ހަބަރު

ކެނޑިޑޭޓުންނަށް ފުރުސަތުދޭން ޖެހޭނީ ސިޔާސީ ހަބަރު ގެންނަ ޗެނަލްތަކުން

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ޓީވީތަކުން ވަގުތު ދިނުމާ ބެހޭ އުސޫލަށް އަމަލު ކުރަން ޖެހޭނީ ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރެއިން ސިޔާސީ މައުލޫމާތާއި ހަބަރު ގެނެސްދޭ ޗެނަލްތަކުން އެކަނި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހަމަޖައްސައި ގަވާއިދު އިސްލާހުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު ގެޒެޓްކުރި އުސޫލަށް މިއަދު އިސްލާހުގެނެސްފައިވާއިރު، އިސްލާހު ގެނެސްފައިވަނީ އެ އުސޫލުގެ އަށްވަނަ މާއްދާގެ ބ އަށެވެ. އެގޮތުން އެމާއްދާގައިވާ "ބްރޯޑްކާސްޓަރު" ކަމަށް ބުނެފައިވާ މާނަކުރުމަށް ބަދަލު ގެނެސް ބްރޯޑްކާސްޓަރު މާނަ ކޮށްދީ ގެނެސްފައިވާ އިސްލާހެކެވެ.

އެގޮތުން އެ މާއްދާގައި ބްރޯޑްކާސްޓަރު ކަމަށް ބުނެފައިއެވަނީ ހަބަރާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމުގެ މައުލޫމާތާއި ޕްރޮގްރާމްތައް ގެނެސްދޭ އަދި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ލިބިގެން ބްރޯޑްކާސްޓްކުރާ ޗެނެލްތަކަށް ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

"ކުރިން އޮތް ގޮތުން ސިޔާސީ ހަބަރާއި މައުލޫމާތު ގެނެސްނުދޭ ޗެނަލްތައް ވެސް އޭގެ ތެރޭގައި ހިމެނޭ، އެޗެނަލްތައް އިސްތިސްނާއެއް ނުވޭ، އެގޮތަށް ބަދަލު ގެނައީ އެ ޗެނަލް ތަކަށް އިސްތިސްނާއެއް ދިނުމަށް،" ބްރޯޑް ކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން އާންމު ކުރި އުސޫލުގައިވާ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމުތަކާއި ކޮންޓެންޓު ބްރޯޑްކާސްޓު ކުރުމަށް ދެ ފަރާތަށް ވެސް އެއް އަގެއްގައި ވިޔަފާރި އުސޫލުން ދޫކުރެވިދާނެ އެވެ. އެ ނޫން ނަމަ އެ ފަރާތްތަކަށް ހިލޭ ވެސް ވަގުތު ދެވިދާަނެ އެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަން ކޮމިޝަން (އީސީ) އިން އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ހިލޭ ދޫކުރާ ވަގުތުތަކާއި އަގުތައް ކަނޑައަޅާ ގޮތާއި އަދި ވަގުތު ހޯދުމަށް ހުށަހެޅޭ ފަސެހަ ނިޒާމެއް އެކުލަވާލުމަށް ފަހު ބްރޯޑްކޮމްއަށް ފޮނުވަން ޖެހެ އެވެ.

ޓީވީތަކުން ހަފްތާއެއްގެ ތެރޭގައި އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ އިތުރު ވަގުތު އަނެއް ކަންޑިޑޭޓަކަށް ނުދެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ. ކެންޑިޑޭޓުނަށް ވަގުތު ހާއްސަ ކުރަން ޖެހޭނީ ރެގަނޑު 9:00 އަކުން 12:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި ނަމަވެސް ޕްރޮގްރާމް ޝެޑިއުލްގެ އެހެން ވަގުތެއްގައި ވެސް ހަމަހަމަކަމާއެކުގައި ވަގުތު ދެވިދާނެ ކަމަށެވެ.

ކެންޑިޑޭޓުންނަށް ކޮންމެ ފަހަރަކު މަދުވެގެން 30 މިނެޓުގެ ވަގުތެއް ދޭން ޖެހޭނެ ކަމަށާއި އެ ވަގުތުގައި ކުއްލި ހަބަރަކާ ހެދި ނުވަތަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން މެދުކަނޑާލަން ޖެހިއްޖެ ނަމަ އެ ވަގުތުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެ އެވެ.

އެ އުސޫލުތަކާ ހިލާފުވާނަމަ ފިޔަވަޅު އެޅުމަށް ވެސް ބްރޯޑްކޮމް އިން ވަނީ ނިންމައިފަ އެވެ. އެގޮތުން ކުށުގެ އިސްލާހެއް އާންމު ކުރަން އެނގުމާއި އުސޫލާ ހިލާފުވަ މައްސަލައިގެ ކުޑަ ބޮޑު މިނަށް ބަލައި ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަކި މުއްދަތަކަށް އުނި ކުރަން އެންގުމުގެ އިހުތިޔާރު ވެސް އޮންނާަނެ ކަމަށް އެ އުސޫލުގައި ވަނީ ބުނެފަ އެވެ.