ދުނިޔެ

ސުނާމީގައި އަަވަށް ބިމާ ހަމަވިއިރު ކޮޅަށް ހުރި މިސްކިތް

މީގެ 10 އަހަރު ކުރިން އިންޑޮނީޝިއާގެ ސުމަޓްރާ އަށް އައި ބާރުގަދަ ބިންހެލުމަކާ އެކު އުފެދުނު ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ތަނަކީ އެ ގައުމުގެ ބަންޑަ އަޗޭ އެވެ. އެރަށް އެކީގައިހެން ބިމާ ހަމަވެ ފެނުގެ ތެރެއަށް ޣަރަގުވެގެން ދިޔައިރު ކޮޅަށް ހުރި މަދު އިމާރާތްތަކުގެ ތެރެއިން އެއް ތަނަކީ މިސްކިތެކެވެ. އެ މިސްކިތް ވެގެން ދިޔައީ އެ މިސްކިތް ހުރި މުޅި ސަރަހައްދުގައި ވެސް ސަލާމަތުން ހުރި ތަނަށެވެ. އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުން 226000 މީހުން މަރުވި ސުނާމީ އަށް 10 އަަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބަންޑަ އަޗޭގެ އެތައް ހާސް ބަޔަކު އެއްވީ ސަލާމަތްވި މިސްކިތުގައި ދުއާކުރުމަށެވެ.

އެއީ 135 އަހަރުވެފައިވާ މިސްކިތެކެވެ. ޑިސެމްބަރު 26، 2004 ގައި 9.1 މެގްނިޓިއުޑްގައި އައި ބިންހެލުމާ އެކު އުފެދުނު ބިޔަ ސުނާމީގައި ބަންޑަ އަޗޭގެ އެ މިސްކިތް ކޮޅަށް ހުރި އިރު އެ މިސްކިތާ ކައިރި އެއްވެސް ހިސާބެއްގައި ސަލާމަތުން ހުރި އިމާރާތެއް ނެތެވެ. އަޖައިބުން ފުރިގެންވި އެ މަންޒަރު މުޅި ދުނިޔެ އަށް ފޮޓޯ އާއި ވީޑިއޯގެ ޒަރިއްޔާ އިން އާންމުވެގެން ދިޔަ އެވެ. އެ މިސްކިތުގެ ނަމަކީ ބައިތުއްރަހްމާން އެވެ.

ސުނާމީގެ ހަނދާންތައް އާކުރުމަށް ބުރާސްފަތި ދުވަހާއި މިއަދު އެ މިސްކިތް ދޮށަށް 5000 އަށް ވުރެ ގިނަ މީހުން ޖަމާވި އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ސުނާމީގެ ބިޔަ ރާޅުތައް އަރައިގެން ދިޔަ ވަގުތު ހިމާޔަތް ހޯދަން އެތައް ސަތޭކަ ބަޔަކު، ގޮނޑު ދޮށާ ދުރު ނޫން ހިސާބެއްގައި ހުރި އެ މިސްކިތް ތެރެއަށް ވަނެވެ. އެ މީހުން ވަނީ ނުރައްކަލުން ސަލާމަތް ވެފަ އެވެ. އެ މީހުންގެ އީމާންތެރިކަން ވަނީ ވަރުގަދަވެފަ އެވެ.

"މި މިސްކިތް ސަލާމަތްކުރެއްވި ފަރާތަކީ މާތްﷲ. އަހަރެމެން މުސްލިމުން ގަބޫލުކުރަނީ މިގޮތަށް،" މިސްކިތުގެ އިސް އިމާމު ވިދާޅުވި އެވެ.

ނަމަވެސް އާކިޓެކްޓުން ބުނަނީ އެ މިސްކިތް ސަލާމަތްވީ ބިނާކޮށްފައި ހުރިލެއް ވަރުގަދަކަމުން ކަމަށެވެ. އެގޮތުން މިސްކިތުގެ ބިންގާގެ ހާއްސަ ސިފަތައް ފާހަގަކޮށްފައިވެ އެވެ.

