އިންޒާރުތައް ބަދަލުކުރަމުންނެވެ. ނަމަވެސް، އެއްވެސް ޝަރުތަކާއި ނުލާ އިރާނުގެ ވެރިންނާއި ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ދައުވަތަށާއި އިންޒާރުތަކަށް އިޝާރަތްކުރައްވާ، އިއްޔެ ޚާމަނާއީ ވަނީ އެމެރިކާގެ މިހާރު ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް އިރާނުން ނުކުރާނެކަމަށް ތަކުރާރުކުރައްވާފަ އެވެ. އަދި ހަނގުރާމަ ކުރަންޖެހޭ ހިސާބަށް މައްސަލަ ގޯސްވެގެން ނުދާނެކަމުގެ އިޝާރާތެއްވެސް ޚާމަނާއީ ވަނީ ދެއްވާފަ އެވެ.