ހަބަރު

މޫސުން ވަރަށް ގޯސްވެއްޖެ، އެކަމަކު އީދު ބަންދަން ރަނގަޅުވާނެ: މެޓް

Aug 14, 2018

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށްލަފާ ކުރެވޭ ކަމަށް މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ، މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށިގެންވވާ ކަމަށެވެ. އަދި ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކުގައި ހުޅަގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މެލާ 23 މޭލު ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ސަރަހައްދުތަކަށް އުދަ އެރުންވެސް އެކަށީގެންވާ ކަމަށެވެ. އެގޮތުން މިއަދު ދިޔަވަރު ބޮޑުވާނެ ވަގުތު ތަކަކީ އުތުރުގެ ސަރަހައްދުތަކަށް މެންދުރު 2:00 ގައި، މެދު ރާއްޖޭގެ ރަށްތަކަށް މެންދުރުފަހު 3:05 އެހާއިރު އަދި ދެކުނުގެ ސަރަހައްދުތަކަށް މެންދުރުފަހު 3:50 އެހާއިރު ކަމަށް މެޓުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދުވަސް ތަކުގައި އީދު ބަންދަށް ރަށްރަށަށް މީހުން ފުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެން ކަމުން އެފަރާތްތަކުން ދަތުރު ކުރައްވާއިރު މޫސުމަށް ބެއްލެވުމަށްފަހު ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އަންނަ ހަފްތާ ބަންދަށް ވާއިރަށް މޫސުން ރަނގަޅުވެ އަލިވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.