ހަބަރު

ގްރީން ޓެކްސްއިން ލިބޭ ފައިސާ ކައުންސިލްތަކަށް ދޭނަން: އިބޫ

ކ. މާފުށިން: ނާޒިމް ހަސަން
Aug 16, 2018
1

މި ސަރުކާރުން ނަގަން ފެށި ގްރީން ޓެކްސް ލިބޭ ފައިސާ ހަރަދުކުރަމުން ދަނީ މަގުސަދާ ހިލާފަށް ކަމަށާއި އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ގްރީން ޓެކްސްއިން ލިބޭ ފައިސާގެ ބައެއް ރަށްރަށުގެ ކައުންސިިލްތަކަށް ދީގެން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދުު ވިދާޅުވެއްޖެ އެވެ.

ކ. މާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން އިބޫ ވިދާޅުވީ، ގެސްޓް ހައުސް ވިޔަފާރިން އެންމެ ބޮޑު އާމްދަނީއެއް ޓެކްސްގެ ގޮތުގައި ދައުލަތަށް ވަންނަނީ މާފުށިން ކަމަށާއި ނަމަވެސް މާފުށީގައި ވެސް ކުނި ނައްތާލެވޭނެ ފަދަ އިންތިޒާމެއް ވެސް ނެތް ކަމަށެވެ.

އޭނާގެ ސަރުކާރެއްގައި ގްރީން ޓެކްސްއިން ލިބޭ ފައިސާގެ ބައެއް ގްރީން ފަންޑަކަށް ލައްވާނެ ކަމަށާއި އެ ފައިސާ ރަށްރަށުގެ ކައުންސިލްތަކަށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ފައިސާއިން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ކައުންސިލްތައް މެދުވެރިކޮށް ކުރައްވާނެ ކަމަށެވެ.

އިބޫ ވަނީ މާފުށީގެ ގެސްޓް ހައުސްގެ ވިޔާފާރި އިތުރަށް ފުޅާ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވޯޓާ ސްޕޯޓްސް ފަދަ ކަންކަން ވެސް މިހާރަށްވުރެ ކުރިއަރުވާނެ ކަމަށް ވިދާޅުވި އެވެ. މިހާރު ވެސް މާފުށީގައި 52 ގެސްޓް ހައުސް އެބަހުއްޓެވެ.

ގެސްޓް ހައުސްގެ ވިޔަފާރީގެ ސަބަބުން މާފުށީގެ ބިމުގެ އަގު ބޮޑުވެ އެސެޓްތަކުގެ އަގު ބޮޑުވެފައިވާކަން އިބޫ ފާހަގަކުރެއްވި އެވެ. މާފުށިން ގޯތި ބޭނުންވެފައިވާ މީހުންނާއި މާފުއްޓަށް ބަދަލުވާން ބޭނުންވެފައިވާ މީހުން ތިބިކަން ވެސް ފާހަގަކުރެއްވި އެވެ. އިބޫ ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި މި ސަރުކާރަށް ނުހިއްކުނު މާފުށީގެ ބިން ހިއްކައި އެ ތަނުގެ ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައްވާނެ ކަމަށެވެ. އަދި ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ބިމުން ގޯތި ދޫކުރައްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، މާފުއްޓަކީ ރާއްޖޭގައި ނެތްފަދަ ރަށެއް ކަަމަށާއި މި ރަށުގައި ވަޒީފާއެއް ނެތް މީހަކު ނެތުމަކީ ބަޔަކު ދުރު ވިސްނުމުގައި ކޮށްފައިވާ މަސައްކަތެއްގެ ނަތީޖާ ކަމަށެވެ. އެކަމަށްޓަކައި ގެސްޓް ހައުސް ތައާރަފްކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިބޫ ޝުކުރު އަދާކުރެއްވި އެވެ.

އިސްކަން ދެެއްވާނީ ޖަޒީރާވަންތަކަން މަތީ ރާއްޖެ ތަރައްގީ ކުރެއްވުމަށް ކަމަށާއި މާލެ ތޮއްޖެއްސުމުގެ ބަދަލުގައި ތަރައްގީވަމުންދާ މާފުށި ކަހަލަ ރަށްރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އިންތިހާބުގެ ނަތީިޖާއަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ އެކަމަށް ފާރަލައިގެން ތިބުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އެގޮތުން ރީ ރަޖިސްޓްރީވެފައިވާ ތަން ޗެކްކޮށް މައްސަލައެއް އުޅޭނަމަ އެކަން ރިޕޯޓް ކުރުމަށް އެދިވަޑައިގަތެވެ. އަދި ވޯޓުލުމަށްފަހު ވޯޓު ނަތީޖާ ހޯދުމަށްފަހު ގެއަށް ވަޑައިނުގުމަށް ވެސް އެދިވަޑައިގަތެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ގްރީން ޓެކުހުގެ ގޮތުގައި 493 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.