ހަބަރު

އިބޫއަށް މާފުށިންކީ ޑޮލަރުގެ މަރުހަބާއެއް

ކ. މާފުށިން: ނާޒިމް ހަސަން
Aug 16, 2018
9

ގެސްޓް ހައުސްގެ ވިޔަފާރީގެ އެންމެ ބޮޑު ފައިދާއެއް ލިބޭ ކ. މާފުއްޓަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަޑައިގެންނެވުމާއެކު އޭނާއަށް މާފުށިން ވަނީ ހޫނު މަރުހަބާއެއް ރަށުގެ "ސްޓައިލް"ގައި ކިޔާލައިފަ އެވެ. މާފުށީ ރައްޔިތުންގެ ސީދާ އަތަށް އެތައް ޑޮލަރެއް ވަންނައިރު އެއީ އެ ރަށަށް މިހާރު ހާއްސަވެފައިވާ ކަމެކެވެ. އެންވެ، އިބޫއަށް އެ ރަށުގެ ރައްޔިތުން މަރުހަބާ ކީ ވެސް ޑޮލަރުންނެވެ.

އިބޫއަށް މަރުހަބާ ދެންނެވުމަށް މާފުށީގައި ދިގު ސަފެއް ދަމާލި އެވެ. އެންމެ ހޫނުގަދަ ގަޑީގައި ވެސް ކުދިބޮޑު ގިނަ ބަޔަކު ބަނދަރަށް އެއްވި އެވެ. ސަފުގައި ތިބި މީހުންނާ ސަލާމްކޮށް ނިންމަވައި ޖަގަހަ ކައިރިއަށް އިބޫ ވަޑައިގެންނެވުމާއެކު މަރުހަބާ ދަންނަވަން ސަޕޯޓަރުން އިބޫގެ ކަރުގައި އެޅުވީ ޑޮލަރުން ހަދާފައިވާ ފައްޗެކެވެ.

ޑޮލަރު މާފައްޗަކުން މަރުހަބާ ކިޔުމުން އިބޫ ވިދާޅުވީ، މާފުށީ ރައްޔިތުންނަށް ގެސްޓް ހައުސް ވިޔަފާރިން ލިބޭ ފައިދާ ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ. ސީދާ ރައްޔިތުންގެ އަތަށް ޑޮލަރު ވަންނަ އެ ސިޔާސަތަކީ ބަޔަކު މުސްތަގުބަލަށް ވިސްނައި ކުރި މަސައްކަތެއްގެ ނަތީޖާކަން އިބޫ ފާހަގަކުރެއްވި އެވެ. އެކަމަށްޓަކައި ގެސްޓް ހައުސް ތައާރަފްކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިބޫ ޝުކުރު އަދާކުރެއްވި އެވެ.

އިބޫ ވަނީ މާފުށީގެ ގެސްޓް ހައުސްގެ ވިޔާފާރި އިތުރަށް ފުޅާ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވޯޓާ ސްޕޯޓްސް ފަދަ ކަންކަން ވެސް މިހާރަށްވުރެ ކުރިއަރުވާނެ ކަމަށް ވިދާޅުވި އެވެ. މިހާރު ވެސް މާފުށީގައި 52 ގެސްޓް ހައުސް އެބަހުއްޓެވެ.

އިބޫ ވިދާޅުވީ، ގެސްޓް ހައުސްތައް ޕްރޮމޮޓްކުރުމަށް ބަޖެޓްގައި ފައިސާ ހިމަނައިގެން އެކަން ވަރަށް ފުރިހަމައަށް ކުރައްވާނެ ކަމަށެވެ. އިބޫ މިއަދު ވަނީ މާފުށީގެ ގެސްޓްހައުސްތައް ވެސް ބައްލަވާލައްވާފަ އެވެ. މިހާރު ވެސް މާފުށީގައި އިތުރު ގެސްޓް ހައުސްތަކެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.