ވިޔަފާރި

އަމާނާ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަނީ

Aug 14, 2018

އަމާނާ ތަކަފުލް (މޯލްޑިވްސް) އިން 2018 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ވިޔަފާރީގެ ފައިދާ ހިއްސާދާރުންނަށް ބެހުމަށް ނިންމައިފި އެވެ.

އަމާނާ ތަކާފުލް އިން ބުނީ، މި އަހަރުގެ ޖުލައި 31 ވަނަ ދުވަހާއި ހަމައަށް ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 9.7 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޓްގެ ގޮތުގައި ހިއްސާއެއްގެ މޫނުމަތީ އަގުގެ 7.5 ޕަސެންޓް ދިނުމަށް ވަނީ ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ޑިވިޑެންޓް ލިބޭނީ މި މަހުގެ 31 ވަނަދުވަހުގެ ނިޔަލަށް ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

އަމާނާ ތަކާފުލް އިން ބުނީ އެ ކުންފުންޏަށް ލިބުނު 9.7 މިލިއަން ރުފިޔާގެ ސާފު ފައިދާ އަކީ، މި ވޭތުވެދިޔަ 2017 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސްދުވަހާއި އަޅާބަލާއިރު 102 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. އަދި ކުންފުނީގެ ޖުމްލަ އާމްދަނީ ވެސް ވަނީ 92 މިލިއަން ރުފިޔާ އަށް އަރައިފަ އެވެ. މިއީ 2017 ވަނަ އަހަރާއި އަޅާބަލާއިރު ފާހަގަކުރެވޭ ވަރުގެ ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ މި އަހަރު އެކިއެކި ހާދިސާތަކުގައި ގެއްލުންލިބުނު ބައިވެރިންނަށް ބަދަލުގެ ގޮތުގައި މިހާތަނަށް 23.1 މިލިއަން ދޫކުރެވިފައިވާ ކަމަށެވެ. އަދި ބައިވެރިންނަށް ދިން ބަދަލަށް ފަހު، ރިސްކް ފަންޑަށް 137 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ކުންފުނީގައި ހުންނަ، ހިއްސާދާރުންގެ ފަންޑަށް ވެސް 92 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށް އަމާނާ ތަކަފުލް އިން ބުންޏެވެ.

ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ އަދި ހަމައެކަނި ތަކަފުލް ހިދުމަތްދޭ އަމާނާ ތަކަފުލް އިން ހިފަހައްޓަމުންދާ އުސޫލީ މިންގަނޑު ތަކަކީ ކުންފުނީގެ ކުރިއެރުމުގެ އެންމެބޮޑު ސިއްރު ކަމަށް އެ ކުންފުނިން ބުނެ އެވެ. ކުންފުނި 2011 ވަނަ އަހަރު ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކުރި ފަހުން ހިދުމަތް ހޯއްދާ ފަރާތްތަކަށް 'ސާޕްލަސް' އަދި ހިއްސާދާރުންނަށް ވިޔަފާރި ފައިދާ އަންނަ ކެނޑިނޭޅި ދެމުން އެވެ.