ދުނިޔެ

މެގީ ނޫޑްލްސް މަނާކުރުމުގެ ބިރާއި "ސަކަރާތްގަނޑު"

Jun 5, 2015

ނުރައްކާ މިންވަރަކަށް މޮނޮސޯޑިއަމް ގުލުޓެމޭޓް (އެމްއެސްޖީ) އާއި ލެޑް ހުރެގެން މަޝްހޫރު މެގީ ނޫޑްލްސް ވިއްކުން އިންޑިއާގެ އެކި ސްޓޭޓުތަކުގައި މަނާކުރުން ބޮޑު ސިއްހީ ބިރަކަށް ވެއްޖެ އެވެ. އެކަމަކު، އެއީ ވަކި ބަޔަކަށެވެ. ކޮންމެ ކަމެއް ޖޯކަކަށް ހަދާ މީހުންނަށް މިކަން ވެސް ބޮޑު "ސަކަރާތްގަނޑަކަށް" ވަނީ ވެފަ އެވެ.

އިންޑިއާގެ އިތުރުން ދެކުނު އޭޝިއާގެ ވަރަށް ގިނަ ގައުމުތަކެއްގައި ވެސް މަގުބޫލުކަން ހޯދާފައިވާ މެގީ ނޫޑްލްސްގެ މައްސަލަ އެންމެ ފުރަތަމަ ޖެހުނީ އުއްތަރަ ޕްރަދޭޝްގައި މިދިޔަ މަހުގެ މެދު ތެރޭގަ އެވެ. އެ ސްޓޭޓުގައި ޓެސްޓްކުރި 24 ޕެކެޓެއްގައި ނުރައްކާ މިންވަރަކަށް އެމްއެސްޖީއެމް އާއި ލެޑު ހުރިކަން ހާމަވުމާ އެކު، ސްޓޭޓު ސަރުކާރުން ވަނީ މެގީ ނޫޑްލްސް ވިއްކުން މަނާކޮށްފަ އެވެ.

އެ މައްސަލަ ގައުމީ ކަމަކަށްވެ، ވެރިރަށް ދިއްލީ އާއި ގުޖުރާތާއި އުއްތަރަކަންދު އަދި ކެރެލާގައި މެގީ ނޫޑްލްސް ވިއްކުން ވަނީ ވަގުތީ ގޮތުން މަނާކޮށްފަ އެވެ. އަދި ސިފައިންނަށް ދޭ ކާއެއްޗެހީގެ ތެރޭގައި މެގީ ނޫޑްލްސް ނުހިމަނަން އަސްކަރިއްޔާ އިން ވަނީ ސިފައިންނަށް ކައްކާ މީހުންނަށް އަންގާފަ އެވެ. މީގެ އިތުރުން، މައި ސަރުކާރުން މުޅި ގައުމުގައި ކުރިއަށް ގެންދާ ޓެސްޓުތަކުގެ ބޭރުން، އެކި ސްޓޭޓުތަކުގެ ސަރުކާރުތަކުން ވެސް ވަނީ ވަކިން ޓެސްޓުތައް ކުރަމުންނެވެ.

އެ ފިޔަވަޅުތައް ގިނަ ބަޔަކު ނަގަނީ ބޮޑު ސިއްހީ ބިރެއްގެ ގޮތުގަ އެވެ. އެހެން ވާންޖެހޭ ސަބަބުތައް ގިނަ އެވެ. ހާއްސަކޮށް ސްކޫލް ކުދިންނާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންގެ މެދުގައި މަގުބޫލް މެގީ ނޫޑްލްސް ސްޓޮކްކޮށްފައި ނެތް ގެއެއް އިންޑިއާގައި މަދުވާނެ އެވެ. މެގީ އުފައްދާ ނެސްލޭ ކުންފުނިން އެ ބްރޭންޑުގެ ނޫޑްލްސް އިޝްތިހާރުކުރަން ކުރިއަށް ގެންދާ، "ދެ މިނިޓު"ގެ ނަން ދީފައިވާ ހާއްސަ މާކެޓިން ކެމްޕޭނާ އެކު، މެގީ ނޫޑްލްސް މަޝްހޫރުވެފައި ވަނީ ވެސް "ދެ މިނިޓުގެ ނޫޑްލްސް"ގެ ގޮތުގަ އެވެ.

"މެގީ އަކީ އަހަރެންގެ ހުރިހާ ދަތުރުތަކެއްގެ ބައިވެރިވެއެއް. ދެކުނުގެ ގޮނޑުދޮށްތަކާއި ފަރުބަދަމަތީ ހިސާބުތަކާއި ހަނަފަސް ސަހަރާގައި ދަތުކުރިއިރު ވެސް އަބަދު ވެސް މެގީ ލިބޭ. ކޮންމެ ސަބަބަކާ ހުރެ ވިޔަސް، ރަނގަޅު ކާއެއްޗެއް ގަންނާނެ ވަރު ނުވާ ކޮންމެ ފަހަރަކަށް ކަމުދާ އެއްޗަކަށް މެގީވޭ. އެއީ އަގު ހެޔޮވެފައި ކައްކާލަން ފަސޭހަވީމަ،" ދިއްލީގެ އަމިއްލަ ކުންފުންޏެއްގައި މާކެޓިން އެގްޒެކެޓިވްއެއްގެ ވަޒީފާ އަދާކުރާ ރޮހިތު ރަމާން ބުންޏެވެ.

