ދުނިޔެ

ހަމަނުޖެހުމުގައި ލީބިޔާގެ ޖަލަކުން 400 ގައިދީން ފިލައިފި

Sep 3, 2018

ޓްރިޕޮލީ (ސެޕްޓެމްބަރު 3) - ލީބިޔާގެ ހަނގުރާމަވެރިންނާއި ފުލުހުންނާއި ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި، ޓްރިޕޮލީގައި ހުންނަ ޖަލަކުން 400 އަށް އެއްހާ ގައިދީން ފިލައިފި އެވެ.

ޓްރިޕޮލީގައި ހުންނަ އައިން ޒާރާ ޖަލުގެ ގައިދީން ޖަލުގެ ދޮރު ފަޅާލައިގެން ފިލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އދ. އިން ގާއިމުކޮށްފައިވާ ލީބިޔާ ސަރުކާރުން މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފަ އެވެ.

ޖަލުން ފިލި ގިނަ ގައިދީންނަކީ އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ރައީސް މުއައްމަރަލް ގައްޒާފީގެ ސަޕޯޓަރުންކަމަށާއި، އެމީހުން ޖަލަށް ލާފައިވަނީ 2011 ވަނަ އަހަރު އެ ގައުމުގައި ހިނގި ހަމަނުޖެހުންތަކުގައި މީހުން މެރުމުގެ ދައުވާ ސާބިތުވެގެން ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ނިކުތް ހަނގުރާމަވެރިން ނޭޓޯގެ އެހީތެރިކަމާ އެކު އެ ސަރުކާރު ވައްޓާލާ ގައްޒާފީ އަވަހާރަކޮށްލި ފަހުން އެގައުމުގައި ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ. އަދި ހައްދު ފަހަނަ އެޅި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަށް ދަށަށް އެ ގައުމުގެ ބައެއް ސަރަހައްދުތައް ގޮސްފައިވާ އިރު އެ ގައުމު އޮތީ ދާހިލީ ހަނގުރާމައެއްގެ ތެރޭގަ އެވެ.