ދުނިޔެ

މާސް ފެތުރި މީހުން މަރުވާން ފެށުމާ އެކު ދެކުނު ކޮރެއާ އެލާޓަށް!

Jun 5, 2015

ނޭވާލާ ނިޒާމަށް ޖެހޭ މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) ދެކުނު ކޮރެއާގައި ވަރަށް ބާރަށް ފެތުރެން ފެށުމާ އެކު އެ ގައުމުގެ ސްކޫލްތައް ބަންދުކޮށްފި އެވެ.

ދެކުނު ކޮރެއާގެ ހެލްތު މިނިސްޓްރީން މިއަދު ބުނި ގޮތުގައި މާސް ޖެހިގެން ތިން ވަނަ މީހަކު މަރުވެފައި ވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 35 އަށް އަރާފަ އެވެ. އަދި އެ ބަލީގެ އަލާމާތްތައް ފެނުނު 1،600 އަށް ވުރެ ގިނަ މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެކި ގައުމުތަކުގެ 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އެ މީހުންގެ ބުކިންސް ކެންސަލްކޮށްފަ އެވެ. ދެކުނު ކޮރެއާގެ ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި އެއް ފަހަރާ އެހާ ގިނަ އަދަދެއްގެ ބަޔަކު މީގެ ކުރިން ބުކިންސް ކެންސަލްކޮށްފައެއް ނުވެ އެވެ.

މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ މާސް ޖެހިގެން ދެކުނު ކޮރެއާގައި ފުރަތަމަ ފަހަރަށް ބަޔަކު މަރުވީ މިދިޔަ ހޯމަ ދުވަހު އެވެ. އުމުރުން 58 އަހަރުގެ އެ އަންހެން މީހާ އަކީ ދެ ވަނަ އަށް މަރުވި 71 އަހަރުގެ ފިރިހެން މީހާއާ ބައްދަލުވެފައި ހުރި އަންހެނެކެވެ. މި ބަލި ޖެހިގެން ފުރަތަމަ ފަރުވާ ހޯދަން ފެށީ މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި އެ ފިރިހެން މީހާ އެވެ.

ދެކުނު ކޮރެއާގައި މާސް ބަލި ފެތުރެން ފަށާފައި މި ވަނީ، މި ބަލި ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ޗައިނާ އިން ފެނުނުތާ މާ ގިނަ ދުވަހެއް ނުވެ އެވެ. މެދުއިރުމައްޗަށް ދަތުރުކޮށްފައި ހުރި ދެކުނު ކޮރެއާގެ އެ މީހާ ދެކުނު ކޮރެއާ އިން ޗައިނާގެ ހޮންގް ކޮންގަށް ދިޔައީ އޭސިއާނާ އެއާލައިންގެ ފްލައިޓެއްގަ އެވެ. އެ އަށް ފަހު، ބަހަކަށް އަރައިގެން ޗައިނާގެ ދެކުނުގައި އޮންނަ ގުއަންޑަންގް ޕްރޮވިންސްގެ އަވަށެއް ކަމަށްވާ ހުޒޫ އަށް އޭނާ ދިޔަ ކަމަށް ވެ އެވެ. އެ އަވަށުގެ ހޮޓަލެއްގައި ހުރި އެ މީހާ އަށް މާސް ޖެހިފައިވާކަން އެނގުނީ ބަލިވެގެން ހޮސްޕިޓަލަށް ދިއުމުންނެވެ.

ދިރާސާތަކުން ލަފާކުރެވެނީ މިއީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ޖަމަލަށް ޖެހެމުން އައި ބައްޔެއް ކަމަށާއި ވައިރަސް މިއުޓޭޓްވެ އިންސާނުންގެ ހަށިގަނޑަށް ވެސް ވާސިލުވީ ކަމަށެވެ.

މާސް އަކީ 2003 ވަނަ އަހަރު އޭޝިއާގައި ފެތުރުނު ސާސް ރޯގާ އަށް ވުރެ ވެސް ނުރައްކާ ބައްޔެއް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް، މާސް އަކީ ސާސް ރޯގާހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށް ބެލެވެ އެވެ. ސާސް ރޯގާ 8،273 މީހަކަށް ޖެހުނުއިރު، އޭގެ ތެރެއިން ނުވަ ޕަސެންޓް މީހުން މަރުވި އެވެ. ސާސް ރޯގާ ފަދައިން، މާސް ވައިރަސް ޖެހުމުން ވެސް މޭގައި އިންފެކްޝަން އުފެދެ އެވެ. އަދި ހުން އައިސް، ކެއްސައި ނޭވާލާން އުނދަގޫވެ އެވެ. ނަމަވެސް ސާސް އާ ހިލާފަށް، މާސް ވައިރަސްގެ ސަބަބުން ވަރަށް ފަސޭހައިން ކިޑްނީ ފެއިލްވެ އެވެ.