"މިސްކިތަކީ ﷲގެ ގެކޮޅު. އެއީ އެފަދަ ބިޔަ ސުނާމީއެއް އުފެއްދެވި ފަރާތުގެ ގެކޮޅު،" މިސްކިތުގެ ސަބަބުން ސުނާމީގެ ނުރައްކަލުން ސަލާމަތްވި އަހްމަދު ޖުނައިދު އޭޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އޭނާ އަކީ ސުނާމީ އެރި ވަގުތު ރައްކާތެރިކަން ހޯދަން މިސްކިތުގެ ގުއްބު މައްޗަށް އަރާ އޮތް، އޭރު އުމުރުން 18 އަަހަރުގެ ޒުވާނެކެވެ. އޭނާ އަށް ފެނުނީ ރަށު ތެރެއަށް ކަނޑު އަރައިގެން ދިޔައިރު މަރުވެފައިވާ ހަށިތަކާއި މީހުންގެ ގެދޮރު އޮޔާދާ ތަނެވެ. މަރުވެފައިތިބި އެހާ ގިނަ މީހުން އޭނާ ދުވަހަކު ވެސް އެހާ ގިނައިން ނުދެކެ އެވެ. އަރައިގެން އައި ލޮނުގަނޑު މިސްކިތުގެ ވަށާ ފާރުމަތިން ވެސް އެރި އެވެ. މި ބިރުވެރި ހާދިސާ އަށް ފަހު މި ޒުވާނާ ފަސް ވަގުތު ނަމާދުކުރެ އެވެ. ދީނީ ކަންކަމަށް ފަރުވާ ބަހައްޓަ އެވެ.

އެ މިސްކިތަކީ އިންޑޮނީޝިއާ އިސްތިއުމާރުކޮށްގެން ތިބި ޑަޗް މީހުން 1881 ގައި ބިނާކޮށް ނިންމި ތަނެކެވެ. ސުނާމީ އަރައި ފައިބައިގެން ދިޔައިރު އެ މިސްކިތަށް އެއްވެސް ކަމެއް ނުވެޔޭ ބުނެވޭ ވަރުވެ އެވެ. އެހާ ވެސް ގެއްލުން ކުޑަ އެވެ.

އަޗޭ ޕްރޮވިންސުން ސުނާމީގައި ވަނީ 168000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ގުނާ އަދަދު ނުކުރެވޭހާ ގެއްލުން ލިބުނެވެ. އެކަމަކު އެތަނުގެ ގިނަ މީހުން ދެކެނީ ސުނާމީ އަކީ ރަހުމަތެއްގެ ގޮތުގަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ސުނާމީގެ ކުރިން ދާހިލީ އަނިޔާވެރި ހަމަނުޖެހުންތައް ހިނގަމުން ދިޔަ ތަނެކެވެ. އެ ހަމަނުޖެހުންތަކާ ހެދި ތަރައްގީގެ އެއްވެސް ކަމެއް ނުހިނގަ އެވެ. އެއީ އެއްވެސް ހިތްހަމަޖެހުމެއް އަދި އުފަލެއް ނެތް ތަނެކެވެ. ސުނާމީގައި ލިބުނު ބޮޑު ގެއްލުމާއި ހިތާމައަށް ފަހު ހަނގުރާމަވެރިން ވަނީ ހަތިޔާރު ބަހައްޓައި ސިފައިންނަށް އަމާން ދީފަ އެވެ.

"ސުނާމީ އަކީ މާތްﷲ ފޮނުއްވި ކޯފާއެއްގެ ގޮތުގައި ނުދެކި އެއީ ރަހުމަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ،" މިސްކިތަށް ޖަމާވެ ތިބި މީހުންނާ މުހާތަބުކުރެއްވި ސައޫދީގެ އިލްމުވެރިއެއް ކަމަށްވާ ޝައިޚް އަލީ ޖާބިރް ވިދާޅުވި އެވެ.

އަޗޭގެ ގިނަ މީހުން ދެކެނީ ސުނާމީ އައީ އެ މީހުން މާތްﷲގެ ދީނާ ދުރުވެ އުޅުން ނުބައިވެގެން ދިއުމުގެ ސަބަބުން ކަމަށެވެ. އެެހެންވެ ސުނާމީ ހާދިސާ އަށް ފަހު އެތައް ބަޔަކު ވަނީ އިސްލާހުވެފަ އެވެ.