ކުޅުދުއްފުށީގައި ތާރު އަޅައިގެން ހަދާފައިވާ މަގުތަކާއި އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށްގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް މިރޭ އިފްތިތާހުކޮށްދެއްވައިފި އެވެ.
ރައީސް މިރޭ ކުޅުދުއްފުއްޓަށް ވަޑައިގެންފައިވަނީ ތިލަދުންމަތީ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅުގަ އެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މިއަދު މެންދުރު، އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.
ކުޅުދުއްފުށީގައި ތާރު އަޅައިގެ ތަރައްގީކޮށްފައިވަނީ 18 މަގެކެވެ. އެއީ ގާތްގަނޑަކަށް 5.8 ކިލޯމީޓަރުގެ މަގެވެ.
ކުޅުދުއްދުއްފުށީގެ މަގު ހެދުމުގެ މަސައްކަތަކީ 2010 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބޮޑު މަގު ކަމަށްވާ އަމީނީ މަގުގައި ތާރު އަޅާ ނިންމާފައިވަނީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެެހެން މަގުތަކުގެ މަސައްކަތް ވެސް އޭރު ފެށި ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އޮވެ، ބާރު ސްޕީޑްގައި މަސައްކަތް ފަށައިގަތީ މި އަހަރުގެ މެދެއްހާތާންގަ އެވެ. އެގޮތުން 2014 ވަނަ އަހަރު މަގު ހެދުމުގެ މަސައްކަތުގެ ސްޕީޑް ބާރުކޮށް އެމަސައްކަތް ނިންމައިލީ މިމަހުގެ ތެރޭގަ އެވެ.
މި މަޝްރޫއަށް ސަރުކާރުން ގާތްގަނޑަކަށް 65 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ރައީސް މިރޭ އެ ރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް ގިނަ ބަޔަކު ހޫނު މަރުހަބާއެއްކިޔެ އެވެ.
އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ 32 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. ސަރުކާރުގެ ބަޖެޓުން ހަރަދުކޮސްގެން 2015 ވަނަ އަހަރު ފެށި މި މަޝްރޫއު މިރޭ އިފްތިތާހުކޮށްދެއްވި ނަމަވެސް 2016 ވަނަ އަހަރު އެ މަޝްރޫއު ވަނީ އެއްކޮށް ނިމިފަ އެވެ.
މިރޭ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާއާއެކު ރައީސް ތިލަދުންމައްޗަށް މިއަދު ކުރައްވާ ދަތުރުފުޅު ނިންމަވައިލައްވާނެ އެވެ. ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެއާޕޯޓެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރު ސްޕީޑްގައި ކުރިއަށެވެ.