ހަބަރު

ޑރ. ޝަހީދުގެ ބަހުސް: ސެކިއުލާ ވެރިކަމެއްތަ؟ އިސްލާމީ ވެރިކަމެއްތަ؟

Aug 23, 2018
31

ރާއްޖޭގައި އޮންނަން ޖެހޭނީ އިސްލާމީ އުސޫލުތަކުގެ ވެރިކަމެއް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓަކަށް، ދީނީ މިނިވަންކާމާ ގުޅޭ އދ. ގެ ހާއްސަ ރެޕަޓުއާ އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ދެއްވި ޖަވާބަކާ ގުޅިގެން ރާއްޖޭގައި ގާއިމް ކުރާނީ ސެކިއުލާ ވެރިކަމެއްތޯ ނުވަތަ އިސްލާމީ ވެރިކަމެއްތޯއާ މެދު ބަހުސެއް އުފެދިއްޖެ އެވެ.

އިންކަމް ޓެކްސް ނުދެއްކި ނަމަވެސް މުދަލު ޒަކާތަކީ ދައްކަން މަޖުބޫރު އެއްޗެއް ކަމަށް ވިދާޅުވެ ފައްޔާޒް ކުރެއްވި ޓްވީޓަކަށް ރައްދު
ދެއްވަމުން އެމްޑީޕީގެ ވެރިކަމުގައި ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝަހީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ނިޒާމްއަކުން ހައްގު ވެރިކަމެއް ކުރެވޭނީ ސެކިއުލާ ވިސްނުމެއް ގެންގުޅެވުނު ދުވަހަކުން ކަމަށެވެ. އެކަމާ ގުޅިގެން ޝަހީދަށް ވަނީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކާއި ދެކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތައް ވެސް އަމާޒުވެފަ އެވެ.

ޝަހީދު އެގޮތަށް ވިދާޅުވުމާ އެކު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ، ފައްޔާޒު ވިދާޅުވީ ހިޔާލަކީ ތަފާތު އެއްޗެއް ކަމަށާއި އެކި މީހުން ބޭނުންވާނީ އެކި އެއްޗެހި ކަމަށެވެ. އެގޮތުން އޭނާ ބޭނުންވަނީ އިސްލާމްދީނުގެ އުސޫލުތަކުން ރާއްޖޭގައި ވެރިކަން ކުރާނޭ ނިޒާމެއް ރާއްޖޭގައި އޮތުން ކަމަށާއި ރައްޔިތުން އެހެން ގޮތެއް ބޭނުންވެއްޖެ ނަމަ އެ ރައްޔިތަކު އެކަމެއް ކުރާނެ ކަމަށެވެ.

ޝަހީދަށް ރައްދުދެއްވައި އެމްޑީޕީގެ މަޖިލިސް މެންބަރު، އިބްރާހިމް ދީދީ ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި ސެކިއުލާ ވިސްނުމަކަށް ޖާގައެއް ނެތް ކަމަށާއި އޮންނާނީ އިސްލާމީ އުސޫލުތައް ކަމަށެވެ. އަދި އެ ޓްވީޓަށް ހިޔާލު ފާޅުކުރި ބައެއް އާންމުން ބުނީ، މަލްޓި ޕާޓީ ނިޒާމެއްގައި ވެސް އިސްލާމީ އުސޫލުތަކަށް ވެރިކަމެއް ގާއިމް ކުރެވިދާނެ ކަމަށާއި ޝަހީދުގެ ވިސްނުން ހަނިކަމަށެވެ. އަދި ހެޔޮވެރިކަމާއި ޑިމޮކްރަސީ ގެންނަން ދީނީ އަގީދާތަކަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. އަނެއް ބަޔަކު ބުނީ ޝަހީދަކީ "ޣައްދާރެއް" ކަމަށެވެ.

