ހަބަރު

ފަހު ކޯޓާގެ ހައްޖުވެރިން ފުރައިފި

ފަހު ކޯޓާގައި ފުރާ 379 ހައްޖުވެރިން މިއަދު މައްކާއަށް ދާން ފުރައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދާ 355 ހައްޖުވެރިންނާއި އަމިއްލަ ދެ ގްރޫޕެއްގެ ހަވާލުގައި ހައްޖަށް ދާ 24 ހައްޖާޖީން މިއަދު މާލެއިން ފުރާފައިވަނީ ހަވީރު 5:30 ހާއިރު އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިދްރީސް އިސްމާއިލް ވިދާޅުވީ، ވަރަށް ވަގުތު ކުޑަތަންވެފައި އޮތް ނަމަވެސް އުންމީދަކަށް ވެވަޑައިގެންނެވީ ހުރިހާ ހައްޖުވެރިންނަށް ވެސް ފުރޭ ގޮތް ހަދައި ދިނުމަށް ކަމަށެވެ. ފުރުން މިއަދަށް ހަމަޖެހޭ ގޮތްވުމުން ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖާޖީން މިއަދު މައްކާއަށް ފުރާފައިވާއިރު އަންނަ މާދަމާ ނޫން އަނެއް ދުވަހަކީ ހައްޖު ދުވަހެވެ.

ފަހު ކޯޓާގައި ހައްޖަށް ދިއުމަށް ތައްޔާރުވެގެން މާލެއައި މީހުންނަށް ފުރޭގޮތް ނުވެ ގިނަ ދުވަސްތަކަކަށް އިންތިޒާރުގައި ތިބެންޖެހުނެވެ. އޭގެ ސަބަބުން އެމީހުންގެ ކަންބޮޑުވުން އިތުރުވެ ޝަކުވާތައްވެސް އައެވެ. ހައްޖު ކޯޕަރޭޝަނުން ބުނީ، ފުރުން ލަސްވާން ދިމާވީ ކޯޓާ ލިބުނުލެއް ލަސްވެފައި، ޖިއްދާ އެއާޕޯޓުން މި ދަނޑިވަޅުގައި ސްލޮޓް ހަމަޖައްސަން އުނދަގޫވެގެން ކަމަށެވެ.

ނަމަވެސް މިއަދު ފުރާފައިވަނީ އެ ހުރިހާކަމެއް ތަނަވަސްވެގެން ކަމަށް އިދްރީސް ވިދާޅުވި އެވެ.

މިއަދު ފުރި ހައްޖާޖީންނަކީ ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް އިތުރަށް ދިން 1،000 ކޯޓާގެ ދަށުންދާ މީހުނެވެ. މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައޫދީން ވަނީ ރާއްޖެއަށް 2000 ކޯޓާ ދީފަ އެވެ.