ދުނިޔެ

އެމެރިކާގެ ސެނެޓާ ޖޯން މެކެއިން އަވަހާރަވެއްޖެ

Aug 26, 2018

ވޮޝިންގްޓަން (އޯގަސްޓް 26) - އެމެރިކާގެ ސެނެޓާ އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓް ޖޯން މެކެއިން މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 81 އަހަރުގެ މެކެއިން ވަނީ އެމެރިކާގެ ސެނެޓުގައި ހަ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. އޭނާ އަވަހާރަވީ ސިކުނޑީގައި ޓިއުމަރެއް އުފެދި، އެކަމަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ބަރަކް އޮބާމާ އާދެކޮޅަށް ވާދަކުރައްވައި، 2008 ވަނަ އަހަރުގެ އިންތިހާބު މެކެއިނަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ނަމަވެސް، މެކެއިން އަކީ އެމެރިކާއަށް ދިމާވެފައިވާ އެކި މައްސަލަތުގައި އަޑު ހަރުކޮށް ވަރުބަލިކަމެއްނެތި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ރިޕަބްލިކަން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ވެސް މެކެއިން ވަނީ ފާޅުކަންބޮޑު ގޮތެއްގައި ފާޑުވިދާޅުވެފަ އެވެ.