ވިޔަފާރި

"ރެޑްވޭވް މެގަމޯލް" ހުޅުވައި ތާރީހުގެ ތެރެއަށް

Aug 16, 2018

ރެޑްވޭވުން ހުޅުމާލޭގައި ފިހާރައެއް ހުޅުވާ ވާހަކަ އަޑުއިވޭއިރަށް ގިނަ ބަޔަކު ސުވާލު ކުރި އެވެ. އެތަން ހުންނަނީ ކޮން ތަނަކު ހެއްޔެވެ؟ ހުޅުވަނީ ކޮން އިރަކުން ހެއްޔެވެ؟ މިއީ ރެޑްވޭވްގެ ވިޔަފާރިއަށް އާއްމުންގެ ޝައުގުވެރިކަން ހުރި ވަރެވެ. އެހެންވެ ރެޑްވޭވް އިން ހުޅުމާލޭގައި މާސިންގަހަ "މެގަމޯލް" އެއް ހުޅުވުމާއެކު އެ ފިހާރަ ފުރާލައިފިއެވެ. ބޮޑު ފިހާރައަކާއެކު ރެޑްވޭވް މިވަނީ ތާރީހުން ޖާގަ ހޯދާފަ އެވެ.

"ހަމަ ގައިމު ވެސް މިއީ ރާއްޖޭން އަހަރެން ދުއް އެންމެ ބޮޑު ފިހާރަ. މި ވަރުގެ ތަންތަން ދެން ފެންނަނީ ލަންކާއިން،" އާއްމުކޮށް އަވަށްޓެރި ސްރީލަންކާ އަށް ދާ ހުޅުމާލޭގައި ދިރިއުޅޭ، އަހުމަދު ޒަމީރު ބުންޏެވެ.

ރެޑްވޭވް އިން މިއަދު ހުޅުވި "ރެޑްވޭވް މެގަ މޯލް" ހާއްސަވާ އެއް ސަބަބަކީ މިތަނުގެ ސައިޒެވެ. ބޮޑު މިނުގައި 8،000 އަކަފޫޓުގެ ބޮޑު މި ބިލްޑިންގް ހަދާފައިވަނީ ހަތަރު ފަންގި ފިލާއަށެވެ.މިތަނުގެ ފްލޯތަކަށް އަރަން ކަރަންޓު ސިޑި ބަހައްޓާފައިވެ އެވެ.

ރެޑްވޭވްގެ ކުންފުނީގެ މެނޭޖަރު އަލީ ޝަހީމް ވިދާޅުވީ މިތަނުގައި ހިދުމަތް ދޭން 15 ކައުންޓަރު ހުންނާނެ ކަމަށެވެ.

"އާއްމުކޮށް ފިހާރަތަކުގައި މި ހުންނަނީ ފަހެއް ނޫނީ ހަ ކައުންޓަރު. އެކަމަކު މިތަނުގައި 15 ކައުންޓަރު ހުންނާނެ،" އަލީ ވިދާޅުވި އެވެ.

އެއް ލައްކަ ބާވަތުގެ މުދާ

ހަތަރު ފްލޯ ހުންނަ މި ފިހާރަ ވެގެން ދާނީ ސާކު ސަރަހައްދުގައި ވެސް ފާހަގަ ކޮށްލެވޭ ބޮޑު ތަނަކަށެވެ. މިތަން ހަމައެކަނި ތަފާތު ވަނީ ސައިޒުގެ ގޮތުން އެކަންޏެއްވެސް ނޫނެވެ. މިތަނުގައި 100،000 ބާވަރުގެ މުދާ ލިބެން ހުންނާނެ އެވެ. އަދި ފަރުނީޗަރުގެ 60 ބާވަތް ލިބެން ހުންނާނެ އެވެ.

ކޮންމެއަކަސް "ރެޑްވޭން މެގަ މޯލް" ވެގެން މިދަނީ ރެކޯޑަކަށެވެ. އެންމެ ގިނަ މުދާ އެއް ތަނަކުން ލިބޭއިރު، ކަސްޓަމަރުންނަށް އޮތް ހިތްހަމަ ޖެހުމަކީ ރެޑްވޭވްއިން މީގެ ކުރިން ހުޅުވި 10 ފިހާރައެކޭ އެއްގޮތަށް މިތަނުގައި ވެސް މުދަލުގެ އަގު ހެޔޮވުމެވެ.