ބޭރު ކުޅިވަރު

ޕަލޭމޯގެ ފޯވަޑް ޑިބާލާ ޔުވެންޓަސް އަށް

ޕަލޭމޯ އަށް ކުޅެމުންދިޔަ އާޖެންޓީނާގެ އުންމީދީ ފޯވަޑް ޕައުލޯ ޑިބާލާ އިޓަލީ ލީގުގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެއްޖެ އެވެ.

ޔޫރަޕްގެ ބޮޑެތި އެހެން ކްލަބުތަކުން ފާރަލަމުންދިޔަ ޑިބާލާ ޔުވެންޓަސް އަށް ޕަލޭމޯ އިން ދޫކޮށްލީ 32 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގަ އެވެ. ޑިބާލާ ޔުވެންޓަސްއާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އާޖެންޓީނާގެ އިންސްޓިޓޫޓޯ އިން 2012 ވަނަ އަހަރު ޕަލޭމޯ އަށް ބަދަލުވީ ޑިބާލާ ވަނީ މި ސީޒަންގައި 13 ލަނޑު ޖަހައިފަ އެވެ. ޑިބާލާ އަށް މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އިން ޝައުގުވެރިވި ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

 "ޔުވެންޓަސް އިން އަހަރެން ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރީ. އެއީ އަހަރެން ޔުވެންޓަސް އަށް ބަދަލުވާން ނިންމި އެއް ސަބަބު،" ޑިބާލާ ބުންޏެވެ.

ޑިބާލާ ބުނީ ޔުވެންޓަސްގައި އޭނާ އަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލްކުރާ ކަމަށެވެ. އެކަމަކު ޕަލޭމޯގައި ހޭދަކުރި ތިން އަހަރުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ޑިބާލާ ބުންޏެވެ.