އެއާޕޯޓެއް ގާއިމް ކުރުމަކީ ވަރަށް މަދު ރަށަކަށް ނޫނީ ލިބިގެންދާ ނަސީބެއް ނޫން ކަމަށާއި ފެނިގެންދަނީ ހދ. ކުޅުދުއްފުށީގެ ރައްޔިތުން ކުރަމުންދާ އުންމީދުތައް ހަގީގަތަކަށް ވެގެންދާ މަންޒަރު ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓް އިއްޔެ ބައްލަވާލެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ، ކުޅުދުއްފުށި އެއާޕޯޓްގެ މަޝްރޫއު ވެގެންދާނީ ރަށުގެ ޒުވާނުންނަށާއި މުސްތަގުބަލަށް ކުރެވިގެންދާ ވަރަށް ބޮޑު މަޝްރޫއަކަށް ކަމަށެވެ. އަދި އަތޮޅުގެ ރައްޔިތުންނަށްވެސް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއަކަށް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކިހާ ބޮޑު ފަސޭހައެއްތޯ ވެގެންދާނީ މާލެއިން ފުރައިގެން ރަށަށް، މިއީ ރާއްޖޭގެ މަދު ރަށަކަށް ނޫނީ ލިބިގެންދާނެ ނަސީބެއް، މިރަށުގެ ވަރަށް ގިނަ ރައްޔިތުން އެއާޕޯޓް ބައްލަވާލުމަށް އައިސް އެބަ ތިއްބެވި، ހުރިހާ ބޭފުޅުންވެސް ވަރަށް އުފާވެރިކަމާއެކު އުންމީދުތަކެއް އެބަ ކުރައްވާ، ވަރަށް އަވަހަށް އެއާޕޯޓް ހުޅުބިގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ރައީސް ޔާމީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ފަސޭހަ އަދި ތަނަވަސް ފުރުސަތުތަކެއް ގާއިމްކޮށް ދެއްވުމަށް ކަމަށެވެ.
"މިއަދުވެސް ކުޅުދުއްފުށި އެއާޕޯޓް ގާއިމް ކުރެވެމުންދާއިރުގައި، މި އެއާޕޯޓް ކައިރީގައި ހުންނަވައިގެން މިދަންނަވަނީ މިއޮތީ ހަގީގަތް ހާމަވާން، މިވަރުގެ މުހިންމު ބޮޑެތި މަޝްރޫއުތައް ގާއިމް ކުރެވިގެންދާއިރުގައި ރައީސް ޔާމީނަށް ދެވަނަ ދައުރަކަށް ފުރުސަތު ލިބިއްޖެނަމަ މިފަދަ ކިތަންމެ ކިތަންމެ މަޝްރޫއުތައް ރާއްޖޭގެ ރައްޔިތުންނަށްޓަކައި ގާއިމް ކުރެވިގެންދާނެ،" ޝަހީމް ވިދާޅުވި އެވެ.
ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ދިއުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ ގައުމު ބިނާ ކުރުމަށްކަމަށާއި އެފުރުސަތު ނަގާ ނުލުމަށްވެސް ޝަހީމް ވިދާޅުވި އެވެ.
"ރައީސް ޔާމީންގެ ޒައާމަތުގައި ހުރިހާ އެންމެން ގުޅިގެން ހުރިހާ ރައްޔިތުން ގުޅިގެން ހުރިހާ ޕާޓީތައްވެސް ގުޅިގެން ވޯޓް ދޭންވީ ރައީސް ޔާމީނަށް، ބަދަހި ސަފްތަކަކާއެކު ރައީސް ޔާމީނަށް ދެވަނަ ފުރުސަތެއް ދެމާ ހިންގަވާ،" ޝަހީމް ވިދާޅުވި އެވެ.