ހަބަރު

މައުމޫން ހާލު ސީރިއަސްއެއް ނޫން، ދޫނިދުއަށް ބަދަލުކުރީ އާއިލާއިން އެދިގެން: އޮފިޝަލް

Aug 25, 2018
5

ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ފުރިހަމަ ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ގޯސް ނޫން ކަމަށާއި އެ މަނިކުފާނާ މެދު ކަރެކްޝަންސް އިން އިހުމާލު ނުވެ އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ޖަލަށް ލެވުނު އިރުވެސް ރައީސް މައުމޫން ގެންދެވީ، ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ނޫނީ ބޯއެނބުރައިގަނެ ވެއްޓުމުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން އެވެ. "ބީޕީޕީވީ" ގެ ފަރުވާ ތަކަކީ އާންމުގޮތެއްގައި އެކިއެކި ގޮތްގޮތަށް އޮށޯވެއޮވެގެން، ނުވަތަ ބައެއް ކަހަލަ ކުދިކުދި ކަސްރަތު ތަރުތީބުން ކޮށްގެން ހައްލު ލިބޭ ސިއްހީހާލަތެއް ކަމަށް ޑޮކްޓަރުން ވިދާާޅުވެ އެވެ. އަދި ގިނަ ވަގުތު އަރާމު ކުރުމަކީ ވެސް އެ ބައްޔަށް ފަރުވާލިބޭ ކަމެކެވެ.

އާއިލާ އާއި ވަކީލުން ބުނަމުން އަންނަނީ މިދިޔަ އީދު ދުވަހު މައުމޫންގެ ހާލު ސީރިއަސްވެ މާފުށީ ޖަލަށް މާލެއިން ޑޮކްޓަރުންގެ ޓީމެއް ގެންދިޔަ ކަމަށެވެ. އަދި އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ދޫނިދުއަށް ބަދަލު ކުރީ ވެސް ހާލު ސީރިއަސްވެގެން ކަމަށް އާއިލާ އާއި ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ކުރީގެ ރައީސްގެ ސިއްހީހާލުކޮޅާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ނަން ނުޖެހުމަށް އެދިވަޑައިގަތް ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ "އަވަސް"އަށް ވިދާޅުވީ މިދިޔަ އީދު ދުވަހު ރައީސް މައުމޫންއަށް ފަރުވާދިނުމަށް މާލެއިން ޑޮކްޓަރުން ގެންދިޔައީ އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެގެން ނޫން ކަމަށާއި ވަކި ހާއްސަ ސްޕެލިސްޓުން ތަކަކަށް ދައްކަން އަމިއްލައަށް އެދިވަޑައިގަތުމުން އެކަން ފަހިކޮށް ދެއްވުމަށް ކަމަށެވެ. އަދި އެމަނިކުފާނު ދޫނިދުއަށް ބަދަލު ކުރެއްވީ، ވަކި ކަހަލަ ކަސްރަތުތަކެއް ކުރެއްވުމަށް އެ ސްޕެސަލިޓުން މައުމޫންއަށް ލަފާ ދެއްވުމުން އެކަމުގައި އެހީތެރިވުމަށް އެމަނިކުފާނުގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމްއަށް، މައުމޫންގެ އަރިހަށް ފަސޭހައިން ދަތުރު ކުރެއްވޭނެ އިންތިޒާމް ހަަޖައްސަވައި ދެއްވުމުގެ ގޮތުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ދޫނިދޫ ކައިރީ ވީމާ ނަސްރީނާއަށް ފަސޭހަ ފުޅުވާނެތީ އެގޮތަށް ހަމަޖެއްސީ. އެއީ ކަސްރަތުތައް ވަރަށް އާންމުކޮށް ކުރަން ޖެހޭތީ އެހެން ހަމަޖެއްސީ. އެއީ އެއްގޮތަކަށް ވެސް މައުމޫންގެ ހާލުކޮޅު ސީރިއަސްވެގެން ކުރި ކަމެއް ނޫން. މައުމޫންގެ ހާލުކޮޅު ސީރިއަސްއެއް ނޫން. މީޑިއާގައި ފެތުރޭ ވާހަކަ ތަކަކީ ދޮގެއް،" އޮފިޝަލް ވިދާޅުވި އެވެ. "ދޫނިދުއަށް މައުމޫން ބަދަލު ކުރެއްވީ ނަސްރީނާ އެދިވަޑައިގެންނެވީ އަވަހަށް ފަސޭހައިން ދަތުރު ކުރެވޭނެ، މާފުއްޓަށް ވުރެ ކައިރި ތަނެއްގައި މައުމޫން ބެހެއްޓުމުން ދަތުރުކުރަން ފަސޭހަފުޅުވާނެ ކަމަށް. އެހެންވެ އާއިލާއަށް ފަސޭހަޔަކަށް އާއިލާއިން އެދިގެން އެކަން ހަމަޖައްސައި ދިނީ،"

އޭނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް ނަސްރީނާއަށް މައުމޫންއާ އަރިހަށް ވަޑައިގެން ގިނަ ވަގުތު ހޭދަކުރެއްވުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި މައުމޫންގެ ބީޕީޕީވީ ހުރުމުން އެކަމަށް ވެސް ގަވާއިދުން ސްޕެސަލިޓް ޑޮކްޓަރުންގެ ކޮންސަލްޓޭޝަން ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މައުމޫންގެ ހާލު ސީރިއަސްވި ކަމަށް ދެކެވޭ ވާހަކަތަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"ކަރެކްޝަންސް އިން މައުމޫންއަށް އަޅާލަން ޖެހޭ އެންމެ ބޮޑަކަށް އަޅާލަމުން ދަނީ. ކޮންމެ ދުވަހަކު އާއިލާޔާ ބައްދަލު ކުރެއްވުމާއި މި ހުރިހާ ކަމެއް ސަރުކާރުން ބަރާބަރަށް ހަމަޖައްސައިދެން،" އޮފިޝަލް ވިދާޅުވި އެވެ.

މައުމޫން މާފުށީ ޖަލަށް އަނބުރާ ބަދަލުކުރީ މިއަދުގެ ވަގުތެއްގަ އެވެ. މައުމޫންގެ އާލާސްކަންފުޅު ބޮޑުވެ ހާލު ސީރިއަސް ކަމަށް އާއިލާ އާއި ވަކީލުން ވިދާޅުވާން ފެއްޓެވުމުން އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް އެކި ފަރާތްތަކުން ގޮވާލި އެވެ. ވަރަށް އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި މައުމޫން އަނބުރާ މާފުށީ ޖަލަށް ބަދަލު ކުރަން ކަރެކްޝަންސް އިން މިއަދު ނިންމީ، އެމަނިކުފާނުގެ ވަކީލުން ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ފަތުރާ، އެ ބަދަލަކީ މައުމޫންގެ ހާލު ސީރިއަސްވެގެން ގެނައި ބަދަލެއް ކަމަށް ބުނަމުންދާތީ އެވެ.

މި ކަންކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޖުލައި 13 ވަނަ ދުވަހު ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެން އެވެ.

މައުމޫން ހައްޔަރުކުރީ ފެބުރުއަރީ އެެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވެ އެވެ.