ދުނިޔެ

އެމެރިކާ ސަރުކާރު މުވައްޒިފުންގެ މައުލޫމާތު ޗައިނާގެ ހެކަރުން ވަގަށް ނަގައިފި

Jun 5, 2015

އެމެރިކާގެ އެތައް މިލިއަން ސަރުކާރު މުވައްޒިފުންގެ މައުލޫމާތު، ޗައިނާގެ ހެކަރުންތަކެއް ކަމަށް ބެލެވޭ ބަޔަކު ވަގަށް ނަގައިފި އެވެ.

އޮފީސް އޮފް ޕާސަނެލް މެނޭޖްމަންޓް (އޯޕީއެމް) އިން މިއަދު ބުނި ގޮތުގައި އެ އޮފީހުގެ ސާވާތަކުގައި ރައްކާކޮށްފައި ހުރި ކުރި އާއި މިހާރުގެ ޖުމްލަ ހަތަރު މިލިއަނެއްހާ ސަރުކާރު މުވައްޒިފުންގެ މައުލޫމާތު ވަނި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަގަށް ނަގާފަ އެެވެ. އޭގެ ތެރޭގައި މައި ސަރުކާރުގެ ގާތްގަނޑަކަށް ހުރިހާ އިދާރާއެއްގެ މުވައްޒިފުންގެ މައުލޫމާތު ހިމެނޭ ކަމަށް އެ އޮފީހުން ބުންޏެވެ.

އޯޕީއެމް އަކީ އެމެރިކާގެ މައި ސަރުކާރުގެ ހިއުމަން ރިސޯސަސް ކަންކަން ބަލަހައްޓާ އިދާރާ އެވެ. ވަކިވަކި މުވައްޒިފުންގެ ވަނަވަރާއި އެ މީހުންނާ ހަވާލުކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލުގެ އިތުރަށް ތަމްރީނާއި މަސައްކަތް ވަޒަންކުރާ ރެކޯޑުތައް ބަލަހައްޓަނީ އެ ތަނުންނެވެ. އަދި މުވައްޒިފުންގެ ސަލާމަތީ ކަންކަން ފަދަ ޒާތީ މައުލޫމާތު ވެސް އެ ތަނުގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިފަދަ ހަމަލާއެއް މިދިޔަ ނޮވެމްބަރު މަހު ވެސް ދީފައިވެ އެވެ. އެ ހަމަލާގައި، އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މައި އިދާރާ، ހޯމްލޭންޑް ސެކިއުރިޓީގެ 25،000 މުވައްޒިފުންނާއި އެ ނޫން ވެސް ސަރުކާރުގެ އިދާރާތަކުގެ އެތައް ހާސް މުވައްޒިފުންގެ މައުލޫމާތު، ހެކަރުން ވަގަށް ނަގައި އާއްމުކުރި އެވެ.