"ޝަހީދު މިއީ ކާކުތައް ދީނީ ވާހަކަ ދައްކަން،" ހިތްހަމަ ނުޖެހި މީހަކު ޝުއޫރު ފާޅުކުރި އެވެ. އެހެން މީހަކު ބުނީ ސެކިއުލާ ވެރިކަން އޮންނަ ވަރަށް ގިނަ ގައުމުތަކުގައި މުސްލިމުންނަަށް ރަށްވެހިކަން ވެސް ނުލިބޭ ކަމަށާއި އެ ހިޔާލާ ފިކުރަކީ މުސްލިމުން އެއްފަރާތްކޮށް އިސްލާމް ދީނުގެ ބާރު ކަނޑުވާލުމުގެ ފަލްސަފާއެއް ކަމަށެވެ. އަދިވެސް ހިޔާލުފާޅު ކުރި ބައެއް މީހުން ބުނީ ޝަހީދު ޕްރޮމޯޓް ކުރައްވަނީ އެމްޑީޕީ ފަލްސަފާއެއް ކަމަށެވެ. އަނެއް ބަޔަކު ސިފަކުރެއްވީ ޝަހީދު، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައިގެން ހުންނަވައި އެގޮތަށް ޓްވީޓެއް ކުރެއްވުމުން އިދިކޮޅު ރިޔާސީ ކެމްޕޭނަށް ހިޔަނި އެޅޭ ކަމަށެވެ.

އެ ބަހުސް އެފެދުމާއި އެކު އެކަމަށް ރައްދު ދެއްވަމުން ޝަހީދު ވިދާޅުވީ ސެކިއުލާ ނިޒާމްއަކީ އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފް ނިޒާމެއް ނޫން ކަމަށާއި ދީނުގެ މަޖުބޫރު ކުރުވުމެއް ނޯންނާނެ ކަމަށެވެ. އެގޮތުން ސެކިއުލާ ވެރިކަމެއްގެ ނިޒާމުގައި ބުރުގާ އަޅާކަށް ވެސް އަދި ނާޅާކަށް ވެސް ސަރުކާރުން މަޖުބޫރެއް ނުކުރުވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ. އޭނާ ސެކިއުލާ މާނަ ކުރައްވާ ގޮތް ތަފްސީލް ކުރައްވަމުން އިތުރަށް ވިދާޅުވީ ސެކިއުލާ އުސޫލަކީ ދީނީ އަގީދާ ބަލިކަށި ނޫން މީހުން ގަބޫލު ކުރާ ފަލްސަފާއެއް ކަމަށެވެ. އެެއީ ދީނީ ރުކުންތައް އަދާކުރަން ޖެހޭނީ ސަރުކާރެއް ދެކެ ގަންނާ ކުރައްވާ ބިރުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް، ޝަހީދު ވަނީ ދީނީ ބޮޑެތި މައްސަލަތަކުގައި ފާޅުގައި ފާޑު ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި އެހެން ދީން ތަކަށް މިނިވަންކަން އޮންނަން ޖެހޭ ކަމަށް އޭނާ ފާޅުގައި ވަކާލާތު ކުރައްވަ އެވެ. އަދި ގިސޯސް ހިފުމާއި އަތް ކެނޑުން ފަދަ ދީނީ ބައެއް ހުކުމްތައް ތަންފީޒު ކުރުމަށް އޭނާ ދެކޮޅު ހައްދަވާފައިވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އިދިކޮޅު ފަރާތްތަކަށް އާންމުކޮށް ރައްދު ދެއްވަނީ ވެސް އިސްލާމް ދީން ހިމާޔަތްކޮށް އެކަމަށް އަހަން މިއްޔަތުކަން ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ލުއި ސިޔާސަތުތަކެއް ކަމަށް ވިދާޅުވެ އެވެ. ރައީސް ރޭ ވެސް ކުޅުދުއްފުށީގައި ވާހަކަފުޅުގައި އިދިކޮޅު ފަރާތްތަކަށް ޗެލެންޖް ކުރައްވަމުން ވިދާޅުވީ ރާއްޖޭގައި ގިސޯސްގެ ހުކުމް ތަންފީޒު ކުރުމަށް ވައުދުވާން ވެސް ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގައި އިސްލާމް ދީން ނޫން ދީނެއް ރާއްޖޭގައި ނޯންނާނެ ކަމަށް އޮތުމަކީ މިތަނުގައި އެހެން ދީން ތަކަށް ފުރުސަތު ނުލިބޭނެ ކަމަށް ބުނުމަކީ އަދި ޖަވާބެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.