އެހެން ވީމަ، މިހާރު ކުރިމަތިވެފައިވާ މައްސަލައިގެ ތެރޭގައި ރޮހިތު ފަދަ މެގީ އަށް ދެވިހިފާފައިވާ މީހުން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އޮފީސް ނިންމާލާފައި ގެ އަށް އަންނައިރު މާ ބޮޑަށް ވަރުބަލިވެފައި ހުރި ނަމަ، އަދިވެސް އަވަސް ވެގަންނާނީ މެގީ ނޫޑްލްސް ބޮނޑިއެއް ހޯދަން ހެއްޔެވެ؟

"[މެގީ ނޫޑްލްސް ކެއުމުން] ކުޑަ ބްރޭކެއް ނަގައިފިން. ވާ ގޮތެއް ބަލަން މި ތިބީ. ހަށިގަނޑަށް ގެއްލުންވާ އެއްޗެއް ނުކެވޭނެތާ!" ރޮހިތުގެ ރަށްޓެއްސެއް ކަމަށްވާ ވިރެންދުރަ ސިންހް ބުންޏެވެ.

މެގީ ކަހަލަ މަގުބޫލު ކާއެއްޗެއް މަނާކުރުން ބޮޑު ސިއްހީ ބިރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިޔަސް، ސޯޝަލް މީޑިއާ އިން އެހެން މަންޒަރެއް ވެސް ފެންނަމުންދެ އެވެ. #މެގީ، #މެގީބޭން، #މެގީއިންއަސޫޕް އަދި #މެގީކީސައިޑްއިފެކްޓްސް ފަަދަ ހޭޝްޓެގުތައް ޓުވިޓާ އާއި ފޭސްބުކް ފަދަ ސޯޝަލް ނެޓްވޯކުތަަކުގައި އުޅޭ އިންޑިއާ މީހުންގެ މެދުގައި ވަނީ ވައިގަ ހިފާފަ އެވެ. އެ ހޭޝްޓެގުތައް ބޭނުންކޮށްގެން، މިކަން "ސަކަރާތްގަނޑަކަށް" ހަދާ މީހުން ވެސް ވަކި މަދެއް ނޫނެވެ.

ނެސްލޭ އިންޑިއާ އިން ވަނީ އެ ކުންފުނިން އުފައްދާ މެގީ ނޫޑްލްސްގައި ނުރައްކާ މިންވަރަށް އެމްއެސްޖީއެމް އާއި ލެޑު ހުންނަ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ނޫޑްލްސް އާއި އެ ނޫން ވެސް ހުރިހާ ކާއެއްޗެއް އުފައްދަނީ އެންމެ މަތީ ފެންވަރުގެ ކާރުހާނާތަކާއި ގޮތްތައް ބޭނުންކޮށްގެންނެވެ.

"މެގީ ނޫޑްލްސް އަށް އެމްއެސްޖީއެމްއެއް ނާޅަން. އޭގައި ލެޑު ހިމެނޭ ކަމަށް ޓެސްޓުތަކުން ދައްކާ ނަމަ، އެއީ [ނޫޑްލްސް އުފެއްދުމުގައި ބޭނުންކުރާ] ގުދުރަތީ އެއްޗިހީގައި ހިމެނޭ ލެޑު،" ކާއެއްޗެހި އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ނެސްލޭގެ އިންޑިއާ ސަބްސިޑަރީން މިދިޔަ މަހު ފަހުކޮޅު ނެރުނު ބަޔާނެއްގައިވެ އެވެ.

އެމްއެސްޖީއެމް އަކީ ޗައިނީޒް ކާއެއްޗެއްސާއި ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީގެ ބާއްވަތްތަކުގައި ރަހަ ލެއްވުމަށް އާއްމުކޮށް ބޭނުންކުރާ މާއްދާ އެކެވެ. އެކަމަކު، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެ މާއްދާ ހުންނަ ކާތަކެތި މާ ގިނައިން ކެއުމުން ބޮލުގައި ރިއްސުމާއި މޭ އެންދުމާއި ހޮނޑު ލަވާ ގޮތްވުން ފަދަ ކަންކަމާ ކުރިމަތިލާން ޖެހެ އެވެ. އަދި ދިގު މުއްދަތަކަށް ބޭނުންކޮށްފި ނަމަ، ނާރުތަކަށް ގެއްލުން ވުން ވެސް އެކަށީގެންވާ ކަމުގެ އިންޒާރު އެ ފަރާތްތަކުން ވަނީ ދީފަ އެވެ