ހދ. ނޮޅިވަރަމަށް ނިސްބަތްބާ އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް ބަންދުކޮށްފައި ހުރި ގޮޅީގައި އަމިއްލައަށް ދަންޖެހުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ކުރިއަށް ގެންދާ ތަހުގީގަށް މަޑުޖެހުމެއް ނާންނާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ ފައިސަލް ދަންޖެހުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ތަހުގީގު ކުރިއަށްދާ ކަމަށެވެ.
"ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ފުލުހުން ޖަވާބުދާރީ ކުރުވާ އިދާރާތަކުން އެބަ ތަހުގީގު ކުރޭ. ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުމެއް އޮތިއްޔާ ލިބޭނެ،" ހަފްސީ ވިދާޅުވި އެވެ.
ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ނަމުގައި ވަކި މަގާމެއް އުފައްދަވާ އެ މަގާމަށް ވެސް މިސަރުކާރުގައި ބޭފުޅަކު އައްޔަންކުރައްވާފައިވެ އެވެ. މިވަގުތު އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމުގައި ހުންނެވީ އައިޝަތު ނޫރާ މުހަންމަދެވެ.
ހަފްސީ ވިދާޅުވީ ފައިސަލް ދަންޖެހުމުގައި ޖަލުގެ ރައްކާތެރިކަމުގެ އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމުގެ މަސައްކަތް ނޫރާ ކުރައްވާނެ ކަމަށެވެ.
މީހުން ބަންދުކުރުމަށް ހާއްސަކޮށްގެން ހަދާފައިވާ އެއްވެސް ތަނެއް ބޭނުންކުރުމުގެ ކުރިން އެތަނެއް ބަލާނެ ކަމަށާއި ހުޅުވާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށްވެސް ހަފްސީ ވިދާޅުވި އެވެ. އަދި ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ޖަލުތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
އުމުރުން 32 އަހަރުގެ ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ވަނިކޮށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރަނިކޮށް ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އޭނާ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް މަރުވެފައިވަނީ މިއަދު 8:28 ހާއިރު އެވެ.
ފައިސަލް އަކީ ނޮޅިވަރަމް ފެނަކަ އޮފީހުގައި ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް އެ ރަށުގެ ބައެއް މީހުން ތުހުމަތުވެސް ކުރެ އެވެ.