ރެޑްވޭވް

ރެޑްވޭވްގެ އެންމެ ބޮޑު ފިހާރަ މަޖީދީ މަގުގައި ހުޅުވައިފި

Mar 6, 2023

ރެޑްވޭވްގެ އެންމެ ބޮޑު ފިހާރަ "ރެޑްވޭވް ސެންޓްރަލް" މާލޭގެ މަޖީދީ މަގުގައި މިއަދު ހުޅުވައިފި އެވެ.

މަޖީދީ މަގުގައި އަގޯރާ ފިހާރަ ކުރިން ހިންގި ތަނުގައި ހަދާފައިވާ ރެޑްވޭވް ފިހާރަ މިއަދު ހުޅުއްވައިދެއްވީ ރެޑްވޭވް ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެވެ.

މައިގަނޑު ތިން ފަންގިފިލާ ހުންނަ މި ފިހާރައިގެ އެންމެ ތިރީގައި -- ގުރައުންޑް ފްލޯގައި ލިބެން ހުރީ ކާބޯތަކެތީގެ ބާވަތްތަކާއި ތަަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. ފުރަތަމަ ފަންގިފިލާގައި ކޮސްމެޓިކްސްގެ ތަފާތު ބާވަތްތައް ލިބެންހުރި އިރު ދެވަނަ ފަންގިފިލާގައި ލިބެންހުރީ ބަދިގެ ސާމާނާއި ގޭތެރޭގައި ހިފާގެންގުޅޭ މުދަލެވެ. އަދި ތިންވަނަ ފަންގިފިލާގައި މައިގަނޑު ގޮތެއްގައި ލިބެންހުރީ އަންނައުނުގެ ބާވަތްތަކެވެ.

ރެޑްވޭވްގެ 16 ވަނަ ފިހާރަ ހުޅުއްވައިދެއްވުމަށްފަހު ސަލީމު ވިދާޅުވީ ރެޑްވޭވް އިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް ވީހާވެސް ހެޔޮއަގުގައި މުދާ ގަންނަން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

ސަރުކާރުން މިއަހަރުން ފެށިގެން ޖީއެސްޓީ ބޮޑުކޮށްފައިވާތީ އެކަމަށް އިޝާރަތް ކުރައްވާ ސަލީމު ވިދާޅުވީ ރެޑްވޭވްގެ ފިހާރަތަކުން މުދަލުގެ އަގު ބޮޑު ވިޔަނުދީ ހިފަހައްޓާފައި ނެތް ނަމަ ބާޒާރުގައި މުދަލުގެ އަގު 50 ޕަސަންޓަށް ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ކުރިއަށް އޮތް ރޯދަ މަހަށްވެސް ރެޑްވޭވް ފިހާރަތަކުން މުދާ ވިއްކާނީ މިހާރުވެސް މުދާ ގަންނަން ލިބޭ އަގުގައި ކަމަށްވެސް ވިދާޅުވި އެވެ.

"ރޭޑްވޭވް ވިޔަފާރީގައި ނެތްނަމަ ތަކެތީގެ އަގު މިހާރު ހުންނާނީ 50 ޕަސަންޓް މަތީގައި. އަޅުގަނޑުމެން މިގޮތަށް އަގު ހިފަހައްޓާތީ ބައެއް ބޭފުޅުން [އެހެން ވިޔަފާރިވެރިން] ހިތްހަމަވެސް ނުޖެހޭ،" ސަލީމު ވިދާޅުވި އެވެ.

ސަލީމު މިއަދު އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ދެވަނަ ފިޔަވަހީގައި ރެޑްވޭވްގެ ފިހާރައެއް ހުޅުވުމަށް ބިމަކަށް ބޮޑު އަގުގައި ބިޑްކޮށްގެންވެސް ނުލިބުނު ކަމަށެވެ. ދެވަނަ ފިޔަވަހިން ބިން ލިބިއްޖެނަމަ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާފައިވާ ރެޑްވޭވް މެގަ މޯލްއަށް ވުރެ ބޮޑުތަނެއް ހުޅުވައި ހެޔޮ އަގުގައި މުދާ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމުގައިވެސް ސަލީމު ވިދާޅުވި އެވެ.